މިސްރުގެ ކުރީގެ ބޮޑުވަޒީރު ހައްޔަރުކޮށްފި
މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރްސީގެ ސަރުކާރުގެ ބޮޑުވަޒީރު ހިޝާމް ޤަންދިލް ހައްޔަރުކޮށްފިއެވެ.
މިސްރުގެ އިންޓީރިއަރ މިނިސްޓްރީން ހާމަކުރިގޮތުގައި ހިޝާމް ޤަންދީލް ހައްޔަރުކޮށްފައިވަނީ ސްމަގްލަރުންތަކަކާއި އެކު ސޫދާނަށް ފިއްލަވަން އުޅުއްވަނިކޮށެވެ.
ޤަންދީލް 1996 ވަނަ އަހަރު ޕްރައިވަޓައިޒް ކުރި ކުންފުންޏެއް އަލުން ތަރުތީބު ކުރުމަށް ކޯޓަކުން ހުކުމް ކުރުމުން އެކަން ތަންފީޒު ކޮށްފައިނުވާތީ އޭނާ ވަނީ އެއް އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.
މުރްސީ ވެރިކަމުން ވެއްޓުނުތާ ދެމަސްފަހުން ޤާހިރާގެ ކޯޓަކުންވަނީ މިޙުކުމް ނެގެހެއްޓުމަށް ޙުކުމް ކޮށްފައެވެ.ޤަންދިލްއަކީ ޙުސްނީ މުބާރަކްގެ ސަރުކާރުގައި ފެނާއި ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ ނޯތު ކެރޮލީނާ ޔުނިވާރސިޓީއިން ފެނާބެހޭ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް މުރްސީގެ ސަރުކާރުގެ ބޮޑުވަޒީރަކަށް ޤަންދިލް އައްޔަނު ކުރައްވާފރައިވަނީ ޤަންދިލްއަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ވަރަށްވެސް މިނިވަން ބޭފުޅެއްކަމުގައިވާތީއެވެ. މިޞްރުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ރައީސް މުރްސީ މިފަދައިން ނިންމަވާފައިވަނީ ޤަންދިލްއަކީ ދީނީ ކަންތައްތަކަށް ފަރުވާތެރިވާ ބޭފުޅަކަށް ވާތީއެވެ.
ބޮޑުވަޒީރުކަމަށް އައްޔުނު ކުރެއްވުމުގެ ކުރީގައި އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ތުނބުޅި ބަހައްޓަވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ކަންދިލް ހާމަކުރެއްވިގޮތުގައި އޭނާ އެގޮތަށް ޢަމަލުކުރައްވަނީ ތުނބުޅި ބެހެއްޓުމަކީ އެއީ އިސްލާމްދީނުގައި ފިރިހެނުންނަށް ވާޖިބުކުރައްވާފައިވާ ކަމަކަށްވާތީއެވެ. ދީނީ ކަންކަމަށް ލޯބިކުރެއްވި ނަމަވެސް އެއްވެސް ދީނީ ޖަމާޢަތަކަށް އޭނާ ނިސްބަތްވެވަޑައިނުގަންނަވާކަމަށް ޤަންދިލް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު