މަސްވެރިންގެ އިންޝުއަރެންސް ސްކީމުގެ ދަށުން ދޯންޏަކަށް ބަދަލުދީފި

image

"މަސްވެރިންގެ އާމްދަނީގެ އިންޝުއަރެންސް ސްކީމް" ގެ ދަށުން ފުރަތަމަ ފަހަރަށް މަސް ދޯންޏަކަށް ބަދަލު ދީފި ކަމަށް މިނިސްޓްރީއޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހާމަ ކުރައްވައިފިއެވެ.

މިިކަމާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ފުރަތަމަ ފަހަށް ބަދަލު ދީފައިވަނީ "ކުރުމަސް" ދޯންޏަށް ކަމަށެވެ. އެދޯނީގެ 20 ފަޅުވެރިއަކަށްވަނީ އެ ސްކީމުގެ ދަށުން 199،547.09 ރުފިޔާ ދީފައެވެ. އެއީ ކޮންމެ ފަޅުވެރިއަކަށް 9977.35 ރުފިޔާއެވެ. އެފައިސާ ދީފައިވަނީ އެންސްޕާއިން ކަމަށް މިނިސްޓްރީން ހާމަ ކުރައްވާފައި ވެއެވެ.

ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އެ ފައިސާއަކީ މިއަހަރުގެ ޖޫން މަހު ލިބުނު އާމްދަނީ މަދުވުމުގެ ސަބަބުން ދީފައިވާ ފައިސާ ކަމަށެވެ. "ކުރުމަސް" ދޯންޏަކީ "މަސްވެރިންގެ އާމްދަނީގެ އިންޝުއަރެންސް ސްކީމް" ގައި ބައިވެރިވެފައި ދޯންޏެކެވެ.

މި ސްކީމަކީ މަސްވެރިކަން ދަށްވުމުގެ ސަބަބުން ނުވަތަ މޫސުމް ގޯސްވެ މަހަށް ފުރުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން މަސް ދުވަހުގެ އާމްދަނީގެ ގޮތުގައި އެކަށީގެންވާ މިންވަރަކަށް ފައިސާ ނުލިބޭ މަސްމަހު ކަނޑައެޅިފައިވާ އަދަދަށް ފައިސާ ލިބޭނެ ގޮތަށް ހަމަޖައްސަވާފައިވާ ސްކީމެކެވެ. މި ސްކީމް ތަޢާރަފް ކޮށްފައިވަނީ މިއަހަރުގެ މާރޗުމަހު 28 ވަނަ ދުވަހުއެވެ.

މިސްކީމް ހުޅުވާލެވިފައިވަނީ މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑުބައި މަސްވެރިކަން ކޮށްގެން ހޯދާ، މިނިސްޓްރީން ދޫކުރާ މަސްވެރިކަން ކުރުމުގެ ސައްހަ ލައިސަންސެއްގެ ދަށުން މަސްވެރިކަންކުރާ އަދި މިނިސްޓްރީން ކަނޑައަޅައި އިއުލާން ކޮށްފައިވާ ވެސަލް ލޮކޭޓިން ޑިވައިސް (ވީއެލްޑީ) ހަރުކޮށްފައިވާ މަސް ދޯނި ފަހަރުގެ ތެރެއިން މަހަށް ފުރާ ދޯނި ފަހަރަށް ކަމަށް މިނިސްޓްރީން ވަނީ ހާމަ ކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް އެބައޮތެވެ. ސްކީމްގެ އިދާރީ ހުރިހާ މަސައްކަތްތަކެއް ކުރަނީ އެންސްޕާއިން ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement