އަޅުގަނޑުމެން މިދަނީ ޖޭޕީއަށް ލިސްޓްތައް ދެއްކުމަށް ތައްޔާރުވަމުން
ވޯޓުލީ މީހުންގެ ލިސްޓްތައް ޖުމްހޫރީޕާޓީއަށް ދެއްކުމުގައި އެޕާޓީއަށް އެއްގޮތަކަށްވެސް ޖެއްސުން ނުކުރައްވާ ކަމަށާއި، އެކޮމިޝަނުން މިހާރު ގެންދަވަނީ ޖޭޕީއަށް ލިސްޓްތައް ދެއްކުމަށް ކުރަންޖެހޭ އިންތިޒާމްތައް ކުރައްވަމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު މިރޭ ވިދާޅުވީ "އަޅުގަނޑުމެން ޖުމްހޫރީ ޕާޓީއަށް ޖެއްސުމަށް ނުކުރަން، އެކަމަކު ހައިކޯޓުގެ ހުކުމާ އެއްގޮތަށް އެޕާޓީއަށް ލިސްޓް ދެއްކުމަށް ކުރަންޖެހޭ އިންތިޒާމްތައް މިދަނީ ކުރަމުން،" ކަމަށެވެ.
އިންތިޒާމްތައް ހަމަޖެއްސުމަށްފަހު ޖޭޕީއަށް ލިސްޓްތައް ދެއްކޭނީ ކިހާ ދުވަހަކުންތޯ ދެންނެވުމުން އާސިމް ވިދާޅުވީ ވަކި ދުވަހެއް ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އިންތިޒާމްތައް ހަމަޖެހުނުހާ އަވަހަށް އެކަން ކުރައްވާނެ ކަމަށެވެ.
ހައިކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން ވޯޓުލީ މީހުންގެ ލިސްޓުތައް ޖޭޕީއަށް ދެއްކުމަށެވެ. ނަމަވެސް އެލިސްޓުތައް ދައްކަން ވަކި މުއްދަތެއް ކޯޓުން ދީފައިނުވާ ކަމަށްވެސް އާސިމް ވިދާޅުވިއެވެ. އިލެކްޝަނުން ވަކި މުއްދަތެއް ދެއްވާފައި ނެތަސް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ އިންތިޒާމްތައް ނިމުނުހާ އަވަހަށް ޖޭޕީއަށް ލިސްޓްތައް ދައްކާނޭ ކަމަށް އޭނާ ވިދާޅިވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަމަށްޓަކައި ކުރަމުންދާ އިންތިޒާމްތަކާ ބެހޭ އެއްވެސް މައުލޫމާތެއް އޭނާ ނުދެއްވައެވެ.
އިލެކްޝަނުން މިހެން ބުނެފައިމިވަނީ އެކޮމިޝަނުން ގެންދަނީ ޖޭޕީއަށް ޖެއްސުން ކުރަމުން ކަމަށާއި މިއަދު އެތަނަށްދިޔަ ޖުމްހޫރީ ޕާޓީގެ މީހުންނަށް ލިސްޓު ދެއްކުމަށް އިލެކްޝަނުން އިންކާރު ކޮށްފައިވާ ކަމަށް ބުނެ ޖޭޕީން މިއަދު ބަޔާނެއްވެސް ނެރެފައިވަނީ ކޮށްނެއެވެ. އެބަޔާނުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމީޝަނުން ހައިކޯޓުގެ ހުކުމަށް ބޯނުލަބާ ކަމަށްވާނަމަ އެކޮމިޝަނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ޖޭޕީން ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު މިރޭ ފޮނުވި އެސްއެމްއެސް އެއްގައި ވެސް ވިދާޅުވެފައިވަނީ އެކޮމިޝަނަށް ޖެހެނީ ލިސްޓްތައް ދެއްކުމަށް އެންމެ އެކަށީގެންވާ އިންތިޒާމެއް ހަމަ ޖައްސައި އޭގެ ތެރެއިން އެކަން ކުރުމަށް ކަމަށެވެ. އެކޮމިޝަނުން މިހާރު ގެންދަނީ އެމަސައްކަތް ކުރަމުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޖެހޭނީ އެމަސައްކަތް ތަރުތީބުކޮށް އަދި އެލިސްޓްތައް އެމީހުންނަށް ދެއްކޭނޭ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައި ވަކި އިންތިޒާމެއްގެ ދަށުން އެކަން ކުރަން،" ފުވާދު ވިދާޅުވިއެވެ. ޖޭޕީއަށް އެލިސްޓްތައް ދައްކަވާނެ ވަކި ތާރީޚެއް ފުވާދުވެސް ވިދާޅެއް ނުވެއެވެ.
ޖޭޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އެލިސްޓް ނުދައްކައި ހިފަހައްޓާފައިވަނީ އެކޮމިޝަނުގެ ބައެއް މެންބަރުން މިވަގުތު ރާއްޖޭގައި ނޫޅުއްވާ ކަމަށް ބުނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކޮމިޝަނުގެ ނާއިބުރައީސާއި އެހެން މެންބަރަކު މިވަގުތުވީ ލަންކާގައެވެ.
ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން ޖުމްހުރީ ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ ގައުމީ ޕާޓީގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި "ވޯޓު އޮޅުވާފައި" ވާ މައްސަލާގައި ތެދުވެރިކަމާއެކު ރަނގަޅަށް ޖަވާބުދާރީ ނުވުމަކީ އެކޮމިޝަނަށް އޮތް ވަރަށް ބޮޑު ބިރެއް ކަމަށެވެ. މިކަމަށް ޖަވާބު ދާރީ ނުވެވިގެން އެންމެ ފަހުން އިލެކްޝަންސް ކޮމިޝަންގެ ފަސް ބޭފުޅުން ފިއްލަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު