އޯގަސްޓް ތިންވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ޚިދުމަތްދޭނީ އާ ސިސްޓަމަކުން

image

އަންނަ އޯގަސްޓްމަހުގެ 3 ވަނަ ދުވަހުން ފެށިގެން ބޭންކްއޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރުންނަށް ޚިދުމަތް ދެމުން ގެންދާނީ މުޅިން އާ ސިސްޓަމެއް ބޭނުން ކޮށްގެން ކަމަށް އެބޭންކުން ހާމަކުރައްވައިފިއެވެ.

ބީއެމްއެލްގެ މަޖީދީމަގު ބްރާންޗުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެބޭންކުގެ ެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އަލަށް ޚިދުމަތް ދޭނީ ޓެމިނޯސް ޓީ 24" ސޮފްޓްވެއާއެއް ބޭނުން ކޮށްގެން ކަމަށެވެ. ޓެމިނޯސް ޓީ 24 އަކީ ދުނިޔޭގެ އެންމެ ޒަމާނީ އަދި އެންމެ ކުރިއަރާފައިވާ އެއް ކޯ ބޭންކިންގ ސިސްޓަމް ކަމަށްވެސް ހާމަކުރައްވާފައިވެއެވެ. މިއީ ދުނިޔޭގެ 50 އަަށްވުރެ ގިނަ ގައުމެއްގައި މިހާރުވެސް ބޭނުންކުރަމުންދާ، ސްވިޒްލޭންޑްގެ ކުންފުންޏެކެވެ.

އާ ސިސްޓަމަކަށް ބޭންކުގެ ޚިދުމަތް ބަދަލު ކުރެއްވީ ވިޔަފާރި ފުޅާވެގެން ދާ ދިޔުމާއި ކަސްޓަމަރުންގެ ބޭނުންތަކަށް ވާސިލުވުމަށްޓަކައި ޒަމާނީ ޓެކޮނޮލޮޖީ ބޭންކަށް ތަޢާރަފް ކުރަން ޖެހޭތީ ކަމަށް އެންޑްރޫ ވިދާޅުވިއެވެ.

އެންޑްރޫ ހީލީ ވިދާޅުވީ މި ސޮފްޓްވެއާ ބޭނުން ކޮށްގެން ޚިދުމަށް ދޭން ފަށާއިރު ކަސްޓަމަރުންނަށް ކޮންމެވެސް ވަރެއްގެ ދަތި ކަމެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މިސިސްޓަމް ބޭނުން ކޮށްގެން ޚިދުމަތް ދޭން ފެށުމުން ކަސްޓަމަރުންނަށް ކުރީކޮޅު ދަތިވިޔަސް ފަހުން ލުއި ލިބިގެންދާނެ ކަމަށެވެ.

އާ ސިސްޓަމް ގާއިމްކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައްކުރުމަށްޓަކައި ޢީދު ޗުއްޓީގެ ތެރޭގައި ބޭންކު ބަންދުކުރަންވެސް ވަނީ ނިންމާފައެވެ. ޢީދު ބަންދަށްފަހު ބޭންކު ހުޅުވޭނީ 3 އޮގަސްޓްގައެވެ.

ޢީދު ބަންދާ ގުޅިގެން ދިގު މުއްދަތަކަށް ބޭންކުގެ ޚިދުމަތް މެދު ކެނޑާލަން ޖެހޭތީ އެކަން ފޫބެއްދުމުގެ ގޮތުން މި ހަފްތާގައި ކޮންމެ ދުވަހަކުވެސް އިތުރު އެއްގަޑި އިރަށް ޚިދުމަތް ދެމުން ގެންދާ ކަމަށްވެސް ބޭންކުން ހާމަކުރައްވާފައިވެއެވެ. އެގޮތުން ހެނދުނު 9:30 އިން މެންދުރުފަހު 1:30 އަށް ޚިދުމަތް ފޯރުކޮށްދޭ ކަމަށްވެސް ބުނެފައިވެއެވެ.

ޢީދު ބަންދަށްފަހު ބޭންކު ހުޅުވުމުން އެ ހަފްތާގައިވެސް ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށް ޚިދުމަތް ދެމުން ގެންދާނެ ކަމަށް ބޭންކުން އިއްޔެވަނީ ހާމަކުރައްވާފައެވެ.

ޢީދަށް ބޭންކު ބަންދުވި ނަމަވެސް އިންޓަރނެޓް ބޭންކިންގ، ޕީއީއޯއެސްގެ ޚިދުމަތްތައް އަދި އޭޓީއެމް ގެ ޚިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ލިބެމުންދާނ ކަމަށްވެސް ބޭންކުން އިއްޔެވަނީ ހާމަކުރައްވާފައެވެ.

އާސިސްޓަމުން ޚިދުމަތް ދޭން ފެށުމުން އަލަށް އެކައުންޓް ހުޅުވުމަށް އެދި ހުށަހަޅާއިރު އެކައުންޓް ނަންބަރު ލިބިގެން ދާނެއެވެ. ބޭންކު ބަންދު ނޫން 5 ދުވަސްތެރޭ އެކައުންޓް އެކްޓިވޭޓްވާނެއެވެ. ކުރިން އެކައުންޓް ނަންބަރު ލިބޭނީ ފަސް ދުވަސްފަހުންނެވެ. މީގެއިތުރަށް ޑިޕޮސިޓް އަދި ފައިސާ ނަގާއިރު ބޭންކުން ދޫކުރާނީ އާ ރަސީދެއް ކަމަށްވެސް ބޭންކުން ހާމަކުރައްވާފައިވެއެވެ. މީގެ އިތުރަށް ޗެކް ޑިޕޮސިޓް ޕްރޮސެސް އަވަސްކުރުމަށްޓަކައި އާ ޗެކް ޑިޕޮސިޓް ސްލިޕެއް ތައާރަފްކުރެވޭނެ ކަމަށްވެސް ބޭންކުންވަނީ ހާމަކުރައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް