އެމްޑީޕީގެ އެދުމުގެ މަތިން މަޖިލީހުގެ ޚާއްސަ ޖަލްސާއެއް އާދީއްތަ ދުވަހު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޗުއްޓީގައި ތިއްބަވަނިކޮށް މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވައި ދެއްވުމަށް އެދި އެމްޑީޕީގެ ޕާލަމެންޓްރީގްރޫޕުގެ 29 މެންބަރުން ސޮއި ކުރައްވައި މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއާ ގުޅިގެން ޚާއްސަ ޖަލްސާއެއް އާދީއްތަ ދުވަހު ބާއްވާ ގޮތަށް މަޖިލިހުން ނިންމަވައިފިއެވެ.

ޚާއްސަ ޖަލްސާއެއް ބާއްވައި ދެއްވުމަށް އެދި އެމްޑީޕީން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އިއްޔެ ސިޓީއެއް ފޮނުވާފައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ކަންކަން ގޯސްކޮދާ ކަމަށް ބުނެއެވެ. އެމްޑީޕީން ބުނެފައިވަނީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު ސިޔާސީ ބައެއް ފަރާތްތަކުން ގެންދަނީ ދުސްތޫރީ ހަމަތަކާއި އުސޫލުތައް މުގުރާލައި، ޑިމޮކްރަސީއާ ދުރަށް މިސްރާބު ޖަހާފައި ކަމަށެވެ.

ދައުލަތުގެ އެންމެހާ މުއައްސަސާތައް ގާނޫނުއަސާސީ މެދުވެރިކޮށް ޖަވާބުދާރީ ކުރުވުމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ވާތީ މަޖިލީހުގެ ޖަލްސާތައް ބާއްވައި ދެއްވުމަށް އެދުނީ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އާދީއްތަ ދުވަހު ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ އެމްޑީޕީން ހުށަހެޅި މައްސަލަ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފައިވެއެވެ.

މިދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދެއްވުމަށް އެމްޑީޕީން ހުށަހެޅުމުން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް ވަނީ އެކަމަށް ތާއީދު ކުރައްވާ ފައެވެ. އޭނާ ވިދާޅުވެފައިވަނީ އިންތިޚާބުގެ ނަތީޖާ ނިމެންވާނީ ރައްޔިތުންގެ ވޯޓުން ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ މަޖިލީހުގެ ތެރެއިން އިންތިޚާބާ ގުޅޭ މައްސަލަތައް ހައްލޔ ނުކުރެވޭނެ ކަމަށެވެ.

މިއީ މަޖިލިސް ޗުއްޓީގައި އޮއްވާ މެންބަރުން ނުވަތަ ޕާޓީއަކުން އެދި މިފަދަ ޖަލްސާއެއް ރާއްޖޭގައި ބާއްވާ ފުރަތަމަފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :