ފަނަރަ ސަތޭކަ މެޓްރިކްޓަނުގެ ދެ ސްޓޯރޭޖު މޯލްޑިވްގޭހުން ތިލަފުށީގައި ހަދަނީ

image

ފަނަރަ ސަތޭކަ މެޓްރިކްޓަނުގެ 2 ސްޓޯރޭޖު މޯލްޑިވް ގޭހުން ތިލަފުށީގައި ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެކުންފުނިން ހާމަ ކުރައްވައިފިއެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މައުމޫން ވިދާޅުވީ އެކަމަށް ބޭނުންވާ 13 ހާސް އަކަފޫޓުގެ ބިން ސަރުކާރުން މިހާރުވަނީ ދެއްވާފައި ކަމަށެވެ.

މައުމޫން ވިދާޅުވީ އެކުންފުނިން މަަސައްކަތް ކުރަމުން ގެންދާނީ އެބިމުގައި ސްޓޯރޭޖު ހެދުމަށް ފަހުން ޚިދުމަތް ދިނުން އަންނަ އަހަރު ފެށުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މިސްޓޯރޭޖެ ގާއިމް ކުރުމުން ގާތްގަނޑަކަށް 32000 ގޭސްފުޅި އިތުރު ކުރެވޭނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ސްޓޯރޭޖުހަދައި އަންނަ އަހަރު ސްޓޯ ކުރާނަން. އެކަމަކު އަޅުގަނޑުމެން މިދައްކަނީ އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓެއްގެ ވާހަކަ،" މައުމޫން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގޭހުގެ ޑިމާންޑަށް ބަލާއިރު އެކުންފުންޏަށް އަލަށް ދެއްވި ބިމަކީ ފުދޭ ވަރެއްގެ ބިމަކަށް ނުވިޔަސް ކޮންމެވެސް ވަރެއް ކުރެވޭނެ ކަމަށެވެ.

މައުމޫން ވިދާޅުވީ މާލެއަށް އެކަނިވެސް ދުވާލަކު 600 އާއި 800 އާ ދެމެދުގެ އަދަދަކަށް ގޭސް ފުޅި ބޭނުންވާ ކަމަށެވެ. ގޭހަށް އެހާ ބޮޑު ޑިމާންޑެއް އޮތުމުން މޯލްޑިވް ގޭހުން ބޭނުންވަނީ އެއްވެސް ދަތިކަމެއްނެތި ގޭހުގެ ޚިދުމަތް މުސްތަގުބަލުގައި ފޯރުކޮށް ދިނުން ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާންމުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ގަޑިއަށް ގޭސް ނުލިބުމުގެ ޝަކުވާ ކަމަށެވެ. "ގޭސްފުޅި ގަޑިއަށް ނުދާވާހަކަ ދައްކަވާއިރު އަޅުގަނޑުމެންނަށް ޕަބްލިކުން ދިމާވާ މައްސަލަތަކެއްވެސް އެބަހުރި. މިސާލަކަށް އެންމެ ބޮޑު އެއްމައްސަލައަކީ ޓްރެފިކް މައްސަލަ. އޭގެ ސަބަބުން ޕިކަޕެއް އޮންނަން އެބަޖެހޭ ދިހަ މިނިޓް، ފަނަރަ މިނިޓް ތާށިވެފައި. ގޭސް ހިފައިގެން ދާއިރު ލާރި ތައްޔާރަށް ނުބެހެއްޓުމުގެ މައްސަލަވެސް ދިމާވޭ،" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ އޭނާ އެކުންފުނި ހިންގަން ހަވާލުވިއިރުވެސް އަދި އޭގެ ކުރިންވެސް ދިމާވެފައިވާ މައްސަލައަކީވެސް ޖާގައިގެ މައްސަލަތައް ކަމަށެވެ. އެކަން ރަނގަޅުކޮށް އެއްވެސް ދަތިކަމެއްނެތި ކަސްޓަމަރުންނަށް ގޭސް ފޯރުކޮށް ދެއްވުމަށް މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަން ކުރުމަށްޓަކައި މާލޭގެ ސްޓޯރޭޖުވެސް ބޮޑު ކުރުމުގެ މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް