އަޅުގަނޑުގެ މަދަދު ލިބޭނެ ކަމަށް ނަޝީދު ވާހަކަފުޅު ދައްކަވަނީ ރައްޔިތުން މަގުފުރައްދަން: ގާސިމް
ރައީސް ނަޝީދު މިހެން ވިދާޅުވުމުން ގާސިމް މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "އަޅުގަނޑުގެ މަދަދު ލިބޭނެ ކަމަށް ބުނުމަކީ އާދައިގެ މަތިން ރައްޔިތުން މަގު ފުރެއްދުމަށް ކެނެރީގޭ ނަޝީދު ދައްކާ ވާހަކައެއް،" ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު އެމަނިކުފާނު ވަނީ ގާސިމްގެ ގެކޮޅި މ. މާފަންނުވިލާ ގައި ވަރަށް ފަހުން ބައްދަލު ކުރައްވައިފައެވެ. މިބައްދަލު ކުރެއްވުމަށްފަހު މީޑިއާގައި ވަނީ ތަފާތު ވާހަކަތައް ފެތުރިފައެވެ. މީޑިއާގެ އިތުރަށް އާންމުންގެ ތެރޭގައިވެސް ދަނީ މިބައްދަލުވުމާ ގުޅިގެން ތަފާތު ވާހަކަތައް ފެތުރިފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ގާސިމް އިބްރާހީމްގެ މަދަދު ލިބޭނެ ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާއެއް ގައެވެ. "ޖުމްހޫރީ ޕާޓީގެ ލީޑަރު އަޅުގަނޑުމެންނަށް މަދަދުވެރިވާނެ،" ނަޝީދު ވިދާޅުވިއެވެ.