އަމުރާ ޚިލާފަށް ކަމެއް ކުރާނަމަ ވަގުތުން ހުއްޓުވަން ސަލާމާތީ ބާރުތަކަށް އަމުރުކޮށްފި
ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސްޕްރީމްކޯޓުން ކުރައްވާފައިވާ އަމުރާ ޚިލާފަށް އެއްވެސް ފަރާތަކުން އެއްވެސް އަމަލެއް ކުރާ ކަމަށްވާނަމަ އެކަމެއް ވަގުތުން ހުއްޓުވުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.
ސްޕްރީމްކޯޓުން މިއަމުރު ނެރެފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެފައި ވަނިކޮށްނެވެ. ނަމަވެސް އެއަމުރަށް ރިއާޔަތް ކޮށް ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައިވަނީ "މިއަމުރާ ޚިލާފަށް އެއްވެސް ފަރާތަކުން އެއްވެސ އަމަލެއް ހިންގާނަމަ އެކަން ވަގުތުން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 237 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް އަންގައި އަމުރު ކުރަމެވެ."
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ "ދައުލަތުގެ ތިން ބާރުގެ ތެރެއިން ބާރަކާއި ނުވަތަ ދައުލަތުގެ މުއައްސަސާއަކާ އެހެން ފަރާތަކާ ދެމެދު ނުވަތަ ފަރުދުންގެ މެދުގައި އުފެދޭ ދެބަސްވުންތަކާ ގުޅިގެން އިންސާފު ގާއިމުކޮށް ނިންމަންޖެހޭ ފައިސަލާ ކުރަނިވި އަދި ގާނޫނީ ބާރު ލިބިދޭ ނިންމުންތައް ނިންމުމުގެ އިހުތިޔާރާއި ބާރު ގާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތަކީ ހަމައެކަނި އަދު އިންސާފު ގާއިމު ކުރުމުގެ ބާރުކަން ގާނޫނު އަސާސީން 141 ވަނަ މާއްދާއިން ސާފުކޮށް އެނގެން" އެބައޮތް ކަމަށެވެ.
އެހެން ކަމުން ގާނޫނު އަސާސީ އާއި ގާނޫނު މާނަ ކުރުމުގައި ޝަރީއަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓްގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ކަނޑައެޅިގައި ބަޔާން ވެގެންވާ ކަމަށްވެސް އަމުރުގައިވެއެވެ.
އެއަމުރުގައި ބުނެފައިވަނީ ފުރަތަމަ ބުރުގައި ލައިފައިވާ ވޯޓާބެހޭ ގޮތުން އެކޯޓުން މިމަހުގެ 23 ވަނަ ދުވަހު ނެރެފައިވާ އަމުރާ ޚިލާފަށް އެއްވެސް ކަމެއް ނުކުރުމަށެވެ. އަދި ދެވަނަ ބުރުގައި ވޯޓްލުމަށްޓަކައި އިލެކްޝަނުން އިންތިޒާމް ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ކުރުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސް ކުރުމަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) ގެ މައްޗަށް ރިޔާއަތްކޮށް އަމުރު ކުރުމާއެކު އަމުރުގައި ބުނެފައިވާ ގޮތުގެ މަތީން ތަންފީޒު ކުރުމަށްވެސް ބުނެފައިވެއެވެ.
"މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަގާމުތަކާއި ހަވާލުވެތިބި މީހުންނާއި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމާތީ ހިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެމައްޗަށް ތަބާވުން ލާޒިމް ނިންމުމެކެވެ." ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.
"ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމަށް ނުވަތަ އަމުރަކަށް ނުވަތަ ނިންމުމަކަށް ވިޔަސް ގޮންޖެހުމާއި ނުކިޔަމަންތެރިވުމަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގައި ހުއްދަ ކުރެވިދާނެ ކަމެއް ނޫން" ކަމަށްވެސް އެއަމުރުގައި ބުނެފައިވެއެވެ.
މިއަމުރުގައި ސޮއި ކުރައްވާފައި ވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އަލީ ހަމީދާއި، ފަނޑިޔާރު އާދަމް މުހަންމަދާއި، ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. 7 ފަނޑިޔާރުންގެ ތެރެއިން މިއަމުރުގައި ސޮއި ކުރައްވާފައި ނުވަނީ، ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.
ސްޕްރީމް ކޯޓުން މިއަމުރު ނެރުމުން އިލެކްޝަންސް ކޮމިޝަނުންވަނީ އިންތިޚާބަށް ވަމުންދިޔަ ތައްޔާރީތައް މިވަގުތަށް މަޑު ޖައްސާލާފައެވެ.
ސްޕްރީމް ކޯޓުން މިއަމުރު ނެރުމުގެ ކުރިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައިވަނީ ސްޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް ބާއްވާ އިންތިހާބުގެ އެއްވެސް ކަމެއްގައި ފުލުހުންގެ އެހީތެރިކަން ދެވެން ނޯންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު