އެސްޓީއޯއިން ހުޅުމާލޭގައި ސްޕަމާޓަކާއި ބޭސްފިހާރަަައެއް ހަދަނީ
ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭގައި ސްޕަމާޓަކާއި، ބޭސް ފިހާރައެއް ހެދުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އެސްޓީއޯގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ހުޅުމާލޭގައި ސުޕަމާޓެއް ހެދުމަށްޓަކައި އެކުންފުނިން މިހާރު ގެންދަވަނީ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ވާހަކަ ދައްކަމުން ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސްޕަމާޓް ހެދުމަށް ނިންމާފައިވަނީ އެޗްޑީސީ އިން ހުޅުމާލޭގައި ހަދަމުން ގެންދާ މިނީ މޯލުގައި ކަމަށެވެ. "އެ އިމާރާތުން ތަންކޮޅެއް ދިނުމަށް އެ ކުންފުންޏާ (އެޗްޑީސީ) އެކު މިދަނީ ވާހަކަ ދައްކަމުން،" އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ހަނމަޖެހުނުހާ އަވަހަކަށް ސްޕަމާޓް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ހުޅުމާލޭގައި އެސްޓީއޯގެ ސްޕަމާޓެއް ހެދުމުން މޭލެއިންވެސް ލިބެން ހުންނަ މުދާތައް އެތަނުން ލިބެން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީ އާޒިމް މިއަދު ވިދާޅުވީ އެސްޓީއޯއިން މިހާރު ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ގޯތިތެރޭގައި ބޭސް ފިހާރައެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެތަނުގެ މަސައްކަތް ނިމި ކުރިއަށްއޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ޚިދުމަތް ދެވޭ ވަރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހުޅުމާލޭގައިހަދާ "ބޭސް ފިހާރަ އަކީ އާސަންދައިގެ ޚިދުމަތް ލިބޭނެތަނެއް. މި ބޭސް ފިހާރަ ސާދަ ވަރަކަށް ދުވަސްތެރޭ ހުޅުވޭ ވަރުވާނެ،" އާޒިމް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު