ހަތްވަޒީރަކަށް ރުހުންދޭން ފެންނަ ކަމަށް މިރޭ ފާސްކުރައްވައިފި

ރައީސް ޔާމީންގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 15 ވަޒީރުންގެ ތެރެއިން 7 ވަޒީރަކަށް ރުހުން ދޭން ފެންނަކަމަށާއި، 8 ވަޒީރަކަށް ރުހުންދޭން ނުފެންނަ ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިރޭ ފާސް ކުރައްވައިފިއެވެ.

ރުހުން ދިނުމަށް ފެންނަކަމަށް ފާސްކުރައްވާފައިވާ ވަޒީރުންނަކީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ އާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ މުޙައްމަދު ޠާރިޤް އިބްރާހިމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޝިހާމާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުޙައްމަދު މަލީހު ޖަމާލާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޒު މުޙައްމަދު ޢަނިލް އެވެ.

މިބޭފުޅުންނަށް ރުހުން ދިނުމާމެދު ވޯޓަށް އެއްސެވުމުން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުންވަނީ މިބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށް ނިންމަވާފައެވެ.

ރުހުންދޭން ނުފެންނަ ކަމަށް ނިންމަވާފައިވާ ވަޒީރުންނަކީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ކާނަލް (ރޓ) މުޙައްމަދު ނާޒިމް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ޢަބްދުﷲ ޖިހާދު، މިނިސްޓަރ އޮފް ޓޫރިޒަމް އަޙުމަދު އަދީބު ޢަބްދުލްޣަފޫރު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަމީން އިބްރާހިމް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަޞީރު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު އަދި މިނިސްޓަރ އޮފް ހެލްތު އެންޑް ޖެންޑަރ، ޑރ.މަރިޔަމް ޝަކީލާ އެވެ. މިބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ނިންމާފައިވާނީ 6 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ވަޒީރުންނަށް ރުހުންދޭން ފެނޭތޯ ބެލުމަށް ވޯޓަށް އަހާފައިވަނީ ވަކިވަކިންނެވެ. މިރޭގެ ބައްދަލުވުން މިގޮތަށް ފާސްކުރެއްވި ކަމަށްވިޔަސް މަޖިލީހުގެ ތަޅުމުގައި މިބޭފުޅުންނަށް ރުހުންދިނުމަށް ވޯޓަށް ހުށަހަޅާނެއެވެ. ރުހުން ދިނުމަށް ފެނޭތޯ ބެލުމަށް ވޯޓަށް އަހާނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބާއްވާ ޖަލްސާގައެވެ.

މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަކީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީއެކެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :