ރަތަފަންދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިންމީހަކަށް ހޮސްޕިޓަލުން ފަރުވާދޭން ފަށައިފި
ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހަކަށް އެއަތޮޅު ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދޭން ފަށައިފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ މީޑާއިން ބުނީ މިއަދު ހަވީރު ތިނެއްޖެހިއިރު ރަތަފަންދޫ ބޮޑުމަގުގައި މިއެކްސިޑެންޓް ހިނގީ ބާރުސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަތަނުވެގެން ގޮސް މަގުމަތީގައި އެވަގުތުހުރި 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ޖެހިގެންނެވެ. އަދި ސައިކަލް ގެއެއްގެ ފާރުގައި ޖެހުމުން ފާރުންވެސް ބައެއް ހަލާކުވެފައިވާ ކަމަށް ފުލުހުންވަނީ ހާމަ ކުރައްވާފައެވެ.
މި އެކްސިޑެންޓްގައި އެ ކުއްޖާގެ ނިތްކުރިމަތިން ތަންގަނޑެއް ފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި ސައިކަލުގައި ތިބި ދެ މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މިއެކްސިޑެންޓަށްފަހު ގިނައިރެއް ނުވަނީސް ފުލުހުންވަނީ އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ތިނަދުއަށް ފޮނުވާ ފައެވެ.
ފުލުހުން މިހާރު ގެންދަވަނީ އެކްސިޑެންޓްގެ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު