ޕޮލިސް ކޮމިޝަނަރު ކަމަށް ރިޔާޒު ހަމަޖައްސަވާފައިވަނީ ގާނޫނާ އެއްގޮތަށް-ޕީއައިސީ
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޢަބްދުﷲ ރިޔާޒު އައްޔަން ކުރައްވައިފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) ބުނެފިއެވެ.
އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ކޮމިޝަނަރގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ފުލުހުންގެ ޤާނޫނު 2008/5 ގެ 52 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތިން ކަމަށެވެ.
އެމާއްދާގައި ބުނެފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމުގެ އެންމެހައި ކަންތައް ރާވައި ދުވަހުން ދުވަހުން ދުވަހަށް ހިންގައި ބަލަހައްޓާނެ އިސް ވެރިއެއްގެ ގޮތުގައި ފުލުހުންގެ އެންމެ އިސް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މީހަކު ޢައްޔަން ކުރަންވާނެ ކަމަށެވެ. މިމާއްދާގެ (ށ) ގައިވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމުހޫރިއްޔާ ކަމަށެވެ.
ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢަބްދުﷲ ރިޔާޒް އައްޔަން ކޮށްފައިވަނީ 2012 ފެބުރުއަރީ 8 ވަނަ ދުވަހުއެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ހަމަޖެއްސުމުގެކުރިން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދު ވަނީ ޢަބްދުﷲ ރިޔާޒަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހަމަ އެދުވަހު ދެއްވާފައި ކަމަށް ފުލުސް އޮފީހުންވަނީ ހާމަކުރައްވާފައެވެ.
ޕީއައިސީ އިން މިގޮތަށް ނިންމާފައިވަނީ ޢަބްދުﷲ ރިޔާޒު އެމަގާމަށް ހަމަޖައްސާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށްބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުންދަނިކޮށްނެވެ.
ކިޔުންތެރިންގެ ހިޔާލު