ބޭރުގެ ގައުމަތަކާއެކު އޮންނަ ގުޅުމަށް ބުރޫއަރާނެ ފަދަ ކަމެއް ނުކުރުމަށް ގޮވާލައިފި

ދިވެހިރާއްޖެއާއި އަވަށްޓެރި ގައުމުތަކާއި ނުވަތަ އެކުވެރި ދައުލަތްތަކާ ދެމެދު އޮންނަ ގާތް ގުޅުމަށް ބުރޫ އަރާނެ އެއްވެސް ކަމެއް ނުކުރުމަށް ފޮރިންމިނިސްޓްރީން ގޮވާލައްވައިފިއެވެ.

ފޮރިންމިނިސްޓްރީން މިކަމަށް ގޮވާލައްވާފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ރަޖީވް ޝަހާރޭގެ ކާރުކޮޅަށް ހޯމަދުވަހުގެރޭ ދިން ހަމަލާ ކުށްވެރިކޮށް ނެރެފައިވާ ބަޔާނެއްގައެވެ.

އިންޑީއާ ހައިކޮމިޝަންގެ ކުރިމަތީގައި ސަފީރުގެ ކާރުކޮޅު އޮއްވައި ގާބުރިއެއް އެއްލައި ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅާލައިފައެވެ.

މިކަމާ ގުޅިގެން އިންޑީއާ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ ސީދާ ސަފީރަށް ގެއްލުން ދިނުމަށްދިން ހަމަލާއެއް ކަމަށް ވެދާނެ ކަމަށެވެ. އަދި އެހަމަލާ ކުށްވެރި ކުރާކަމަށެވެ. މިހަމަލާގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ރަހުމަތްތެރި ކަމަށް ބުރޫއަރާފާނެތީ ކަންބޮޑުވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައިވެސް ބުނެފައިވަނީ އެހަމަލާ ކުށްވެރިކުރާ ކަމަށެވެ. ރާއްޖޭގައި ތިއްބަވާ ޑިޕޮލަމެޓިކް ފަރަތްތަކަށް މިފަދަ ހަމާލާ ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މިހަމަލާ ރައީސް ވަހީދުވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ ފިނޑި އަމަލެއް ކަމަށެވެ. ރައީސް ވަހީދުގެ އިތުރަށް ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫނާއި، ރައީސް ނަޝީދުވެސް ވަނީ މިހަމަލާ ކުށްވެރި ކުރައްވާފައެވެ. އަދި އެމްޑީޕީއާއި، ޕީޕީއެމް އިންވެސް ވަނީ މިހަމަލާ ކުށްވެރި ކޮށްފައެވެ. އަދި ޖުމްހޫރީޕާޓީންވެސް ވަނީ މިހަމަލާ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :