ސީފުޑް ޗެމްޕިއަންސް އެވޯޑަށް ރާއްޖެ ނޮމިނޭޓްވެއްޖެ

image އޭޝިއާ ސީފްޑް އެކްސްޕޮޒިޝަންގައި ބޭއްވި ޕްރެޒެންޓޭޝަނެއްގައި ޑރ. ޝައިނީ ވާހަކަފުޅު ދައްކަވަނީ

ސީފުޑް ޗެމްޕިއަންސް އެވޯޑް ފޮރ އެޑްވޮކަސީއަށް ދިވެހިރާއްޖެ ނޮމިނޭޓް ވެއްޖެއެވެ. މިއެވޯޑަށް ރާއްޖެ ނޮމިނޭޓުވެފައިވާ ކަން އިއުލާން ކުރައްވާފައިވަނީ ހޮންގް ކޮންގައި މިހާރު ކުރިއަށްދާ އޭޝިއާ ސީފްޑް އެކްސްޕޮޒިޝަންގައެވެ. މިއަދު ހެނދުނުއެވެ.

މިއެވޯޑަކީ ދެމެހެއްޓެނެވި ގޮތެއްގައި ކަނޑުގެ ބާވަތްތައް ބޭނުން ކުރުމަށް ގޮވާލައި އެރޮނގުން މަސައްކަތްކުރާ ފަރާތްތަކަށްދެވޭ ބައިނަލް އަޤްވާމީ ޚާއްސަ އެވޯޑެކެވެ.

މިކަން ޢިއުލާންކޮށްފައިވަނީ 2-4 ސެޕްޓެމްބަރ 2014 އަށް ހޮންގްކޮންގައި މިހާރު ކުރިއަށްދާ އޭޝިއާ ސީފްޑް އެކްސްޕޮޒިޝަންގައި މިއަދު ހެނދުނުއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ސަރުކާރުން ގެންދަވަނީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ރަނގަޅު މާރކެޓް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި ރާއްޖޭގައި ކުރަމުންދާ ދެމެހެއްޓެނިވި މަސްވެރިކަމުގެ އުފެއްދުންތަކަށް ފުރުޞަތު ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ސަރުކާރުން ގެންދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ. އެހެން ކަމުން މިއެވޯޑަށް ރާއްޖެ ނޮމިނޭޓްވުމަކީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ކަމުގެ ނަތީޖާ ކަމަށެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ރަނގަޅު މާރކެޓްހޯދުމުގެ ގޮތުން ރާއްޖޭގައި ކުރާ ދެމެހެއްޓެނިވި މަސްވެރިކަމުގެ މަޢުލޫމާތު ބައިނަލްއަޤްވާމީ މީޑިއާގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވަނީ ހާމަކުރައްވާފައި ކަމަށްވެސް އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. އޭގެ އިތުރަށް ބައިނަލްއަޤްވާމީ ތަފާތު ފެއަރތަކާއި ފޯރަމްތަކުގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެ ވަޑައިގެން މަސްވެރިކަމުގެ ދާއިރާއިން ރާއްޖޭގެ އުފެއްދުންތަކަށް މާރކެޓް ހޯއްދެއްވުމަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ސީފްޑް ޗެމްޕިއަންސް އެވޯރޑަށް ދިވެހިރާއްޖެ ނޮމިނޭޓް ވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކާއި ޝަރަފެއް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. " މިއީ ދިވެހި މަސްވެރިކަން ޒަމާނުއްސުރެ ދެމެހެއްޓެނިވި ގޮތުގައި ބައްޓަން ކުރުމަށް ދިވެހި ހީވާގި މަސްވެރިންނާއި މަސްވެރިކަމުގެ ޞިނާޢަތުގެ އެންމެހާ ބައިވެރިން ކުރަމުންދާ މިންނަތް މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް" ކަމަށްވެސް މަސްވެރި ކަމާބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.

ހޮންކޮންގައި މިހާރު ކުރިއަށްދާ އޭޝިއާ ސީފްޑް އެކްސްޕޮޒިޝަން ނިމޭނީ މާދަމާއެވެ.

ސީފްޑް ޗެމްޕިއަންސް އެވާރޑް ދިނުމަށް ހަމަޖެހިފައިވަނީ 2015ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 އިން 11 އަށް އެމެރިކާގެ ލޫސިއާނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސީވެބް ސީފުޑް ސަމިޓްގައި ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement