ގާސިމްގެ ނިންމެވުން ބަލައިގަތުމަށް އިލްހާމް ގޮވާލައްވައިފި
ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއިދު ކުރުމަށް ޖުމްހޫރީޕާޓީން ނިންމެވި ނިންމެވުން ރައްޔިތުން ބަލައިގަތުމަށް އެޕާޓީގެ ނާއިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއަށް ތާއިދު ކުރަން އެޕާޓީގެ ކައުންސިލުން ނިންމެވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އިލްހާމް ވިދާޅުވީ މިނިންމެވުމަކީ އެއްވެސް މީހަކާމެދު ޒާތީކަމެއް އޮވެގެން ނިންމެވި ނިންމެވުމެއް ނޫންކަމަށެވެ. އެއީ ޕާޓީގެ ލީޑަރާއި ކައުންސިލްގެ ނިންމެވުން ކަމަށެވެ. މިކަމަކީ ރައްޔިތުންނަށްޓަކައި ގާސިމް ނިންމެވި ނިންމެވުމެއް ކަމަށްވެސް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ މިނިންމެވުމަކީ ގާސިމްގެ ސިޔާސީ ހަޔާތުގައި އިސްލާހަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. މިނިންމެވުމަކީ ގާސިމްގެ އަމިއްލައަށް ނިންމި ނިންމެވުމެއްނޫން ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ. މިއީވެސް ރައްޔިތުންނަށްޓަކައި އެމަނިކުފާނު ނިންމި ނިންނެވުމެއް ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.
ގާސިމް އިބްރާހީމް އަބަދުވެސް ބައްލަވަނީ ގިނަ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމަވަން ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ. އެހެން ކަމުން މިނިންމެވި ނިންމެވުމަކީވެސް ރައްޔިތުންގެ މަސްލަހަތަށް ބައްލަވައިގެން ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ. ގާސިމް ކުރިންވަނީ އެއްވެސް ކެންޑިޑޭޓަކަށް ދެވަނަ ބުރުގައި ތާއިދު ނުކުރުމަށް ނިންމަވާފައެވެ. ނަމަވެސް އެނިންމެވުން ބަދަލު ކުރައްވައި ޕީޕީއެމްއަށް ތާއިދު ކުރެއްވުމަށް ނިންމެވީތީ އިލްހާމްވަނީ ގާސިމަށް ޝުކުރު އަދާ ކުރައްވާފައެވެ.
މިނިންމެވުމަކީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލާއި، އިސްލާމްދީނާއި، ޖުޑިޝަރީއާއި، ސިފައިންނާއި، ފުލުހުންގެ މުއައްސަސާތައް ހިމާޔަތް ކުރެއްވުމަށް އިސްކަން ދެއްވައިގެން ނިންމެވި ނިންމެވުމެއް ކަމަށް އިލްހާމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއިދު ކުރެއްވުމަށް ޖުމްހޫރީޕާޓީން ނިންމެވުމުން ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީންވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު