ޑީއެންއާރު މެދުވެރިކޮށް އިނގިލީގެ ނިޝާން ކަށަވަރު ކުރުމަށް ސްޕްރީންކޯޓުން އަމުރު ކޮށްފި
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއިކުރައްވައި މިއަމުރު ރޭ ނެރުއްވި އިރު އިނގިލީގެ ނިޝާން އެއީ ސައްހަ އެއްޗެއްތޯ ބެލުމުގެ ގާބިލްކަން އިލެކްޝަންސް ކޮމިޝަނުގައި ނެތްކަމަށް އެކޮމިޝަނުންވަނީ ބުނެފައެވެ. އަދި މިކަމް އިލެކްޝަނަށް ނުކުރެވޭތީ ޕީޕީއެމްގެ އިތުރަށް ޖުމްހޫރީޕާޓީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ފައެވެ. ނަމަވެސް ޖޭޕީން ބުނެފައިވަނީ ދައުލަތުގެ މާލީހާލަތު ހުރިގޮތުން ކޮންމެ މުއައްސަސާއެއްގައި މިފަދަ ވަސީލަތެއް ނުހުރެދާނެ ކަމަށ ގަބޫލު ކުރައްވާ ކަމަށެވެ.
އަމުރުގައި ސްޕްރީމްކޯޓުން ބުނެފައިވަނީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް އެ ކޯޓުން ކުރި ހުކުމްގައި ބަޔާންކުރާ ގައިޑްލައިންތަކާ އެއްގޮތަށް ކަންތައްތައް ދާކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އަދި އިންތިޚާބު ކަންކަމާގުޅިގެން ހުށަހަޅާ ޝަކުވާތައް ހައްލު ކުރުމަށް ފުރުސަތުވެސް ދޭންޖެހޭ ކަމަށެވެ.
"ޤާނޫނު އަސާސީގެ 170 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ނުރަނގަޅު ނުފޫޒުތަކުން އެއްކިބާ ކުރެވިފައިވާ، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށްޓަކައި ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭ ކެންޑިޑޭޓުން ނުވަތަ އެފަރާތްތަކުގެ މަންދޫބުންގެ އިިތުރުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމާ އެކު، އިންތިޒާމް ކުރަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 42/ސީ-އެސްސީ/2013 ގަޒިއްޔާގެ ހުކުމްގައި ދީފައިވާ ގައިޑްލައިންތަކުގައި ބުނެފައިވާ ކަންތައްތައް އެ ގައިޑްލައިން ތަކުގައި ބުނެފައިވާ ގޮތުގެ މަތިން އިންތިޒާމް ކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް އެންގީމެވެ،" ސްޕްރީމްކޯޓުގެ އަމުރުގައިވެއެވެ.
މިރޭ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، އެ ގަޒިއްޔާގައި ދީފައިވާ ގައިޑްލައިނުގެ މަގުސަދަކީ، މިއަހަރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ބޭއްވޭ އިންތިހާބުތަކުގެ، ނަޒާހަތްތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އަދި ދުސްތޫރީ، ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ވެފައިވާ ގޮތަށް ކަންކަން ކުރުން ކަމަށެވެ.