ސަލާމަތާބެހޭ ކޮމިޓީގެ މުޤައްރިރަކަށް އިބްރާހީމް މުޙަންމަދު ޞާލިޙު އަދި ނާއިބަކަށް ރޮޒައިނާ ހޮއްވަވައި
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްދު ސާލިހާއި، ނާއިބު މުގައްރިރަކަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ހޮއްވައިފިއެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި މިދެބޭފުޅުންވެސް މިމަގާމަށް ހޮވިވަޑައިގެންނެވީ ކޮންމެ ބޭފުޅަކަށްވެސް 6 ވޯޓުގެ އަޣުލަބިއްޔަތު ލިބިގެންނެވެ.
މިކޮމިޓީގެ މި ދައުރުގެ 2 ވަނަ ބައްދަލުވުމުގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާއެކު، އަލުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް ވަނީ އެކުލަވާލާފައެވެ. މިބަދަލާއެކު ޑީއާރުޕީއިން އެމްޑީޕީއަށް ތާއިދު ކުރަން ނިންމުމުން ހުރިހާ ކޮމިޓީއެއްގެ އަޣުލަބިއްޔަތު މިހާރުވަނީ އެމްޑީޕީއަށް ލިބިފައެވެ.
މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.
ކިޔުންތެރިންގެ ހިޔާލު