ދެހާސް ސާދަ: އުންމީދީ އަހަރު
މީލާދީ ކަލަންޑަރުގެ އަހަރު ބަޔާންކުރާ ނަންބަރުގެ ކަނާތްފަރާތުގެ އަދަދު ބަދަލުވުމަކީ އެއްވެސް ގޮތަކުން ޚާއްސަ ކަމެއް ނޫނެވެ. ނަމަވެސް އުފާވެރި އާ އަހަރެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ބަޔަކު އެކަންފާހަގަ ކުރެއެވެ. މިއިން ނުކުންނާނެ ނަތީޖާ އަކީ ވޭތުވެދިޔަ އަހަރުގެ ތަޖުރިބާއަށްފަހު އަލުން ރޭވޭ ރޭވުންތަކާ އެކު އިތުރު ކާމިޔާބަކަށް ކުރެވޭ އުންމީދެވެ. ނަމަވެސް ދިވެހިރާއްޖެ 2014 ވަނަ އަހަރާ ކުރިމަތި މިލަނީ ވަރަށް ގިނަގުނަ މާނަތަކަކާ އެކުގައެވެ. ބޮޑެތި އުންމީދުތަކަކާ އެކުގައެވެ.
ސިޔާސީ ހަލަބޮލިކަމުގެ ދުވަސްތަކުގެ ދުވަސްތަކަކަށްފަހުހަމަޖެހުމަކަށް ގައުމު ކުރަމުންދަނީ މަތިވެރި އުންމީދުތަކެކެވެ. ސިޔާސީފާޑުކިޔުންތަކުގައި އަވަދިނެތި ދިޔަ ދުވަސްތަކަކަށްފަހު އިންތިޚާބީ ސަރުކާރެއްގެ ފުރަތަމަ އަހަރާމެދު ކުރެވެނީ އިސްލާހީ އުންމީދު ތަކެކެވެ. ދައުލަތް ހިންގުމުގެ ސިޔާސަތުތަކާ މެދު ކުރީގެ ދެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ރައްދުކުރިސިޔާސީ ޕާޓީއެއްގެ ވެރިކަމާ މެދު ކުރެވެނީ އެ ހުރިހައި ކަމެއް އިސްލާހުވުމުގެ އުންމީދެވެ.
ދައުލަތް ހިންގުމުގެ ނިޒާމު ގާނޫނު އަސާސީންބައްޓަންކޮށްފައި ވަނީ ބާރުތަކުގެ މައިމުގޫ ރައްޔިތުންގެ މަޖިލީހުގައި އޮންނަގޮތަށެވެ. ބުރަ މަސައްކަތްތަކެއް ކުރުމަށްފަހު މަޖިލިސްގެ ދައުރު ހަމަވެ އާމަޖިލީހެއް ހޮވުމުގައި ޒިންމާދާރުކަމާ އެކު ވިސްނައި ޒިންމާދާރު ނިންމުމެއްނިންމުމަކީ މިއަހަރުގެ އެންމެ ބޮޑު ނިންމުން ކަމުގައި ވާނެއެވެ. މިކަން ހެޔޮމަގުންދާނެކަމަށް ކުރެވޭ އުންމިދަކީ އެންމެ ބޮޑު އުންމީދެވެ.
ދައުލަތް ހިންގުމުގައި ސަރުކާރު ޒިންމާދާރުކުރުވޭނެ ގާބިލް މެންބަރުން މަޖިލީހަށް ބޭނުންވެއެވެ. ޒިންމާދާރު ކުރުވުމުގެނަމުގައި މަޖިލީހަށް ހާޒިރުކުރެވޭ ދައުލަތުގެ މުވައްޒަފުންނަށް ހާރުވައިނުލެވޭވަރުގެ އިލްމާއި ތަޖުރިބާއާއި ހެޔޮގޮތުގައި އަމަލުކުރުމުގެ ސުލޫކު ހުރިމެންބަރުން މަޖިލީހަށް ބޭނުންވެއެވެ. ވޭތުވެދިޔަ ފަސްއަހަރުގެ ތަޖުރިބާއިން ކަށަވަރު ކޮށްދީފައިވަނީ މިފަދަ ގާބިލް މެންބަރުން މަޖިލީހުގައި މާބޮޑަށް ވެސްމަދުކަމެވެ. އެކިއެކި ޖަލްސާތަކާއި ކޮމިޓީތަކުން މިކަން ރައްޔިތުންނަށް ކަށަވަރުވެފައިވާނެއެވެ. މިގޮތުގައި ރައްޔިތުން ކުރި ތަޖުރިބާގެ އަލީގައި ގާބިލް މަޖިލީހެއްއިންތިޚާބު ކުރުމަކީ ރައްޔިތުންގެ ޒިންމާއެކެވެ.
ރައްޔިތުންގެ ބާރު ގައުމުގައި ދެމެހެއްޓުމަށްޓަކައި ދައުލަތް ހިންގާ ނިޒާމުގެ ތެރޭގައި ރައްޔިތުންގެ ބަސްބުނެ ރައްޔިތުންގެ އަޑުއިއްވައިދެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. ރައްޔިތުން އެދޭ އަވަސްތަރައްގީއާއި ރައްޔިތުން އެދޭ ސިޔާސަތުތަކާއި ރައްޔިތުންގެ މުސްތަގުބަލަށްއެމީހުން ކުރާ އުންމީދުތައް ދަމަހައްޓައިދޭނީ މަޖިލިސްގެ މެންބަރުންނެވެ. މެންބަރުންގެ އިލްމާއި ތަޖުރިބާއާއި ހެޔޮ ސުލޫކު ނެތަމަ އެތަނެއްގެ ރައްޔިތުންގެމަޖިލިސް ފެނިގެން ގޮސްފައިވަނީ ފީކުދާނަކަށެވެ. އެންމެން ކުޅުޖަހަން ހުންނައެއްޗަކަށެވެ. ޑިމޮކްރެސީގެ މާނައިގައި މަޖިލީހަށް ކުޅުޖެހުމަކީ ރައްޔިތުންގެގަޔަށް ކުޅުޖެހުމެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެގަޔަށް ޖެހި ކިތަންމެ ކުޅެއް ރައްޔިތުން ދެކޭނެތެވެ. މަޖިލީހުގެ ހުރުމަތް ކެނޑޭއަމަލުތަކާއި، މަޖިލީހުގެ ބާރުކެނޑޭ އަމަލުތަކުން ރަމްޒުވެގެންދަނީ ރައްޔިތުންނަށް ވެވޭ އިހާނާތެވެ. އެހެންކަމުން ތަޖުރިބާއަށް ބަލައި، މާޒީގައިގޯހުން ހިނގި ކަންކަން އިސްލާހު ކުރެވޭނޭ ގާބިލު މަޖިލީހެއް މިފަހަރު ހޮވުމަކީ އާއަހަރު ރައްޔިތުން ކުރަންވީ އެންމެ ބޮޑު މަސައްކަތް ކަމާމެދު ޝައްކެއް ނެތެވެ.މި ފުރުސަތަކީ ކޮންމެ ފަސްއަހަރަކުން ލިބޭ ފުރުސަތެކެވެ. އެމީހަކު އިންދި ގަހެއްގެމޭވާގެ ރަހަ ދެކެންޖެހޭ ބީދައިން އެބަޔަކު މެންބަރުން ހޮވާ ގޮތުގެ މައްޗަށްއެބައެއްގެ ގައުމު ބައްޓަންވެގެންދާނޭ ކަމީ ޑިމޮކްރެސީގެ ހަގީގަތެވެ. ދުނިޔެ ތަޖުރިބާކޮށްފައިވާ އިބްރަތެވެ.
ކިޔުންތެރިންގެ ހިޔާލު