ޒުވާނުންގެ ދައުރު އިތުރު ކުރުމަށް ފުލުހުން ކޭމްޕެއް ބާއްވަނީ

ފުރާވަރުގެ ކުދިންނާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން "ބްލޫޒް ފޯރ ޔޫތު" ގެ ނަމުގައި ފޭދޫފިނޮޅުގައި ކޭމްޕެއް ބޭއްވުމަށް ފުލުހުން ނިންމަވައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިކޭމްޕުގައި ބައިވެރި ކުރާނީ އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ކަމަށެވެ. މިކޭމްޕް އޮންނާނީ އަންނައަހަރުގެ ޖެނުއަރީ 5 ވަނަދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފުލުހުން ބުނެފައިވަނީ މިކޭމްޕު ބޭއްވުމުގެ މަގުސަދަކީ ގައުމީ ކަންކަމުގައި ޒުވާނުންގެ ދައުރު އިތުރުކޮށް، ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކޮށް، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވުން ކަމަށެވެ. އަދި ކަންކަމުގައި އިސްނަގައި ހަރަކާތްތެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދީ ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އިތުރުކުރުމަކީވެސް މަގުސަދެއް ކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ.

މިކޭމްޕުގައި ބައިވެރިވާ ކުދިންނަށް އަލިފާނުގެ ހާދިސާތަކުން ސަލާމަތްވާން ދަސްކޮށްދޭނެއެވެ. އަދި ހުނަރުވެރި ގޮތްތައް ބޭނުންކޮށްގެން ތަންތަނަށް އަރައި ފައިބާންވެސް ދަސްކޮށްދޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބިޑި އާއި މުގުރު ބޭނުންކުރުމާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމުގެ ހުނަރުތައްވެސް ދަސްކޮށް ދެއްވާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރަށް ކުޅިވަރު ކުޅުމާއި، ފެތުންވެސް ހިމެނެއެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދާއެކު ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތުވެސް ކުދިންނަށް ދެއްވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިކޭމްޕުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަހުގެ 31 ވަނަދުވަހު ހަވީރު 6:00 ގެކުރިން އިސްކަންދަރުކޮށްޓަށް ހުށަހަޅަން ޖެހެއެވެ. ފޯމާއެކު އައިޑީކާޑު ނުވަތަ ޕާސްޕޯޓް ކޮޕީ ހުށަހަޅަން ޖެހެއެވެ. މިއީ މިގޮތަށް ބާއްވާ ފުރަތަމަ ކޭމްޕަށްވުމުން ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ މަދުއަދަދެއްގެ ކުދިންކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. ނަމަވެސް އެއީ ކިތައް ކުދިންނެއް ކަމެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :