ޝީޝެލްސް އާއި އިންޑިޔާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ގައުމީ ޓީމް ކުޅެނީ
ބައިނަލްއަގުވާމީ ރަހްމަތްތެރިކަމުގެ ދެމެޗް އެފްރިކާ ބައްރުގެ ޝީޝެލްސްއާ ދެކޮޅަށް އަދި އަވައްޓެރި އިންޑިޔާއާ ދެކޮޅަށް އެކުވެރި ކަމުގެ އެއްމެޗް ކުޅެން ހަމަޖެހިފައިވާކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
"އަންނަ ނޮވެމްބަރު މަހު ޝީޝެލްސްއާ ދެކޮޅަށް އެގައުމުގައި އެކުވެރިކަމުގެ ދެމެޗް ކުޅުމުގެ ހުރިހާކަމެއް ވަނީ ހަމަޖެހިފައި" ޑިރެކްޓަރ އޮފް ނެޝަނަލް ޓީމްސް އަލީ ސުޒޭން ވިދާޅުވިއެވެ.
ފީފާ ރޭންކިންގައި 196 ވަނައިގައި އޮތް ޝީޝެލްސްއާ ދެކޮޅަށް އެކުވެރިކަމުގެ ދެމެޗް ކުޅުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާއިރު ސުޒޭން ވިދާޅުވީ އަންނަ އަހަރުގެ މާޗް މަހު އިންޑިޔާއާ ދެކޮޅަށްވެސް އެކުވެރި ކަމުގެ މެޗެއް ކުޅޭނެކަމަށެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕަށް ކޮލިފައި ވެފައިވާ އިރާނުން ވަނީ އެކުވެރިކަމުގެ މެޗެއް ކުޅުމުގެ ދައުވަތު މިދިޔަ މަހު ރާއްޖެއަށް ދީފައެވެ. އެހެންނަމަވެސް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުނިމޭކަމަށް ބުނެ އެފްއެއެމްއިން ވަނީ އިރާނާއެކު އެކުވެރިކަމުގެ މެޗެއް ކުޅެލަން ލިބުނު ފުރުސަތު ދޫކޮށްލާފައެވެ.
ރާއްޖޭގެ ގައުމީ ޓީމު އެންމެ އަވަހަށް ވާދަކުރަން އޮތް މުބާރާތަކީ އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ލިބިއްޖެނަމަ 2015 ވަނަ އަހަރު އޮންނަ އޭޝިޔަން ކަޕުގައި ވާދަ ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު