ޕީއޯއެސް މެދުވެރިކޮށް ފައިސާނެގޭނެ އިންތިޒާމް ފޭދުއާއި ހޯރަފުށީގައި ހަމަޖައްސައިފި
ޕީއޯއެސް މެދުވެރިކޮށް ފައިސާނެގޭނެ އިންތިޒާމް އައްޑޫސިޓީ ފޭދުއާއި، ހއ. ހޯރަފުށީގައި ބޭންކްއޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަ ޖައްސައިފިއެވެ.
މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަސާސީ ބޭންކިންގ ޚިދުމަތް ދިނުމަށް އެބޭންކުން ހިންގާ މަޝްރޫޢުގެ ދަށުން ދޭން ފެށި ޚިދުމަތެއް ކަމަށް ބީއެލްއެލްއިން ހާމަކުރައްވާފައި ވެއެވެ.
ބީއެމްއެލް އިން ހާމަކުރައްވާފައިވާ ގޮތުގައި އެ ދެރަށުގައި މިޚިދުމަތް ދޭން ފަށައިފައިވަނީ އެދެރަށުގައި ހުންނަ އެސްޓީއޯ ފިހާރައިން ކަމަށެވެ. ބީއެމްއެލް އިން ބުނެފައިވަނީ އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުން ކޮށްގެން ދުވާލަކަށް 2000 ރުފިޔާ އާ ހަމަޔަށް ފައިސާ ނެގޭނެ ކަމަށެވެ.
"މި އިންތިޒާމްގެ ދަށުން ފިހާރަ ހުޅުވިފައި ހުންނަ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް ފައިސާ ނެގުމުގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބޭނެއެވެ."
ފައިސާ ނަގަން ބޭނުންވާ މީހުންނަށް ފައިސާ ދޫކުރާނީ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑާއި، އައިޑީ ކާޑުގެންދިޔުމުންނެވެ.
އައްޑޫ ސިޓީގެ 3 ރަށެއްގައި މިހާރުވެސްވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުތައް ގާއިން ކޮށްފައެވެ. އެސިޓީގައި މިހާރުވެސް 5 އޭޓީއެމް އަކުން ޚިދުމަތް ދެމުން ގެންދާ ކަމަށްވެސް ބީއެމްއެލްއިން ހާމަކުރައްވާފައިވެއެވެ.
ފޭދޫގައި އޭޓީއެމް އެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށްވެސް ހާމަކޮށްފައިވެއެވެ. ބޭންކުން ބުނެފައިވަނީ ޕީއޯއެސް މެދުވެރިކޮށް ފައިސާ ނެގޭނެ ޚިދުމަތް ހޯރަފުށީގައި ތަޢާރަފް ކުރުމުން ރަށުގެ ކަސްޓަމަރުންނަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު