ތަރައްގީއަށްޓަކައި ގަމަށް އަންނަ ބައިނަލްއަގުވާމީ ބޯޓުފަހަރުގެ އަދަދު "ތިޔާގިވާން" ޖެހޭ: މޭޔަރު

image

އައްޑޫ ސިޓީ ގަމުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރަށް އަންނަ ބައިނަލްއަގުވާމީ ފުލައިޓްގެ އަދަދު "ތިޔާގި" (އިތުރު) ވެގެން ނޫނީ އައްޑޫސިޓީއަށް އިތުރު ތަރައްގީއެއް ނެތް ކަމަށް އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ބައިނަލް އަގުވާމީ ފެންވަރަށް ގަމުގެ ވައިގެ ބަނދަރު ހަދާފައި އޮންނަތާވެސް ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. ނަމަވެސް އެތަނަށް އަންނާނެ ބައިނަލްއަގުވާމި ބޯޓެެއް ނެތް ކަމަށެވެ. "ބޯޓެއް އަންނާނީ ނުވަތަ ގެނެވޭނީ ގަމަށް އަންނަންޖެހޭ ސަބަބެއްވެސް އޮވެގެން. އެސަބަބެއް އަދި ނެތް. އެސަބަބަކަށް ވާންެޖެހޭނީ އައްޑޫގައި ޓޫރިސްޓު އެނދު އިތުރު ކުރުން،" އޭނާ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ހިންގާ އީކުއޭޓަރ ވިލެޖާއި، ހެރެތެރެއާއި، ވިލިގިލީގެ އެނދުގެ އަދަދުވެސް އެއްހާހަށް ނާރާ ކަމަށެވެ. "ރިސޯޓު ތަކުގެ އެނދުތަކާއި، އަމިއްލަ ފަރާތްތަކުގެ ގެސްޓް ހައުސްތަކުގެ އެނދު އެއްކޮށް ހިސާބު ޖަހައިފިނަމަ ކިރިޔާ އެއްހާސް އެނދުވާނީ. ބައިނަލް އަގުވާމީ ޑައިރެކްޓް ފުލައިޓުތައް ގަމަށް ގެންނަން ބޭނުން ކަމަށްވާނަމަ މަދުވެގެން ތިންހާސް އެނދު އެބަޖެހޭ ތަރައްގީ ކުރަން،" އޭނާ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ އެސިޓީގައި ފަށައިފައިވާ ގެސްޓް ހައުސްގެ ވިޔާފާރީގެ ތެރެއިން އެއްފަހަރާ ދެހާސް އެނދު ތަރައްގީ ކުރެވިއްޖެ ކަމަށްވާނަމަ މުޅިސިޓީގައި ތިންހާސް އެނދު ހަމަވާނެ ކަމަށެވެ. އޭރުން ބައިނަލް އަގުވާމީ ޑައިރެކްޓް ފުލައިޓުތައް ގަމަށް އަންނަން މަޖުބުރުވާނެ ކަށެވެ. އޭނާ ވިދާޅުިވީ އެނދުތައް އިތުރުވެ ފުލައިޓުތައް އަންނަން ފެށުމުން އެއާޕޯޓުގައި ވާޒީފާތައް އިތުރުވެގެންދާނެ ކަމަށެވެ. އެވާޒީފާތަކަށް ދާނީ އައްޑޫ މީހުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ރެސްޓޯރެންޓްތަކާއި، ހޮޓާތައްވެސް އިތުރުވެ އެތަންތަނުން ވަޒީފާ ލިބިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން މުޅި ސިޓީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ މިތަސައްވުރު ހަގީގަތަކަށް ހެދިއްޖެ ކަމަށްވާނަމަ މަސްވެރިކަމުން ލިބޭ ނަފާވެސް ބޮޑުވާނެ ކަމަށެވެ. "މިސަރަހައްދަކީ ބޮޑުކަންނެލީގެ މަސްވެރިކަން ވަރަށް ރަނގަޅު ސަރަހައްދެއް. ނަަމަވެސް މިހިސާބު މާކެޓެއް ނެތުމުން އެމަސްވެރިކަމަށް މީހުން ނުދޭ. ނަަމަވެސް ފަތުރުވެރިން އިތުރުވުމުން އެއަށްވެސް ޑިމާންޑު އުފެދޭނެ. އެހިސާބުން މަސްވެރިން ބޮޑު ކަންނެއްލީގެ މަސްވެރިކަން ފަށައި އެއިން ރަނގަޅު އާމްދަނީއެއް ހޯދާނެ،" އޭނާ ވިދާޅުވިއެވެ.

މިހާރުވެސް އިޓަލީ ކުންފުންޏަކުން އައްޑޫގައި މަސްފެކްޓްރީއެއް ގާއިމް ކުރަމުން ގެންދާ ކަމަށް ސޯބެ ވިދާޅުވިއެވެ. އެތަނުގެ މަސައްކަތް ނިމި މެޝިނަރީޒްވެސް ގެންނަން ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެތަނުން ބޭރުކުރާނީ ރޯމަސް (ލޮއިންސް). މަސް ކައްކައި ބަންދު ކުރުމެއް އެތާކު ނޯންނާނެ. އެނދުތައް އިތުރުވެއްޖެ ކަމަށްވާނަމަ މިފަދަ އެތައް ކަމެއް ތަރައްގީ ވެގެންދާނެ،" ސޯބެ ވިދާޅުވިއެވެ. ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ އައްޑޫސިޓީގެ ތައްގީގެ މައިދޮރާށި ކަމަށް ހެދިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް