ގާނޫނު އަސާސީ ފަށްޖަހައި ޖީބަށް ލައިގެން ނޫޅެވޭނެކަން ސްޕްރީމްކޯޓުން ހާމަކޮށްދީފި: ގާސިމް

އެއްވެސް މުއައްސަސާއަކުން ބޭނުންހާ ގޮތަކަށް ގާނޫނުއަސާސީ އޮޅާލައިގެން ޖީބަށް ޖަހައިގެން ނޫޅެވޭނެކަން ސްޕްރީމް ކޯޓުން ރޭ ހާމަކޮށް ދެއްވައިފި ކަމަށް ޖުމްހޫރީގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ވޯޓުލުމުގައި މަކަރުހެދުމާއި އޮޅުވާލުންތައް ހުރިކަމަށްބުނެ ފުރަތަމަބުރު ބާތިލްކޮށް ދިނުމަށްފަހު އަލުން އިންތިޚާބު ބޭއްވުމަށް އެދި ޖުމްހޫރީޕާޓީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެޕާޓީއަށް ކާމިޔާބު ވުމުން އެކަމާ އުފާފާޅު ކުރުމުގެ ގޮތުން މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ސްޕްރީމް ކޯޓުން ރޭ ކޮށްފައިވާ ހުކުމުން ދޭހަކޮށްދިނީ އެއްވެސް މީހަކު ބޭނުންހާ ގޮތެއް ގާނޫނުއަސާސީއަށް ނުހެދޭނެކަން ކަމަށެވެ. "ސުޕްރީމް ކޯޓުން އިއްވި ހުކުމުން ސާބިތުވީ ގާނޫނު އަސާސީއަށް ބޭނުން ގޮތެއް ނުހެދޭނެ" ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ބެލީ ޒަމާނުންސުރެ އޮތް ވޯޓް އޮޅުވާލުމުގެ ކަންތައް މާޒީގެ ތެރެއަށް ފޮނުވާލަން، އެކަން ވެގެން އެދިޔައީ. އެއީ ސުޕްރީމް ކޯޓްގެ އެންމެ ފަހުގެ ނިންމުން،" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސްޕްރީމްކޯޓުން ރޭކޮށްފައިވާ ހުކުމާމެދު ގާސިމް ވަނީ އެކޯޓުގެ ފަނޑިޔާރުންނަށް އައްސަރިބަހާއި ސާބަސް ދެއްވާފައެވެ. "އެ ކުރެއްވި މަސައްކަތަށް ސާބަސް ދެން. ދެން ކަންކަން ކުރަންވީ ގޮތް ވަނީ ވަރަށް ރަނގަޅަށް ހުކުމްގައި ބަޔާންކޮށްފައި،" ގާސިމް ވިދާޅުވިއެވެ. " މިއީ ގައުމަށް ކުރިއެރުމެއް ލިބުނު ރެއެއް،" ކަމަށްވެސް ވިދާޅުވިއެވެ.

ރޭގެ ހުކުމް ގާސިމް ސިފަ ކުރައްވާފައިވަނީ ރައްޔިތުންނަށް ލިބުނު "ނަސްރެއް" ގެ ގޮތުގައެވެ. "މިރެއަކީ ގާނޫން އަސާސީގެ ބާރުވެރިކަން ދަމަހައްޓާ ނެގެހެއްޓެމުންދާކަން ކަށަވަރު ކުރެވުނު ރެއެއް" ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރެއިން ފެށިގެން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޕޭން ރަސްމީކޮށް ފެށުނީ ކަމަށެވެ. އެހެން ކަމުން ރެއިން ފެށިގެން އެގުޅުމުގެ ކެންޕޭން ޖަގަހަތައް އަލުން ހުޅުވައި މަސައްކަތް ފެށުމަށް ގޮވައިލެއްވިއެވެ. އަދި އެންމެން އެކަތި ގަނޑަކަށްވެ ކުރިއަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށްވެސް ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :