ހިސާރު ކުރެވިފައިވާ ދައްމާޖުގެ ޙާލަތާ މެދު ރެޑްކްރޮސް ޖަމާޢަތުން ކަންބޮޑުވުން ފާޅުކޮށްފި
ޔަމަނުގެ އުތުރު ސަރަޙައްދުގެ ސަޢަދާގެ ދައްމާޖު ވާދީ ހިޞާރުކޮށްފައިވާތާ އެތަކެއް ދުވަސްވެފައިވާކަމަށާއި އެވާދީގެ ރައްޔިތުންނަށް އެހީތެރިވެދިނުމަށް އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ ޔަމަނު ގޮފިން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްވެސް ކުރިއެރުމެއް މިހައިތަނަށް ލިބިފައިނުވާ ކަމަށް އެޖަމާޢަތުން އިއްޔެ ހާމަކޮށްފިއެވެ.
“ދައްމާޖުގެ ޙާލަތާއިމެދު އަހަރެމެން މިތިބީ ވަރަށް ކަންބޮޑުވެފައި،” ޔަމަނުގައިވާ ރެޑްކްރޮސްގެ މަންދޫބުންގެ ޓީމުގެ އިސްވެރިޔާ އެރިކް މަރކްލޭ ހާމަކުރިއެވެ.
“ސަޢަދާގެ މިވާދީގައި ދިރިއުޅެމުންދާ އެތައްހާސްބަޔެއްގެ ޒަރޫރީ ބޭނުންތަކުން އެމީހުންވަނީ މަޙްރޫމްކޮށްފައި. އެމީހުންވަނީ ބަނޑަށްޖެއްސާފައި. މުސްކުޅިންނާއި، ކުޑަކުދިންނާއި އަންހެނުންތަށް ވަނީ ވަރަށް ނިކަމެތިޙާލުގައި،” އޭނާ ބުނެފައިވެއެވެ.
ޔަމަނުގެ ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތުދޭގޮތުގައި ޙޫސީން ނަމަކަށްކިޔާ ހައްދު ފަހަނައަޅާފައިވާ ޝީޢީ ރާފިޟީ ޖަމާޢަތުން ވަނީ ދައްމާޖު ހިސާރުކުރުމުން އެތަން ސަލާމަތްކުރުމަށް ދައުލަތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމުން ޔަމަނުގެ ޤަބީލާތަށް ވަނީ ޙޫޘީން ހަރަކާތްތެރިވަމުން ދާ ޞަރަޙައްދު ވަށާލައި އެމީހުންނާއި ހަމަލާތައް ބަދަލުކޮށްފައެވެ.
ޙޫސީންގެ އަމާޒަކީ މިޒަމާނުގައި އުފެދުނު މަޝްހޫރު ޙަދީސް ޢިލްމްވެރިންގެ ތެރެއިން އެންމެ އިސް ސަފުގައި ގުނާލެވޭ ޝައިޚް މުޤްބިލް އަލްވާދިޢީ ތައުސީސް ކުރެއްވި ދާރުލްޙަދީސް ހަލާކުކޮށް އެތަން ނިމުމަކަށް ގެނައުމަށެވެ. އެޖަމާޢަތުން ދެކޭގޮތުގައި ސުންނީންނަކީ އެމީހުންގެ އެންމެ ބޮޑު ޢަދުއްވުންނެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ދާރުލްޙަދީސްގައި ކިޔަވަމުންދާ ކުދިން ދިރިއުޅެމުންދާ ގެތަކަށް ޝީޢީން މިހާރުދަނީ ހަމަލާދެމުންނެވެ. މިހަމަލާގައި އިއްޔެ އެކަނިވެސް 15 ވަރަކަށް ދަރިވަރުން ނިޔާވެފައިވާ ކަމުގައި ޚަބަރުލިބެއެވެ.
މިހާރު ޙިޖާޒު ކަރައިގައި ހުންނެވި ޙަދީސް ގެޢިލްމަށް އެންމެ ފުންނާބު އުސް، މަދީނާގައި ދިރިއުޅުން ވަމުންގެންދަވާ، އަލްޖާމިޢަތުލް އިސްލާމިއްޔާގެ މުދައްރިސް އަދި އަލްމަސްޖިދުއް ނަބަވީގައި ޙަދީސް ޢިލްމު އުނގަންނަވާ ދެއްވާ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްމުޙްސިން އަލްޢައްބާދާއި، ސައުދި ޢަރަބިއާގެ ފަތުވާކޮމިޓީގެ ޢިލްމުވެރިއެއް ކަމުގައިވާ ޝައިޚް ޞާލިޙް އަލްލުޙައިދާންއާއި، ފަތުވާ ކޮމިޓީގެ ކުރީގެ މެމްބަރު ޝައިޚް ޞަޢުދު އައްޝިތްރީއާއި އެނޫން ބޭފުޅުންވަނީ ދައްމާޖުގައިވާ އަޚުންނަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މުސްލިމުންނަށް ގޮވާލާފައެވެ.
މުސްލިމް ދުނިޔޭގެ ސުންނީ އެކި މިސްކިތްތަކުގައި މިހާރުދަނީ ޤުނޫތުއް ނާޒިލާކިޔަމުންނެވެ. ދައްމާޖުގައިވާ މުސްލިމް އަޚުންނާއި އުޚްތުން ޝީޢީންގެ ވަކިތަކުން ސަލާމަތްކުރެއްވުމަށް އެދި ރާއްޖޭގެ މިސްކިތްތަކުގައިވެސް ޤުނޫތު ކިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ގޮވާލާނެ ކަމަށް ރާއްޖޭގެ ގިނަ އަޚުންދަނީ އުއްމީދުކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު