ބޭނުންވަނީ މަސައްކަތްތެރިންނަށް ފުރުސަތު ދީގެން ކަންކަން ކުރަން: ރައީސް ޔާމީން

image މައިރަޒުގެ ތަކެތި ރައީސް ބައްލަވަމުން ގެންދަވާއިރު އަރިހުގައި އިކޮނޮމިކް މިނިސްޓަރު ސައީދު: ފޮޓޯ ރައީސް އޮފީސް

މިސަރުކާރުން ބޭނުންފުޅުވަނީ މަސައްކަތްތެރިންނަށް ހިތްވަރާއި، ފުރްޞަތު ތަނަވަސްކޮށްދީގެން ކަންތައްތައް ކުރައްވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ބައިވެރިވި ފަރާތްތަކަށް އިނާމު ދިނުމަށްޓަކައި، އުސްފަސަގަނޑު ސަރަޙައްދުގައި، މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަސައްކަތްތެރިންނަށް ފުރުސަތު ފަހިކޮށް ދެއްވައިގެން ކަންކަން ކުރައްވަން ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އުފައްދާ ތަކެއްޗަށް މާރކެޓް ހޯދައި ދިނުން ކަމަށެވެ. އޭގެ އިތުރަށް އެކަށީގެންވާ އަގެއްގައި އުފެއްދުންތަކުގެ ފެންވަރު ބަދަލުނުކޮށް، ބޭނުންވާ ޢަދަދަށް އަބަދުވެސް ސަޕްލައި ކުރުމަކީވެސް ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ތަކެތި އުފައްދާ މީހުންނާއި މުދާ ގަންނަ މީހުންނާ ދޭތެރޭގައި އޮންނަ ވަޞީލަތް ނުވަތަ ދެފަރާތް ގުޅުވާދޭ ފާލަމެއް ގާއިމް ކުރުމަކީވެސް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު ޗައިނާ ސަރުކާރުން ކުންމިންގައި ބާއްވާ އެކްސްޕޯގައި، ދިވެހިރާއްޖެއަށް ކަންޓްރީ އޮފް އޮނަރގެ ދަރަޖަ ދީފައިވާކަމަށެވެ. އެއީ ފަހި ފުރްޞަތުތެއް ކަމަށާއި އޭގެ ކުގެ ބޭނުމަކަށްވާނީ، ޤައުމީ މަޢުރަޒުގައި ފެނިގެންދިޔަ ކަހަލަ އުފެއްދުންތަކެއް އެ ފެއަރގައި ދިވެހި މަސައްކަތްތެރިންގެ ފަރާތުން ބައިވެރިކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މިރޭހުޅުވުނު މަޢުރަޒުގެ ތެރެއިން ހޮވާލެވޭ ބައެއް އުފެއްދުންތަށް ކުންމިން ފެއާރގައި ބައިވެރިކުރުމުގެ ފުރްޞަތު ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ދެން ކުރަންޖެހޭ މަސައްކަތަކީ، އިކޮނޮމިކް ސްކޭލެއް މާސް ޕްރޮޑަކްޝަނަކަށް ދިޔުމަށްޓަކައި، ބޭނުންވާ މެޝިނަރީއާއި ވަސީލަތްތައް ޤާއިމްކޮށްދެވޭނެ ގޮތްތައް މަސައްކަތްތެރިންނަށް ފަހިކޮށްދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ ޤައުމީ މަޢުރަޒުގައި ދައްކާލާފައިވާ މޮޑެލްތައް ކޮމާރޝަލައިޒް ކޮށް، އޮޓަމޭޓް ކޮށް، މެކެނައިޒްކޮށްގެން، އެއްފަހަރާ ގިނަ މުދާތަކެއް އުފައްދައިގެން ބާޒާރު ހޯދުން އެއީ އެންމެ ފައިދާކުރަނިވި ގޮތަކަށް މިފަދަ މަސައްކަތުން އާމްދަނީ ލިބޭނެ ގޮތް ކަމަށެވެ.

މި މަޢުރަޒުން ވަނަތައް ހޯދި ބޭފުޅުންނަށް ތައްޓާއި ހަނދާނީ ލިޔުން ޙަވާލުކޮށް ދެއްވައީ ރައީސް ޔާމީނާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް