ދިވެހި އާއިލާއެއް ގޮވައިގެން ދަތުރުކުރި ކާރު އެކްސިޑެންޓްވެ ޑްރައިވަރު މަރުވެއްޖެ

ބޭސްފަރުވާއަކަށް އިންޑިޔާއަށް ގޮސްތިބި ދިވެހި އާއިލާއެއް ގޮވައިގެން ދަތުރުކުރި ކާރު އެކްސިޑެންޓްވެ އެކާރު ދުއްވަންއިން ޑްރައިވަރު މަރުވެއްޖެއެވެ.

މިއެކްސިޑެންޓްގައި ކާރުން ދަތުރުކުރި ދިވެހިންނަށްވެސް ވަނީ އަނިޔާވެފައެވެ. ކާރު އެކްސިޑެންޓް ވިއިރު ކާރުގައި ތިބީ ޑްރައިވަރުގެ އިތުރަށް ދިވެހި ދެމަފިރިއަކާއި އެ ދެމަފިރިންގެ ދެ ކުދިންނާއި އަދި އަންހެންމީހާގެ ކޮށްކޮއެކެވެ.

މި އެކްސިޑެންޓް ހިނގީ މިއާއިލާ ގޮވައިގެން އާގަރާއިން ޓްރިވެންޑްރަމަށް ދަތުރުކުރި މަގުމަތީގައެވެ. ކަރުނާކަޓާގެ ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި މިހާދިސާ ހިނގީ ޓޭންކަރެއް އޯވަރޓޭކް ކުރަން ކާރުގެ ޑްރައިވަރު އުޅުމުގެ ތެރޭގައެވެ. މިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދެމީހުންގެ ހާލު ސިރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމީހުންނަށް ކަރުނާޓަކާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

މިއާއިލާއަށް އެހީތެރިވުމަށްޓަކައި ނިއުދީއްލީގައި ހުންނަ ދިވެހި ހައިކޮމިޝަނާއި ޓްރެވިންޑްރަމްގައި ހުންނަ ދިވެހި ކޮންސުލޭޓާއި، ބެންގަލޫރުގައި ހުންނަވާ އޮނޮރަރީ ކޮންސުލް ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަ ކުރައްވާފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއާއިލާއަކީ ލ. ކުނަހަންދުއަށް ނިސްބަތްވާ އާއިލާއެކެވެ. މިހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 3.15 އެހައިކަންހާއިރު ކަމަށް ދިވެހި ޚާރިޖިއްޔާއިން ހާމަކުރައްވާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :