ފެލިވަރާއި ކޫއްޑޫ އަނެއްކާވެސް މިފްކޯގެ ދަށަށް ބަދަލު ކޮށްފި

އަނެއްކާވެސް ފެލިވަރާއި، ކޫއްޑޫ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ދަށަށް ބަދަލުކޮށްފިއެވެ.
ކުރިންވެސް މިފްކޯގެ ދަށުން ހިންގަމުން ގެންދިޔަ ކޫއްޑޫއާއި، ފެލިވަރު މިފްކޯއިން ވަކިކޮށް ވަކި ދެކުންފުންޏެއްގެ ގޮތުގައި ހިންގަން ފަށައިފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރި ކަމުގައެވެ.
މީގެ ކުރިން އިކޮނޮމިކް ކައުންސިލުންވަނީ ފެލިވަރު ފިޝަރީޒް މޯލްޑިވްސް އާއި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް މިފްކޯގެ ދަށަށް ގެނައުމަށް ފާސްކޮށްފައެވެ.
މިދެކުންފުނި މިފްކޯގެ ދަށަށް ގެންނެވުމަށްފަހު އެދެކުންފުނި އުވައިލުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުންވަނީ ހާމަ ކުރައްވާފައެވެ. މިދެކުންފުނި މިފްކޯގެ ދަށަށް ބަދަލު ކުރުމަށްފަހު އެދެކުންފުނީގެ ބޯޑުގެ މެންބަރުން ހިމެނޭ ގޮތަށް މިހާރުވަނީ މިފްކޯގެ ބޯޑު އަލުން އެކުލަވާ ލައްވައިފައެވެ.
ބޯޑު އަލުން އެކުލަވާ ލުމަށްފަހު ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ފެލިވަރުގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހަސަން ރަޝީދެވެ. މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސަވާފައި ވަނީ ކުރިން ކޫއްޑޫ ފިޝަރީޒްގެ އެމްޑީއެއްގެ ގޮތުގައި ހުންނެވި އަދުލީ އިސްމާއީލެވެ.
ފިޝަރީޒް މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވީ މިފްކޯގެ ދަށަށް ކޫއްޑޫއާއި، ފެލިވެރު ގެނައުމުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށެވެ. އަދި ކުންފުނީގެ ދަރަނި އަދާ ކުރުމަށްވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ. އެއް ކުންފުންޏެއްގެ ގޮތުގައި އެ ތަންތަން ހިންގަން ފެށުމުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރާއި، ޔަގީންކަންވެސް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު