އިންތިޚާބު ލަސްކުރާކަށް އަދި އަލުން ބާއްވަންވެސް ދައުލަތުގެ ޝައުގުވެރި ކަމެއްނެތް-އާޒިމާ
ރިޔާސީ އިންތިޚާބު ލަސްކުރާކަށްވެސް އަދި އަވަސް ކުރާކަށްވެސް ދައުލަތުގެ އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބާ އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ އަލުން އިންތިޚާބު ބާއްވައިދިނުނަށް ޖުމްހޫރީ ޕާޓީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އިއްޔެގެ އަޑު އެހުމުގައި ވަކާލާތު ކުރައްވަމުންނެވެ. އެކަމަނާ މިމައްސަލައިގެ ތެރެއަށް ތަދައްޚުލްވެ ވަޑައިގެންނެވުމުން އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެކަމަނާ ވިދަޅުވީ އެމައްސަލައިގެ ތެރެއަށް ތަދައްޚުލްވެ ވަޑައިގެންނެވީ އިންތިޚާބާ ގުޅިގެން ދައުލަތުގެ މުއައްސަސާ ތަކަށް ޝަކުވާ ހުށަހަޅަމުންދާތީ ކަމަށެވެ.
މިމައްސަލާގައި ވަކާލާތު ކުރައްވަމުން އާޒިމާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ދައުލަތުގެ މިނިވަން މުއައްސަސާއެއް ކަމަށެވެ. އެހެން ކަމުން އެތަނުން ކަންކަން ކުރަން ޖެހޭނީ އަމިއްލައަށް ކަންކަން ދިފާއު ކުރުމަށް ނޫންކަމަށެވެ. އޭގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން ކަންކަން ކުރަންވާނީ ގާނޫނާ ޚިލާފަށް އެތަނުން ކޮށްފައިވާ ކަމަށް އާންމުން ތުހުމަތު ކުރާ ކަންތައްތަކަށް އެކަށީގެންވާ ޖަވާބެއް ދެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގެ ތެރެއަށް ތަދައްޙުލްވެފައިވާ ޕީޕީއެމްގެ ވަކީލު އަހްމަދު ޒަނީން އާދަމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަކީ ސައްޚަކަމާ އެކު ބޭއްވުނު އިންތިޚާބެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ ކަމަށެވެ. އެކަމުގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު އެކަންކުރި މީހުންނަށް އޭގެ ސޮފްޓް ކޮޕީ ލިބުނީ ކިހިނަކުންތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.
ޖުމްހޫރީ ޕާޓީން ހޯދާފައިވާ މައުލޫމާތު ތަކަކީ ސައްހަ އެއްޗެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވުމުން އެއައަށް ރައްދު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ފަރާތުން ވަކާލާތު ކުރެއްވި ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ މައުލޫމާތުތައް ފޯރުކޮށް ނުދީ ތިބެގެން އިލެކްޝަންސް ކޮމިޝަނުން އެދަ ސުވާލު އުފައްދުމުން އޭގެ ސައްހަކަން ނުދެއްކޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު