ޗައިނާގެ އިތުރު ތިން މަންޒިލަކަށް އުދުހުމަށް ރަޝިޔާ ވިޝަންއާއެކު މޯލްޑިވިއަން އިން ސޮއިކޮށްފި
އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އިން ޗައިނާގެ އިތުރު ތިން މަންޒިލަކަށް ދަތުރު ކުރުމުގެ އެއްބަސްވުމުގައި ޗައިނާގެ ޓްރެވެލް ކުންފުންޏެއް ކަމަށްވާ ރަޝިޔާ ވިޝަން އިންޓަރނޭޝަނަލް ޓްރެވަލް ސާވިސަސް އާއެކު މިއަދު ސޮއިކޮށްފިއެވެ.
މިއަދު މެންދުރުފަހު މޫކައި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް ޙާރިސެވެ. ރަޝިޔާ ވިޝަން އިންޓަރނޭޝަނަލް ޓްރެވަލް ސާވިސަސް ގެ ފަރާތުން ސޮއި ކުރެއްވީ މިސްޓަރ ޚާން އެވެ.
މޯލްޑިވިއަންގެ ދަތުރުތައް އަލަށް ފެށުމަށް ހަމަޖެހިފައިވާ ޗައިނާގެ ތިން މަންޒިލަކީ ޒިއޯން، ޗަންގޝާ، އަދި ނަންޖިން އެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިައި ވަނީ 2015 ވަނަ އަހަރު ފެބުރުއަރީ ފުރަތަމަ ދުވަހު ކަމަށް މޯލްޑިވިއަން އިން ވަނީ ހާމަ ކުރައްވާފައެވެ.
މި ދަތުރުތައް ފެށުމުގެ ކުރިން އިތުރު ބޯޓެއް މޯލްޑިވިއަންއަށް ގެންނަންވަނީ ނިންމާފައެވެ. ކޮންމެ ހަފްތާއަކުވެސް މިތިން މަންޒިލަށް މޯލްޑިވިއަންގެ ދަތުރުތައް އޮންނާނެ ކަމަށް އެތަނުން ހާމަކޮށްފައިވެއެވެ.
މި ތިން މަންޒިލަށް ދަތުރުތައް ފެށުމުން ރާއްޖޭގެ ފަތުރުވެރި ކަމަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަން އިންވަނީ ބުނެފައެވެ.
މޯލްޑިވިއަން އިން މިހާރުވެސް ޗައިނާގެ ދެ މަންޒިލަކަށް އުދުހެއެވެ. ޗައިނާއަކީ ފަހަކަށް އައިސް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އަންނަ އެއްގައުމެވެ. ޗައިނާގެ އިތުރު މަންޒިލްތަކަށާއި، އެހެން ގައުމުތަކަށް އުދުހުމަށް ވިސްނަމުންދާ ކަމަށް މޯލްޑިވިއަން އިން ވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު