މިސްރުގެ ޕާލިމެންޓް އިންތިޚާބު މާޗްމަހު ބޭއްވުމަށް ނިންމައިފި
މިސްރުގެ ޕާލިމެންޓް އިންތިޚާބު އަންނަ އަހަރު ފެބްރުއަރީއާއި މާޗް މަހާ ދެމެދު ކޮންމެވެސް ދުވަހެއްގައި ބާއްވާނެކަމަށް އެޤައުމުގެ ޚާރިޖީ ވަޒީރު ނަބީލް ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިކަން ހާމަކުރައްވާފައިވަނީ ހުކުރުދުވަހު ސްޕެއިން އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ. އޭނާ ވިދާޅުވިގޮތުގައި މިސްރުގައި މިހާރު މަނާކޮށްފައި އޮތް ވެރިކަމުން ބާލާފައިވާ ރައީސް މުޙައްމަދު މުރްސީގެ ސިޔާސީ ޖަމާޢާތް، އިޚްވާނުލް މުސްލިމުންނަށް މި އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
ރޮއިޓަރސް އަށް މައުލޫމާތުދެއްވަމުން ފަހުމީ ހާމަކުރެއްވިގޮތުގައި އިޚްވާނުލް މުސްލިމޫންގެ ހަރަކާތް މަނާކޮށްފައި އޮތް ނަމަވެސް އެޖަމާޢަތުގެ ސިޔާސީ ޕާޓީ، ޢަދާލާތު ޕާޓީއަށް ސިޔާސީ ހަރަކާތްތަށް ހިންގުމަކަށް އެއްވެސް ހުރަހެއް ނެތްކަމަށާއި އިންތިޚާބުތަކުގައި މިނިވަންކަމާއި އެކު ބައިވެރިވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
އިޚްވާނުލް މުސްލިމޫންގެ ހަރަކާތްތައް މަނާކޮށްފައިވާތީ އެކަމާއި ދެކޮޅަށް ހުކުމެއް ނެރުމަށް އެޖަމާޢަތުން ކުރި މަސައްކަތް މިދިޔަ ބުދަދުވަހު ވަނީ ނާކާމިޔާބުވެފައެވެ.
މީގެ އިތުރުން ފަހުމީ ހާމަކުރެއްވިގޮތުގައި މިސްރުގެ ރިޔާސީ އިންތިޚާބު ކުރިއަށް އޮތް ޑިސެމްބަރު މަހުގައި ބޭއްވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު