ސްޕްރީމްކޯޓުގެ އަމުރާ އެއްގޮތަށް އަމަލު ކުރުމަށް އިލެކްޝަނުގެ މައްޗަށް އަމުރުކޮށްފި
ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ އިންތިޚާބު ބާތިލް ކޮށް އަލުން އިންތިޚާބު ބޭއްވުމަށް ސްޕްރީމްކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް އަމަލު ކުރުމުގެ އަމުރެއް އެކޯޓުން މިރޭ ނެރެފިއެވެ.
އެކޯޓުން މިއަމުރު މިރޭނެރެފައިވަނީ އެކޯޓުން ކުރިންކޮށްފައިވާ ހުކުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން ނުދާކަމަށް ބުނެ ޕީޕީއެމްއިން އެކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ސްޕްރީމްކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ވޯޓުލާމީހުން ރަޖިސްޓްރީ ކުރާއިރު އެމީހުންގެ ފިންގަރޕްރިންޓް ރަޖިސްޓްރީފޯމުގައި ހުންނަންވާނެ ކަމަށެވެ. ނަމަވެސް އިލެކްޝަނުން ބުނެފައިވަނީ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުން ވޯޓުލާތަން ބަދަލު ނުވާ ކަަމަށްވާނަމަ އަލުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ ކަމަށެވެ.
އިލެކްޝަނުން މިހެން ބުނުމުން ޕީޕީއެމް އިންވަނީ އިލެކްޝަނުން އަމަލު ކުރަމުންދަނީ ސްޕްރީމްކޯޓުގެ ހުކުމާ ޚިލާފަށް ކަމަށްބުނެ ސްޕްރީމްކޯޓަށް މައްސަލަ ވައްދައިފައިއެވެ. މިމައްސަލައާ ގުޅިގެން ސްޕްރީމްކޯޓުން އިލެކްޝަނަށް އަމުރު ކޮށްފައިވަނީ ވޯޓާސް ރަޖިސްޓްރީގެ ކަންކަން އަލުން ފެށުމަށެވެ.
ސްޕްރޯމް ކޯޓުން ނެރުނު އަމުރުގައި ސޮއިކުރައްވާފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނެވެ.
ޕީޕީއެމުން ބުނެފައިވަނީ މިމައްސަލަ ކޯޓަށް ވެއްދީ ސްޕްރީމް ކޯޓުގެ ހުކުމް އޭގެ ރޫހާ ޚިލާފަށް އިލެކްޝަނުން މާނަކުރަމުންދާތީ ކަމަށެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ބުނެފައިވަނީ އަލުން ރަޖިސްޓްރީ ކުރުމާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނަކީ ވެސް ސްޕްރޯމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ހިލާފްވާ ކޮށްފައިވާ އިއުލާނެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައި ބުނެފައި ވަނީ މި މަހު 19 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓު ލާން ރަޖިސްޓްރީކުރަން ޖެހެނީ ވޯޓުލުން ބާއްވާ ދުވަހަށް 18 އަހަރު ފުރިފައިވާ މީހުންގެ އިތުރަށް މިދިޔަމަހު 28 ގައި ބާއްވަން އުޅުނު ދެ ވަނަ ބުރުގައި ރަޖިސްޓްރީކުރި ތަން ނޫން އެހެން ތަނަކަށް ވޯޓުލާ ފަރާތްތަކުން އެކަނި ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު