ފިތުނަފަސާދައިގެ ތެރެއިން ރައްޔިތުން ސަލާމަތް ކޮށްދެއްވުމަކީ ވެރިއަކަށް ވަޑައިގަންނަވާ ބޭފުޅަކަށް އޮތް ވާޖިބެއް: ރައީސް
ރާއްޖޭގައި އުފެދިފައިވާ ރުޅިވެރިކަމާއި ފިތުނަ ފަސާދައިގެ ތެރެއިން ރައްޔިތުން ސަލާމަތް ކޮށްދެއްވުމަކީ ނޮވެމްބަރު 11 ވަނަ ދުވަހު ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މައްޗަށްއޮތް ގައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.
ދިވެހި ގައުމާ މުޚާތަބު ކުރައްވައި އެމަނިކުފާނު މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރައްވާ ކޮންމެ ބޭފުޅަކަށް އޮމާން ކަމާއެކު ސަރުކާރު ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސް ކަން ފިލުވައި ދެއްވުމަކީ ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައި ގެންނެވިޔަސް ކޮށްދެއްވަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. "ތިޔަބޭފުޅުންގެ ޤައުމީ ވާޖިބެއް، އުފެދިފައިވާ ނުތަނަވަސްކަމާއި ހާސްކަމުގެ ތެރެއިން ނެރެދެއްވުމަކީ. ތިޔަބޭފުޅުންގެ ޤައުމީ ވާޖިބެއް، މި ޤައުމުގައި އުފެދިފައިވާ ރުޅިވެރިކަމާއި ފިތުނަފަސާދައިގެ ތެރެއިން ރައްޔިތުން ސަލާމަތް ކޮށްދެއްވުމަކީ،" ރައީސް ވިދާޅުވިއެވެ.
މީގެ 5 އަހަރު ކުރިން އެމަނިކުފާނާ ރައްޔިތުން ހަވާލު ކުރެއްވި އަމާނާތް، "މި ޤައުމު،" އަޅުގަނޑަށްވީ އެންމެ ރަނގަޅަކަށް، ޞުލްޙަވެރިކަމާއެކު ލޭއޮހޮރުވުމަކާ ނުލައި މިއަދާ ހަމައަށްވެސް މިވަނީ ގެނެސްދީފައި،" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަޙީދު ވިދާޅުވީ ކުރިއަށްއޮތް 5 އަހަރަށް ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރެވޭ ބޭފުޅަކީ، އެންމެންގެ މެދުގައި ހަމަޖެހުމާއި އުފާވެރިކަން އުފައްދައިދޭނެ ބޭފުޅެއްތޯ ނުވަތަ ހާސްކަމާއި ދެކޮޅުވެރިކަން އިތުރުކުރައްވާނެ ބޭފުޅެއްތޯ މިވަނީ ސުވާލު އުފެދިފައި ކަމަށެވެ. އަދި އެބޭފުޅަނީ ގައުމަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކޮށްދެއްވޭނެ ބޭފުޅެއްތޯ ނުވަތަ އިތުރު ހަލަބޮލިކަމަކާއި އުނދަގޫތަކެއް ކުރިމަތިކުރުވާނެ ބޭފުޅެއްތޯ ވެސް މިހާރު ވަނީ ސުވާލު އުފެދިފައި ކަމަށެވެ. އަދި އެ "ބޭފުޅަކީ، އެބޭފުޅަކާ ޚިޔާލު ތަފާތުވާ ބައެއް، އެކަހެރި ކުރައްވައި ބަދަލު ހިއްޕެވުމުގެ ރޫޙުގައި ކަންތައްތައް ކުރައްވާނެ ބޭފުޅެއްތޯ ނުވަތަ ކުރިއަށް އޮތް 5 އަހަރަށް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކީ، މަޢާފުކުރުމާއި އޯގާތެރިކަމާއެކު ވެރިކަން ކުރައްވާނެ ބޭފުޅެއްތޯވެސް މިވަނީ ސުވާލު އުފެދިފައި،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސުވާލުތައް ކުރަންޖެހޭ ސަބަބުތައް ކަމަށް ރައީސް ވިދާޅުވީ ސިޔާސީ މަސްރަޙު ބައިބައިވެފައިވުމާއި، އެކަކުއަނެކަކަށް ޖެއްސުން ކުރުމާއި، ބަދަލުހިފުމުގެ ރޫޙު ވަރަށް ބޮޑުވެފައިވާތީ ކަމަށެވެ. "ތެދާއި ދޮގަކީ ކޮބައިކަން މިވަނީ އޮޅުވާލެވިފައި. އަދި ސިޔާސީ ބޭނުމަށްޓަކައި ފިތުނަފަސާދަ އުފެއްދުމާއި ރުޅިވެރިކަން މިވަނީ ޢާންމު ކުރެވިފައި. ކިތަންމެ ވަރަކަށް ދޮގުކުރިނަމަވެސް ތެދެއްވާނީ ހަމަ ތެދަކަށް. ކިތަންމެ ވަރަކަށް ތެދުކުރަން އުޅުނަސް ދޮގެއްވާނީ ހަމަ ދޮގަކަށް،" ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު، ސްޕްރީމްކޯޓުން ބާޠިލުކުރެއްވީ ވަރަށް ބޮޑެތި އޮޅުންތަކެއް ހުރިކަމަށް ސާބިތުވާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އެ އިންތިޚާބުގައި އަޅުގަނޑަށް އެންމެ ފަސްޕަސެންޓް ވޯޓު ލިބުނުކަމަށް ނިންމާފައިވާތީ، މިއަދު ދިވެހި ރައްޔިތުންގެ ޙައްޤުގައި ބަސްބުނުމަކީ، އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ދެކޭ ބަޔަކު އެބައުޅޭ. އެކަން އަޅުގަނޑު ޤަބޫލެއް ނުކުރަން. ސަބަބަކީ، އެއީ، ބާޠިލު ވޯޓެއްގެ ނަތީޖާ ކަމަށްވާތީ. އަދި އަޅުގަނޑުގެ މަޤާމުގެ ގޮތުން މިއަދު އަޅާ ކޮންމެ ފިޔަވަޅަކީ، މި ޤައުމުގެ ގިނަ ރައްޔިތުންތަކަކަށް އޭގެ އަސަރުކުރާނެ ފިޔަވަޅުތަކަކަށް ވާތީ. މިއަދު މި ޤައުމުގެ ހާލަތާއި ކުރިމަގާ ދޭތެރޭ އަޅުގަނޑަށްވުރެ ވަކިން ބޮޑަށް ވިސްނާ މީހަކު ނުހުންނާނެ. އަދި ރައްޔިތުންގެ ޙައްޤުގައި ބަސްބުނަން، އަޅުގަނޑަށްވުރެ ވަކި ލާއިޤު އެހެން މީހަކުވެސް ނުހުންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ދެކަމެއް މިމަހުގެ 19 ވަނަދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު، އެންމެންގެ އެއްބާރުލުމާއެކު ޞުލްހަވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް ނިންމެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކަށް ވެރިކަން ހަވާލުކުރުމަށް އެއްވެސް ފަރާތަކުން ފަސްޖެހިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހާލަތު މިވަގުތު އޮތީ ވަރަށް ނުރައްކާތެރި ހިސާބަކަށް ހިނގައިދާނެ ހާލަތުގައި ކަމަށެވެ. "އަދި އިޤްތިޞާދީގޮތުން ރައްޔިތުން ނިކަމެތިވެދާނެ ހާލަތެއް. ވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ މަޞްލަޙަތުގެ މަތިން އަދި ޤައުމުގެ މަތިން މިވަނީ ކޮންމެވެސް ވަރަކަށް ހަނދާން ނެތިފައި. ރައްޔިތުންނަކީ، ހަމައެކަނި ވެރިކަމަށް އައުމަށްޓަކައި ބޭނުންކުރެވޭ ހަތިޔާރަކަށްވަނީ ވެފައި. އެއްބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ އަނެއްބަޔަކު ނެތިހިނގައިދާނެކަމުގެ ބިރު ހީވެފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް ދޫދިނުމާއި ބަލިވެއްޖެ ނަމަ ބަލި ގަބޫލުކުރުމަކީ "ދިރިތިބުމާ މަރުވުމާ ދޭތެރޭގައި އޮތް ކަމަކަށްވަނީ ވެފައި،" ކަމަށްވެސް ވިދާޅުވިއެވެ. ސިޔާސީ ކަންކަން މިހެން އޮތަސް ގައުމުގެ ރައްޔިތުންނަކީ ސުލްހައަށް ލޯބިކުރާ ބައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމުގައި ހަމައަކަށް އެޅުވުމަށްޓަކައި މި މަހުގެ 19 ވަނަ ދުވަހު އޮންނަ އިންތިޚާބާބެހޭގޮތުން ދޫ ދެއްވެން އޮތް އެންމެ ބޮޑަށް ހުރިހާ ކެންޑިޑޭޓުން ދޫދެއްވިމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ. އިމްތިޚާބުގެ ކަންކަން މިހިސާބަށް އައިފައިވާ ދަނޑިވަޅެއްގައި "އެއްވެސް ކެންޑިޑޭޓެއް، އިންތިޚާބުން ބޭރުކޮށްލުމަށް" މަސައްކަތް ނުކުރުމަށްވެސް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުންވެސް އިންސާފުވެރިކަމާއެކު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ރައީސް ވަޙީދު އެދިވަޑައިގެންނެވިއެވެ. އިންތިޚާބުގައި "ކޮންމެ ބޭފުޅަކު މޮޅުވިޔަސް ދެންތިބި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް މަސައްކަތް ކޮށްދިން ރައްޔިތުންނަށް އޯގާތެރިވާނެކަމުގެ ފުރިހަމަ ޔަޤީންކަން ބަހުންނާއި ޢަމަލުން ދައްކުވައި" ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ކެންޑިޑަޓު އިންތިޚާބު ކާމިޔާބު ކުރެއްވިޔަސް އެއީ ރައްޔިތުންނަށާއި އެމަނިކުފާނަށް ލިބޭ ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޚިތާބުގައި ވަނީ އަޟްޙާ ޢީދުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޢީދު ފާހަގަ ކުރަމުންދާ ވަގުތަކީ "އެކަކު އަނެކަކަށް މަޢާފު ކުރުމާއި މަޢާފު ލިބިގަތުމުގެ ވަގުތު،" ކަމަށެވެ.
"އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި އެކަކު އަނެކެއްގެ އުފަލާއި ހިތްހަމަޖެހުން އިތުރުކުރެވޭނީ، އެކަކު އަނެކަކަށް އޯގާތެރިވެގެން. އެކަކު އަނެކާގެ ޙައްޤުތަކަށް ރައްކާތެރިވެގެން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަހީދުގެ ޚިތާބު ނިންމަވާ ލެއްވެވީ މާތްﷲ މި ޤައުމު ސަލާމަތް ކުރައްވައި، ރައްޔިތުން ރައްކާތެރިކަމާއި، އަމާންކަމާއި ފާގަތިކަން މިންވަރު ކުރެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު