މަސީގެ މެންބަރު ކުންފުނިތަކަށް އެސްޓީއޯއިން އިނަޔާތުގެ ދަށުން މުދާދޫކުރަން ނިންމައިފި
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގައި މެންބަރު ކުންފުނިތަކުން ހިންގާ ސަރުކާރުގެ މަޝްރޫއުތަކަށް ކްރެޑިޓަށް މުދާ ދިނުމުގެ އެއްބަސްވުމެއްގައި އެސްޓީއޯއާއި، މަސީން މިއަދު ސޮއިކޮށްފިއެވެ.
އެސްޓީއޯ ހެޑު އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމެވެ. މަސީގެ ފަރާތުން ސޮއި ކުރެއްވީ އެޖަމިއްޔާގެ ނާއިބު ރައީސް އާލާއު ޢަލީއެވެ.
ޢިމާރާތް ކުރުމުގެ ސާމާނު ކުންފުނިތަކަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެމްޑީ ޢާޒިމް ވިދާޅުވީ މިއީ ސަރުކާރުގެ މަޝްރޫޢުތައް އަވަހަށް ނިންމުމަށް އެޅިގެންދިޔަ ރަނގަޅު ފިވަޅެއް ކަމަށެވެ. މިއެއްބަސްވުމުގެ ސަބަބުން މަސައްކަތްތައް ހަލުއިވެގެންދާނެ ކަމަށެވެ.
އެސްޓީއޯއިން ކުރެޑިޓަށް މޫދާ ދޫކުރުމުން މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ސާމާނު އެސްޓީއޯއިން ރަނގަޅު އަގެއްގައި ފޯރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މިއެއްބަސްވުމުގެ ދަށުން މަސީގެ ކުންފުނިތަކަށް ތިންމަސްދުވަހުގެ ކްރެޑިޓް ޕީރިއަޑެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެސްޓީއޯގެ ފައިދާ މިހާރު އިތުރުވެފައިވުމުން އެކުންފުނިން ބޭނުންވަނީ އެހެން ކުންފުނިތަކަށް އެހީވެ އެކުންފުނިތައް ކޮޅަށް ނެގުން ކަމަށެވެ.
މިއެއްބަސްވުމުގެ ސަބަބުން ޢިމާރާތް ކުރުމުގެ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެގެންދާނެ ކަމަށް މަސީގެ ނާއިބު ރައީސް އަލާއު ޢަލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން މިހާރު ނުފެށިހުރި މަޝްރޫޢުތައް ފެށިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މަޝްރޫޢުތައް މަޑުޖެހުނީ މުދަލުގެ އަގާއި ޑޮލަރުގެ އަގަށް އައި ބަދަލުގެ ސަބަބުން ކަމަށެވެ. އާލާއު ވިދާޅުވީ މިހާރު ދިމާވެފައިވާ އަޑިގަނޑުން ސަލާމަތްވާނެ ގޮތެއް ހޯދުމަށް ސަރުކާރާ ވާހަކަ ދައްކަވަނުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޢާޒިމް ވިދާޅުވީ ޢިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ކްރެޑިޓަށް ދިނަސް މުދަލުގެ އަގުބޮޑު ނުކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު