ކޮމިޓީއަށް ހާޒިރުވުމަށް ސީޕީ ރިޔާޒު އުޒުވެރިވެ ވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވުމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަބްދުﷲ ރިޔާޒާއި ދެ އެސިސްޓެންޓް ކޮމިނަރަށް އެންގުމުން އެކޮމިޓީއަށް ވަޑައިގެންނެވުމަށް އުޒުރުވެރިވެ ވަޑައިގެން ސިޓީ ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަ ކުރައްވައިފިއެވެ.
މަޖިލީހުގެ އިދާރާއިން ހާމަ ކުރައްވާފައިވާ ގޮތުގައި އެ ބޭފުޅުންނަށް އަންގަވާފައިވަނީ މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވުމަށެވެ. ނަމަވެސް މިވަގުތު މަސައްކަތްތައް ހުރިގޮތުން ވަޑައިގެންނެވެން ނެތްކަމަށް އެކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ކަމަށެވެ. އަދި ސަލާމަތާ ބެހޭ ކަންކަން ބެލުމަށް ގެންނަން އޮންނަ ކޮމިޓީއަކީ ސަލާމަތާ ބެހޭކޮމިޓީ ކަމަށްވެސް އެސިޓީގައި ބުނެފައިވާ ކަމަށް މަޖިލީހުން ބުނެފައިވެއެވެ.
މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ "ކޮމިޓީއަށް ކޮމިޝަނަރސް ބިއުރޯއިން ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، އެ ކޮމިޓީއަށް ހާޒިރުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އާއި ދެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އުޒުރުވެރިވަނީ މިވަގުތު މަސައްކަތް ހުރިގޮތުން ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ސަލާމަތީ ޚިދުމަތްތައް ހިންގާ ނުހިންގާ ގޮތް ބަލަމުން ގެންދިއުމަށް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކެމިޓީކަމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ." މަޖިލީހުގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވަޑައިގަންނަވަނީ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވުމަށް ތަކުރާރުކޮށް އުޒުރުވެވަޑައިގަންނަވަމުން ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. އެކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ވަނީ ވިދާޅުވެފައެވެ. މިކަމާ މެދު އަޅުއްވާނެ ފިޔަވަޅާ މެދު ކޮމިޓީގެ ދެން އޮންނަ ބައްދަލު ވުމެއްގައި އެޖެންޑާ ކުރައްވާނެ ކަމަށްވެސް ސަމީރު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ބައްދަލުވުމަށް ސީޕީ ވަޑައި ނުގެންނެވުމުން މިއަދު ބާއްވަން އުޅުނު އެކޮމިޓީގެ 42 ވަނަ ބައްދަލުވުން ވަނީ ކެންސަލް ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު