ކެޓް ބްރޭންޑުގެ މެޝިނަރީޒް ރާއްޖޭގައި ވިއްކުމުގެ އެއްބަސްވުމެއްގައި އެމްޓީސީސީން ސޮއިކޮށްފި

image އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގާއި، ޓީއެސްއެލްގެ މެނޭޖިން ޑިރެކްޓަރ، އެލަން އޯ އެއްބަސްވުމުގެ ކޮޕީ ބަދަލު ކުރައްވަނީ

ކެޓަޕިލާ (ކެޓް) ބްރޭންޑްގެ ހެވީލޯޑް މެޝިނަރީޒް ރާއްޖެ އަށް އެތެރެކޮށް ވިއްކުމުގެ، ގުޅިފައިވާ ޚާއްސަ އެއްބަސްވުމެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ޓްރެކާ ސިންގަޕޯ (ޓީއެސްއެލް) އާ ދެމެދު ރޭ ސޮއި ކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކުނރުބާ މޯލްޑިވްސްގައެވެ. މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމެވެ. ޓީއެސްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، އެލަން އޯ އެވެ.

މިއެއްބަސްވުމުގެ ދަށުން މިބްރޭންޑުގެ ހެވީމެޝިނަރީޒް މުޅި ރާއްޖޭގައި އެމްޓީސީސީން ވިއްކުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ވިއްކުމަށް ފަހު ދިމާ ވައްސަލަތަކަށް ހައްލުކޮށް ދިނުމުގެ ޚިދުމަތް (އާފްޓަރ ސޭލް) މަސައްކަތްވެސް އެމްޓީސީސީން ދޭނެއެވެ. މި ބްރޭންޑުގެ މެޝން ގަންނަ ފަރާތްތަކަށް ވޮރަންޓީވެސް ދޭނެ ކަމަށް އެމްޓީސީސީން ވަނީ ހާމަ ކުރައްވާފައެވެ.

މިބްރޭންޑާ ބެހޭ ގޮތުން އެމްޓީސީސީގެ ސީއީއޯ ވިދާޅުވެފައިވަނީ "ކެޓަކީ ދުނިޔޭގައި މިބާވަތުގެ އެންމެ ފެންވަރު ރަނގަޅު މެޝިނަރީ އުފައްދާ އެއް ކުންފުނި،" ކަމަށެވެ. އެހެންކަމުން އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުން ކުރުމަށް މިބާވަތުގެ މެޝިންތައް ފޯރުކޮށް ދިނުމަކީ މިއެއްބަސްވުމުގެ ސަބަބުން ލިބިގެންދިޔަ ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ. މިމެޝިންތަކުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތް ހަލުއިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އަބްދުއްރައްޒާގު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ ވިދާޅުވީ މިފަދަ މެޝިންތަކެއް ރާއްޖެއަށް ތައާރަފް ކުރުމަކީ އިމާރާތް ކުރުމުގެ ދާއިރާއަށް ލިބިގެންދާނެ ކުރިއެރުމަކާއި ހަލުއި ކަމެއް ކަމަށެވެ. އަދި އޭގެ ނަތީޖާވެސް ވަރަށް ފޮނި ގޮތަކަށް ރާއްޖެއިން ފެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބްރޭންޑުގެ ވެހިކަލްތަކާ ބެހޭ މައުލޫމާތު ދިނުމަށް އެމްޓީސީސީއާއި، ކެޓަރޕިލާއިންވަނީ ކުރުބާގައި އިއްޔެ ހަވީރު ސެމިނާރެއް ބާއްވައިފިއެވެ. ކެޓަޕިލާއަކޯ މިފަދަ ވެހިކަލްތައް އުފައްދައި ވިއްކުމަށް ދުނިޔޭގައި ފާހަގަ ކޮށްލެވޭ ކުންފުންޏެވެ. މިވިޔަފާރީން އެކުންފުނީގެ ފައިދާވެސްވަނީ އެތައް ގުނައެއް އިތުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް