މޯލްޑިވިއަންގެ ދިހަވަނަ ބޯޓު މިއަދު ގެނެސްފި
މިއަދު ގެނައި އައު މަތިންދާ ބޯޓުގެ ސަބަބުން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ބޮޑު ލުއި ފަސޭހަަކަމެއް ލިބިގެން ދާނެކަމަށް އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވެއްޖެއެވެ.
ނަޝާތު ވިދާޅުވީ އެ ކުންފުނިން މިއަދު އަލަށް ގެނެސްފައިވަނީ ޑޭޝް – 8 މަރުކާގެ 50 ގޮނޑީގެ މަތިންދާ ބޯޓެއް ކަމަށެވެ. މިބޯޓު އިބްރާހީމް ނާސިރު އިންޓްރނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހަވީރު 3.8 ގައެވެ.
ނަޝާތު ވިދާޅުވީ މި ބޯޓު ބޭނުން ކުރާނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އިތުރަށް އިންޑިއާގެ ޓްރިވެންޑްރަމުގެ އުދުހުންތަކަށް ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަލަށް ގެނައި ބޯޓުގެ ސަބަބުން ޑޮމެސްޓިކް އުދުހުންތަކުގެ ޝެޑިއުލްގައި އޮންނަ ވަގުތަށް ދަތުރުތައް ބޭއްވޭނެކަމުގެ އިތުރު ޔަގީންކަމެއް މިހާރު އެބައޮތްކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ ޝެޑިއުލް ކޮށްފައި އޮންނަ ވަގުތަށް ފްލައިޓަކަށް މައްސަލައެއް ދިމާވިއަސް މިޖެހެނީ ފްލައިޓް މަރާމާތު ކުރެވެންދެން ދަތުރު ލަސްކުރަން. އެ ގޮތަށް ވަރަށް ބޮޑު ޕްރެޝަރެއް މިހާރު ޝެޑިއުލަށް އެބައޮތް. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެން އަލަށް ގެނައި ފްލައިޓުގެ ސަބަބުން ޝެޑިއުލަށް އިތުރު ލުޔެއް ލިބިގެން ދާނެ. އެތެރޭގެ އުދުހުންތަކަށް ވެސް މި އަންނަނީ އެއާޕޯޓުތައް އިތުރުވަމުން. ތިމަރަފުށީ އެއާޕޯޓުވެސް ހުޅުވެގެން ދިޔައީ އަދި މިހާރު ރ. އަތޮޅުގައި ވެސް އެއާޕޯޓެއް ހުޅުވާ ޚަބަރު އަޅުގަނޑުމެންނަށް ލިބިފައިއޮތީ،" ނަޝާތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އިތުރު ދެ ސީޕްލޭން ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅުގައި ވެސް އިތުރު ބޯޓުފަހަރު ގެނައުމަށް އައިލެންޑް އޭވިއޭޝަނުން ނިންމާފައިވާކަމަށެވެ.
މިއަދު ގެނައީ އެ ކުންފުނީގެ 10 ވަނަ ބޯޓު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު