ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމަކީ ބަޔަކުދިން ނުރައްކާތެރި މެސެޖެއް- ރައީސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމަކީ ބަޔަދިން ނުރައްކާތެރި މެސެޖެއް ކަމަށް ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ އެއް އަހަރު ފުރުމުން އެމަނިކުފާނުގެ ހަނދާނުގައި ޕީޕީއެމްއިން މާލޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އަފްރާޝީމު މެރުމަށް ދީފައިވާ ހަމަލާއަކީ ދީނީ އިލްމުވެރިންނަށާއި އިސްލާމްދީނަށް އެބަޔަކު ޖެހި ގޮނެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ޑރ. އަފްރާޝީމަކީ ރާއްޖެއަށް ޚިދުމަތް ކުރައްވަމުން ގެންދެވި އިލްމުވެރި ބޭފުޅެއް ކަމަށެވެ. ނަމަވެސް އަފްރާޝީމަށް އަވަހާރަ ކޮށްލުމަށް ހަމަލާދީފައިވާ މީހުން އެއަމަލު ހިނގާފައިވަނީ އަފްރާޝީމްގެ ހިދުމަތްތަކުން ދިވެހިރާއްޖެ މަހުރޫމްކޮށްލުމަށް ކަމަށެވެ. މިހަމާލާގެ މާނައަކީ އެކަން ކުރި މީހުން ހިތްނޭދޭ ގޮތަކަށް އަޑުއުފުލާ ކަމަށްވާނަމަ އެބަޔަކަށް ނުވަތަ އެމީހަކަށް ވެސް އޮތް ގޮތަކީ އަފްރާޝީމާ މެދު އަމަލު ކުރިއުސޫލުކަން ހަމާކޮށް ދިނުން ކަމަށްވެސް ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ "އެއީ ބަޔަކު މީހުން އަޅުގަނޑުމެންގެ ގައުމަށް ދިން ނުރައްކާތެރި މެސެޖެއް. މާނައަކީ ބަޔަކު މީހުން ދޭދޭ ގޮތަކަށް އަޑުއުފުލާ ވާހާކަ ދައްކާ މީހަކަށް އޮތީ މި ގޮތޭ. އެހެން ވީމާ އެ ބަޔަކު އަޅުގަނޑުމެން ވައްޓާލަން އެ އުޅެނީ ބިރުވެރިކަމުގެ ޖައްވަކަށް. އެ މީހުން ބިރު ދައްކައިގެން ކަންތައްތަކެއް ކުރަން އެ އުޅެނީ،"
އަފްރާޝީމް އަވާހަރާ ކޮށްލި މީހުންގެ އެހެން ބޭނުމެއްވެސް އެބައޮތް ކަމަށް މައުމޫން ވިދާޅުވިއެވެ. އެއީ ސިޔާސީ ބޭނުމެވެ. އެހަމަލާއަކީ ބަޔަކު ރާވައިގެން ހިންގި ބޮޑު ޖަރީމާއެއް ކަމަށް މައުމޫން ވަނީ ސިފަ ކުރައްވާފައެވެ.
އަފްރާޝީމް އަވަހާރަ ކޮށްލިފަހުން އަހަރުވީއިރުވެސް އެކަން ކުރި މީހުންނަށް ހައްގު އަދަބު ނުދެވިފައިވާތީ އެކަން އަވަސް ކުރުމަށްވެސް މައުމޫން ވިދާޅުވިއެވެ. "މި މައްސަލަ ދިގުލައިގެން ނުގޮސް ވީހާވެސް އަވަހަކަށް އެކަން ކުރި މީހުންނަށް ހައްގު އަދަބުދީ އިންސާފު ލިބުން އަޅުގަނޑުމެންގެ އެދުމަކީ. އޭރުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ވިސްނޭނީ މިބާވަތުގެ ކަންކަން ކޮށްފައި ތިބޭ މީހުންނަށް އެ ނުބައި އަމަލުތައް ކޮށްފައި މުޖުތަމައުގައި ނޫޅެވޭނެ ކަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު