އިންތިޒާރުގެ އެއް އަހަރު ހަޔާތުގެ މާޔޫސްކަމުގެ ތެރެއަށް
2014 ވަނަ އަހަރު އޭގެ ދަންފަޅި ހަމަކޮށް ފަސްދީ ހިނގައްޖެއެވެ. ފަސްދީ އެދިޔަ ޒަމާނުން އިބުރަތްތަކެއް ހޯދަން ގޮވައިލަމުންނެވެ. އޮއްސެންދާ އިރަށް ކުރިމަތިލައި، ދަތްދޮޅީގައި އަތް ވިއްދައިގެން ނުތިބުމަށް ގޮވައިލަމުންނެވެ.
2014 ވަނަ އަހަރު ދިވެހިންނާ ކުރިމަތިލީ އުންމީދީ އަހަރެއްގެ ގޮތުގައެވެ. ސުލްހަ މަސަލަސްކަމާއި ހަމަޖެހުމާއި ތިޔާގިކަމުގެ އަހަރެއްގެ ކަމަށް ހީކުރުވަމުންނެވެ. ޚާއްސަކޮށް ތަނަވަސްކަމާއި އުފާފާގަތިކަމުގެ އަހަރަކަށް ވުމަށް އެދެމުންނެވެ. ސިޔާސީ ގޮތުން ހަލަބޮލި ދުވަސްތަކަކަށްފަހު އިންތިޚާބު ކުރެވުނު ސަރުކާރާއެކުގައި ގައުމު ތަނަވަސް ރާސްތާއަކަށް ގެންދެވޭތަން ދުށުމަށް އުންމީދު ކުރަމުންނެވެ.
ފަސްދީ ދިޔަ އަހަރަކީ އާ ސަރުކާރުގެ ހަނީމޫން ދުވަސްތައް އޭގެ ކަލަންޑަރުން ކަނޑަން ޖެހުނު އަހަރެކެވެ. އަލަށް ފަށައިގަންނަ މަސައްކަތްތަކުގެ އާކަމާއި، އަލަށް ކަންކަމާ ހަވާލުވީ މީހުންގެ އާކަމަކީ މުޅި އަހަރު ދުވަސް ބުރަހެލި ކުރުވި އެއް ސަބަބެވެ.
2014 ވަނަ އަހަރު ދިޔައީ، ނުފުދިފައިވާ އުންމީދުތަކާ އެކު ކެތްތެރިކަމުގައި ލެނގިލައިގެން ތިބި ރައްޔިތުންނަށް އަވަސް ކަންކަން ވެސް ދައްކައިފައެވެ. އޭގެ ގިނަ ކަންކަމަކީ ނުތަނަވަސް ކުރުވި ކަންކަމެވެ. ފުރަމާލޭގައި ކެޕިޓަލް ސިޓީގެ މަގުމަތީގައި ގަތުލުކުރެވުނު އިންސާނުންގެ ވާހަކައިން ފަށައިގަނެވިދާނެއެވެ. ދެން ގެއްލުނު ނޫސްވެރިޔާގެ ވާހަކައެވެ. އޭގެ ފަހުން ގެއްލުނު އުއްތަމަ ފަނޑިޔާރާއި ސުޕުރީމް ކޯޓުގެ ފަނޑިޔާރުގެ ވާހަކައެވެ. މިކަންކަމަކީ އަދުލު އިންސާފު މިފަސްމަތީގައި އޮތް ނެތް މިންވަރާ މެދު ފިކުރު ހިންގަން މަޖުބޫރު ކުރުވި ކަންކަމެވެ. ރައްޔިތުންގެ ހިތްތަކުގެ ހިމޭންކަން ކަށަވަރު ނުކުރެވުނު ސަބަބުތަކެކެވެ.
މަޖިލީހުން ފަތުއަޑު ކިޔައިފައި ދާ ބާރުމިނުގައި ފާސްވަމުން ދިޔަ ގާނޫނުތަކާއި، އެ ގާނޫނުތައް ތަސްދީގުވެގެން ދިއަ ބާރުމިން ވެސް ތާރީޚުގައި ލިޔެވެއެވެ. އެންމެ ފަހުން ފުރަމާލެ ފެނަށް ޖެހުނު ހާދިސާއެވެ. ދިވެހިން ހުވަފެނުން ވެސް ނުދެކޭ މުސީބާތެއް ލައިގަތީއެވެ. މިހާދިސާގެ ތެރެއިން އިމްތިހާން ވެގެން ދިޔަ އަޚުލާގާއި، ހުނިޖެހިގެން ދިޔަ މީހުންގެ ވާހަކަ އެވެ. އަވަށްޓެރިންނާއި ރައްޓެހިން މާލެއަށް ފެން އުފުލައިދިން ގޮތުގެ ވާހަކައެވެ.
މުޅި އަހަރަށް ބަލާއިރު ވެސް މަސްރަހުގެ އެންމެ ގަދަ ވިންދު ހުރީ އުތުރު ކަރައާއި ސީނު ކަރަ، ރާއްޖެއާ ދިމާއަށް ކަޅިއަޅާ ގޮތުގައެވެ. ކަންނެއްޔާއި ހޯރައިގެ ކިބައިން ޖާނު ބެޗޭތޯ އުޅޭ ފުޅަނގީގެ މިސާލުގައި ދިވެހިރާއްޖެ މޭތެޅޭ ކަމުގެ އިހުސާސް ކުރެވެމުންދާ ގޮތުގައެވެ.
ދެން ޖީބުތަކުގެ ވާހަކައެވެ. ދީބަށް ފައިދާވާ ގޮތަށް ވުރެ ޖީބަށް ފައިދާވާ ގޮތަށް ކަންކަން ނިމެމުންދިޔަ ކަމުގެ ޝަކުވާ އަޑުއިވުނެވެ. ސިޔާސީ ގުޖަޑު ގަނޑުގެ ތެރޭގައި އާންމު ދިރިއުޅުމުގެ މަސައްކަތް ގެއްލިފައިވާ އެތައް ބައެއްގެ އިންތިޒާރަށް ވަގުތު އިތުރުވުން ނޫންކަމެއް އާންމުކޮށް ފެނުނެކޭ ނުދެންނެވޭނެއެވެ. ހުސްވެފައިވާ ޖީބުތަކުން ނެގޭ ގޮތުގައި ވާރު ބޮޑުވުމާއި، ބިދޭސީން އަތުން ފެހި ވާރު ނެގުން ފަދަ ކަންކަމަކީ ތަނަވަސް ކަމަށް ކުރެވުނު އުންމީދާ ދުރު ކަންކަމެވެ.
ފައިބެ އަހަރުގެ މައްޗަށް ކުރުކޮށް ބަލާ ނަމަ، ފެންނަނީ އުންމީދު ކުރެވުނު ތަނަވަސްކަން ނުފެނުމާއި، ޝަރުޢީ ނިޒާމާ މެދު ބިރުބޮޑުވެގެން ދެކެވުނު ވާހަކަތަކާއި، ލާމަރުކަޒީ ނިޒާމު ހިމާޔަތް ނުކުރެވިދާނެ ކަމުގެ ޝަކުވާއާއި، ވައްކަމާއި މާރާމާރީގެ ވާހަކައެވެ.
ގާނޫނުތައް ވަކި މީހެއްގެ ގަޔަށް ފަހައިފައި ހުރުމުގެ ސަބަބުން ފަސްބަޔަށް ފައިން އެރެމުން ދަތިގޮތަކަށް އުޅުނު މަންޒަރު ވެސް މަދެއް ނޫނެވެ. ނަމަވެސް ގާނޫނު ތަކެއް އިސްލާހު ވެއްޖެއެވެ. ގާނޫނުތަކަކަށް ބަދަލު ގެނެވިއްޖެއެވެ. އެހެންކަމުން ނިމިގެން ދިޔަ އަހަރުގެ ދަތިތަކުން އަރައިގަނެ އިތުރު އުންމީދަކާ އެކު 2015 ވަނަ އަހަރާ ކުރިމަތި ލެވިދާނެއެވެ. އަނެއްކާ ވެސް އުންމީދުގައެވެ. ބަދަލު ގެނެވުނު ގާނޫނުތަކާއި އަލަށް ފާސްވި ގާނޫނުތަކާއި ދައުލަތް ހިންގުމުގެ ވައްޓަފާޅިއަށް ގެނެވުނު ތަފާތުތަކުން ރައްޔިތުންނަށް ގެނެސްދޭނެ ހެޔޮ ނަތީޖާއެއްގެ އުންމީދުގައެވެ.
ދިގު ލިސްޓަކަށް ޝަކުވާ އޮއްސާލި އިރު އަދި އެއްވާހަކަ އެއް ބުނަންޖެހެއެވެ. ހިތް ހަމަ ނުޖެހުނު ސަބަބުތައް މެދުވެރިވީ އަދި އޭގެ މިންވަރު ހައްދުތަކުން މައްޗަށް ދިޔައީ ކީއްވެގެންތޯ ބަލަން ޖެހެއެވެ. އަސްލަކީ ވެސް ސަބަބަކީ ވެސް މުޖުތަމައުގެ ފަރުދުން އެމީހުންގެ ފަރުދީ ޒިންމާ ރަނގަޅަށް އަދާ ނުކުރުމެވެ. މިފަދަ ބައެއްގެ މައްޗަށް އެކުލެވޭ މުޖުތަމައުން މުޖުތަމައުގެ ޒިންމާ އަދާނުކުރެވުމެވެ. ކޮންމެ ގޮތެއް ވަރިހަަމަ ވެފައި ތިބުމުގެ ނަތީޖާއިންނެވެ. ވިސްނަން ނޭނގިފައިވާ މީހުންނަށް ވިސްނަން ދަސްކޮށްދީ އެމީހުންގެ ފުށުން ވަކާލާތުކޮށްދޭ މަތިން ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމުގައިވާ މީޑިއާ ސިޔާސީ ނުފޫޒުތަކުން ކަސްބީވެފައި އޮތަތީއެވެ. "ޕޮލައިޓްކޮށް" ނުބުންޏަސް މީ ހަގީގަތެވެ. އަހަރެއް ނިމި އާ އަހަރަކާ ކުރިމަތި މިލަނީ މި ހަގީގަތުގެ މަތީގައެވެ.
ކިޔުންތެރިންގެ ހިޔާލު