"ބޭނުމީ ފޮޓޯ ނެގުުމުގެ ދާއިރާއިން ކިޔަވަން"
ފޮތެއް އޮތަކަސް އެދުރެއް ނުވާނެއެވެ. ކެމެރާއެއް އޮތަކަސް ހިތްދަމައިގަނަން ކަހަލަ ފޮޓޯއެއް ނުނެގޭނެއެވެ. އެކަން ކުރެވޭނީ އެކަމުގެ ހުނަރު ދަސްކޮށްގެންނެވެ.
ހައްދުންމަތީ ގަމު ނޫމިރި، ފާތިމަތު ޒިދުނާ (ޒިދޫ)،އަކީ މިހުނަރު އަމިއްލައަށް ދަސްކޮށްގެން ފޮޓޯނެގުމުގެ މަސައްކަތް ކުރަމުންދާ22 އަހަރުގެ ޒުވާނެކެވެ.
ޒިދޫ ބުނި ގޮތުގައި އެންމެ ކުޑައިރުވެސް ފޮޓޯ ނެގުމަށް އޭނާ ޝައުގުވެރިކަން ހުރެއެވެ. ފޮޓޯ ނެގުމުގެ ދާއިރާއަށް ވަދެވުނީ ފޯނު މެދުވެރިކޮށް އިންސްޓަރގްރާމަށް ތަފާތު ފޮޓޯލާން ފެށި ހިސާބުންނެވެ.
އިންސްޓަރގްރާމުން އޭނާއަށް ލިބުނު ތަރުހީބާއެކު ފޭސްބުކްގައި "އައި ކޭންޑީ ޒިދޫސް ގްރަފީ"ނަމުގައި ޕޭޖެއް ހުޅުވިއެވެ. އޭނާގެ ފޮޓޯ އެއަށް ލާންފެށިއެވެ. މި ފޮޓޯތަަކަށް އެންމެފުރަތަމަ ތަރުހީބުލިބެންފެށީ އޭނާގެ ރަހުމަތްތެރިންގެ ފަރާތުންނެވެ. މިހާރު އެތައް ބަޔަކު އޭނާާގެ ފޭސްބުކް ޕޭޖުގައި ހަރަކާތްތެރި ވެއެވެ.
ޒިދޫ އެންމެ ފުރަތަމަ ނެގީ ގުދުރަތީ ރީތި މަންޒަރުތަކެވެ. މިހާރު އޭނާ އަކީ މޮޑެލްކުރާ ކުދިންގެ ފޮޓޯ ނަގައިދޭ ހުނަރުވެރި މޮޅު ފޮޓޯގްރާފަރެކެވެ. މޮޑެލްކުރާ ބައެއް ކުދިން ވޮލަންޓިއަރ ކޮށްގެންވެސް އޭނާގެ ކެމެރާ ލެންސް ކުރިމައްޗަށް އަންނަނީ އަރަމުންނެވެ.
ފޮޓޯ ތީމްތަކުގެ ގޮތުގައި ޝަގާފީ ތީމް ބޭނުން ކުރަން ލޯބިކުރާ ޒިދޫ ޒަމާނީ ފެޝަނަށް ލޯބިކުރާ ކުދިން ޒަމާނީ ހެދުމުގައި ފޮޓޯ ނަގައިދިނުމަކީވެސް އޭނާގެ ޝައުގުވެރިކަން ހުންކަމަށް ކަމެކެވެ. މީގެ އިތުރަށް ތުއްތު ކުދިންގެ ފޮޓޯ ނެގުމަށްވެސް އޭނާ ޚާއްސަ ކަމެއް ގެންގުޅެއެވެ.
"އެންމެ ކަމުދަނީ ޓްރެޑިޝަނަލް (ސަގާފީ) ތީމުގެ ފޮޓޯތައް. ވަކިން ހާއްސަކޮށް އެންމެ ކަމުދަނީ ވަކި މިވެނި ފޮޓޯއެކޭ ބުނެވޭކަށްނެތް. ހުރިހާ ފޮޓޯއެއް ވެސް ރީތި. ކޮންމެ ފޮޓޯއެއް ވެސް ނަގާފައި އެވަނީ ޒިދޫ އަށް ނެގުނު އެންމެ ފުރިހަމައަށް." އޭނާ ބުންޏެވެ.
ފޮޓޯ ނެގުމުގައި އޭނާއަށް ކުރިއަށް އިތުރު ފިޔަވަޅެއް އެޅުނީ، "ކެނޮން"ބްރޭންޑުގެ24 މެގަޕިކްސެލްގެ ޑިޖިޓަލް ކެމެރާއެއް ލިބުނު ދުވަހުން ފެށިގެންނެވެ. އެއީ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އޭނާގެ ފިރިމީހާ ދިން ކެމެރާއެކެވެ.
"ފޯނުން ފޮޓޯ ނެގުމާއި ކެމެރާއިން ފޮޓޯ ނެގުމާ ވަރަށްބޮޑު ތަފާތެއް އެބައޮތް. މިސާލަކަށް ކެމެރާއިން ނަގާނަމަ ފޯކަސްކުރަން ވަރަށް ފަސޭހަ. ކެމެރާއެއް ލިބުމަކީ އަޅުގަނޑުގެ ފޮޓޯނެގުުމުގެ ކެރިއަރ އަށް ލިބުނު އެންމެބޮޑު ކުރިއެރުން."
ޒިދޫގެ މަސައްކަތަށް އެންމެ ބޮޑު އެހީތެރިކަމެއްލިބެނީ އޭނާގެ ފިރިމީހާއާއި، ރަހުމަތްތެރިންގެ ފަރާތުންނެވެ.
ފޮޓޯ ނެގުމަކީ އޭނާގެ ހޮބީއެވެ. އެހެން ކަމުން ހުސްވަގުތު ފުރާލަނީ ކެމެރާ އެކިދިމާއަށް ފޯކަސް ކުރުމުގައެވެ. ކައިވެނީގެ ހަފުލާތަކަށް އޭނާގެ ކެމެރާގެ ލެންސް މިހާރުވަނީ ވަރަށް ފަރިތަވެފައެވެ. އުފަންދުވަހުގެ ޕާޓީތަކަށް އޭނާގެ ކެމެރާވަނީ މިނިވަން ކަމާއެކު ދޫކޮށްފައެވެ.
ޒިދޫގެ އެންމެ ބޮޑު އުންމީދަކީ ލ. ގަމުގައި ފޮޓޯ ސްޓޫޑިއޯއެއް ހުޅުވުމެވެ. އަދި ފޮޓޯ ނެގުމާ ގުޅޭގޮތުން ކިޔެވުމެވެ. މިގޮތުން މިހާރު އޭނާ އަންނަނީ އިންޓަނެޓުގެ ޒަރިއްޔާއިން ފޮޓޯނެގުމުގެ ތަފާތު ހުނަރުތައް ދަސްކުރަމުންނެވެ.
"ފޮޓޯ ނަގަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އަދި ނުލިބޭ. އެހެންނަމަވެސް ޒިދޫ މިހާރުވެސް މިދަނީ އަމިއްލައަށް އޮންލައިންކޮށް ފޮޓޯނެގުމުގެ ކަންތައްތައް ދަސްކުރަމުން."
ޒިދޫ ދެކޭގޮތުގައި ފޮޓޯ ނެގުމުގެ ހުނަރަކީ އޭނާއަށް ގުދުރަތުން ލިބިފައިވާ އަގުހުރި ހަދިޔާއެކެވެ. ތިޔަ ހަދިޔާ އެހެން މީހުންނާ އެންމެ އެދެވޭ ގޮތުގައި ހިއްސާ ކުރައްވާށެވެ.
ކިޔުންތެރިންގެ ހިޔާލު