ރާއްޖެއިންވެސް މަންޑޭލާއަށް އެންމެފަހުގެ އިހްތިރާމް އަދާކުރައްވައިފި
ސައުތުއެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނަށް ރާއްޖޭގެ ފަރާތުން އެންމެފަހުގެ އިހުތިރާމް އަދާ ކުރައްވައިފިއެވެ.
ރާއްޖޭގެ ފަރާތުން މިއިހުތިރާމް އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ސައުތުއެފްރިކާއަށް ވަޑައިގެންނެވި ރައީސް އޮފީހުގެ މިނިސްޓަރ މުހަންމަދު ހުސައިން ޝަރީފެވެ.
ނެލްސަން މަންޑޭލާގެ ހަށިކޮޅު ބާއްވާފައިވާ ޔޫނިއަން ބިލްޑިންގއަށް މިނިސްޓަރ ޝަރީފް ވަޑައިގެން، މަންޑޭލާގެ ޢާއިލާގެ ބޭފުޅުންނާއި، ދެކުނު އެފްރިކާ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ނަންފުޅުގައި، ނެލްސަން މަންޑޭލާގެ ޢާއިލާގެ ބޭފުޅުންނަށާއި، ދެކުނު އެފްރިކާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުންވަނީ ހާމަކުރައްވާފައެވެ.
މަންޑޭލާއަށް އެންމެފަހުގެ އިހުތިރާމް އަދާކުރުމުގެ ގޮތުން ރާއްޖޭގެ އިތުރށް ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުގެ ވެރިންވަނީ ދެކުނު އެފްރިކާ އަށް ވަޑައިގެންފައެވެ. މަންޑޭލާ އަށް އިހުތިރާމް އަދާކުރުމުގެ ރަސްމީ ހަފުލާ ބާއްވާފައިވަނީ މިދިޔަ ހަފުތާގައެވެ.
މަންޑޭލާ އަވަހާރަވުމުން ދިވެހިދިދަވަނީ 3 ދުވަހަށް ބައިދަނޑިއަށް ތިރިކޮށް ހިތާމާ ފާޅުކޮށްފައެވެ. އޭނާގެ ހަނދާނުގައި ދަފްތަރެއް ވެސް ސަރުކާރުން ހުޅުވިއެވެ. ރައީސް ޔާމީނާއި ނާއިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވަނީ އޭގައި ލިޔެ ސޮއިކޮށްފައެވެ. މީގެ އިތުރަށް ސަރުކާރުގެ އިސްވެރިން ވެސް ވަނީ އޭގައި ސޮއިކުރައްވާފަ އެވެ. އަދި ރައީސް ޔާމީންވަނީ ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ އަށް ތައުޒިޔާގެ ސިޓީފުޅެއް ވެސް ފޮނުއްވާފައެވެ.
މަންޑޭލާ އަވަހާރަވެފައިވަނީ އުމުރުފުޅުން 95 އަހަރުގައި ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ވަޑައިގަންނަވަނިކޮށް މިމަހުގެ 6 ވަނަދުވަހު އެވެ. މަންޑޭލާގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުއެވެ.
ކިޔުންތެރިންގެ ހިޔާލު