ގައުމު މިހާރުއޮތް ހާލަތުން ސަލާމަތްވެވޭނީ ރިޔާސީ ރޭހުން ކެންޑިޑޭޓަކު ވަކިވެގެން: ރައީސް ނަޝީދު

ރިޔާސީ އިންތިޚާބު ބާތިލްކޮށް ދެވަނަ ފަހަރަށް އިންތިޚާބު ބޭއްވިޔަ ނުދިނުމަށް ކުރިމަސައްކަތުގެ ސަބަބުން ރާއްޖޭގެ ހާލަތު މިހާރުވަނީ ނުބައި ފައްތަރެއްގައި ކަމަށާއި އެފައްތަރުން ސަލާމަތް ވެވޭނީ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެވެސް އެއްކެންޑިޑޭޓަކު ރިޔާސީ ރޭހުން ވަކިވެގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ސިޓީ ހޯލުގައި މިއަދު ހަވީރު ބޭއްވި ި ނިއުސް ކޮންފަރެންސެއްގައެވެ. ނަޝީދު ވިދާޅުވީ ގައުމަށް މިހާރު ދިމާވެފައިވާ ހާލަތުން ސަލާމަތްވެ ހަމަޖެހުން ލިބެންއޮތީ ކޮންމެވެސް އެއްކެންޑިޑޭޓަކު ރިޔާސީ ރޭހުން ވަކިވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ދެންނެވި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދައުރުހަމަވާއިރު އާ ރައީސަކު އިންތިޚާބުވެފައި ހުންނަން ބޭނުން ކަމަށްވާނަމަ އެމަނިކުފާނާ ވާދަކުރައްވަ އަނެއް 2 ކެންޑިޑޭޓުންގެ ތެރެއިން އެއްކެންޑިޑޭޓަކު "ދީނާއި ގައުމަށްޓަކައި" ރިޔާސީ ރޭހުން ވަކިވުން ކަމަށެވެ. ނޫނީ ސުޕްރީމް ކޯޓުން ކުރި ހުކުމް އަލުން މުރާޖާ ކުރުމަށްފަހު ދެ ވަނަ ބުރު ބާއްވަން ކަނޑައެޅުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިނާއި ގައުމަށްޓަކައި ފަހަތަށް ޖެހިވަޑައި ގަންނަވަނީ އެންމެ އިޚުލާސްތެރި އަދު އެންމެ ޚިދުމަތްތެރި ބޭފުޅާ ކަމަށެވެ. އެގޮތުން ގާސިމާއި ޔާމިންއާ ދެބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު ރޭހުން ވަކިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މިހާރު ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ އިންތިޚާބު ވެފައިވާ ރައީސަކު ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްިވައި ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެންމެފަހުން ބޭއްވި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު އެމަނިކުފާނަށް ވަނީ އަނެއް ދެކެންޑިޑޭޓުންނަށްވުރެ ގިނަ ވޯޓު ލިބިފައި ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު ފަހަތަށް ޖެހިވަޑައިގެންނެވުން އެހާ ފަސޭހަވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމަށް އެންމެ އިޚްލާސްތެރި ބޭފުޅަޖީ ގާސިމް އިބްރާހީމް ކަމުން ރިޔާސީ ރޭހުން ގާސިމް ފަހަތަށް ޖެހިވަޑައިގެން ފާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިންތިޚާބެއް ބޭއްވުމާމެދު ރައްޔިތުން މިހާރު ސުވާލު އުފައްދާ ކަމަށެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ކަންވެގެން ދިޔަގޮތާއި އަނެއްކާވެސް އިންތިޚާބު ބާއްވަން އުޅުމުން ދެންދިމާވި ކަންކަމަށް ބަލާއިރު ރާއްޖޭގައި ދެން އިންތިޚާބެއް ބޭއްވިދާނެ ކަމާމެދު ބައެއް މީހުން މިހާރު ޝައްކުކުރާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ދައުރު ހަމަވުމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ވެރިކަމުގެ ބާރުތައް ހަވާލު ކުރެވިދާނެ ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް މަޖިލީހުންވެސް ވަނީ ގަރާރެއް ފާސްކުރައްވާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ އިންތިޚާބެއް ނުބާއްވައި "ބަޣާވާތުގެ" ސަރުކާރު ދަމަހައްޓަން ކަމަށެވެ. ނަމަވެސް އިންތިޚާބެއްގެ ވާހަކަ މިހާރު ދައްކަނީ ނޮވެމްބަރު 11 އަށްފަހު އިންތިޚާބީ ވެރިއަކުނެތް ކަމަށްވާނަމަ ދެން ކަންކުރަންވީ ގޮތް މަޖިލީހުން ފާސްކޮށްފައިވާތީ އިތުރު ގޮތެއް ނެތިގެން އެމްޑީޕީއާ އިދިކޮޅި ފަރާތްތަކުން އިންތިޚާބުގެ ވާހަކަ ދައްކަނީ ކަމަށްވެސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :