ވިސާ ޑެބިޓް ކާޑު އަލުން ދޫކުރުމަށް ނިންމައިފި
ހުރިހާ ކަސްޓަމަރުންނަށް ވިސާ ޑެބިޓް ކާޑު އަލުން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ނިންމައިފިއެވެ.
ބޭންކުން މިއަދު ހާމަ ކުރައްވާފައިވާ ގޮތުގައި އާންމުކޮށް ހުރިހާ ކަސްޓަމަރުންނަށް މިކާޑު ދޫކުރުމަށް ހަމަޖައްސަވާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެންނެވެ.
ބީއެމްއެލް އިން 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވިސާ ޑެބިޓް ކާޑް ދޫކުރަމުން އައީ ހަމައެކަނި ޔޫއެސް ޑޮލަރު އެކައުންޓް ތަކަށެވެ. ނަމަވެސް އޭގެ ކުރިން ރުފިޔާ އެކައުންޓް ތަކަށް ދޫކޮށް ފައިވާ އެފަދަ ކާޑު ބޭންކުން އައީ އާކޮށް ދެމުންނެވެ. ނަމަވެސް ބިދޭސީންނަށް މިކާޑު ދޫކުރަނީ ހަމައެކަނި ޑޮލަރު އެކައުންޓް ހުޅުވައިފައިވާ މީހުންނަށެވެ.
ބޭންކުން މިއަދު ހާމަކޮށްފައިވާ ގޮތުގައި އާންމުކޮށް ވިސާ ޑެބިޓް ކާޑު ދޫކުރަން ފަށާއިރު ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް އިސްކަން ދެއްވާނެއެވެ.
މިއަދުން ފެށިގެން ޖުލައި 6 އަށް ވިސާ ޑެބިޓް ކާޑު ދޫކުރަން ހަމަޖެހިފަ ވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި، ރާއްޖެއިން ބޭރަށް ކިޔަވަން ދާން ޕްލޭސްމަންޓް ހޯދާފައިވާ މީހުންނަށެވެ.
ބޭންކް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މރ. އެންޑުރޫ ހީލީ ވިދާޅުވެފައިވަނީ ވިސާ ޑެބިޓް ކާޑް ދޫކުރަން ނިންމީ ހުރިހާ އެއްމެންނަށް ބޭންކިން ޚިދުމަތް ފޯރުކޮށް ދިނުމަށް ކަނޑައަޅާފައިވާ ސްޓެރެޓެޖީ ގެ ދަށުން ކަމަށެވެ.
ވިސާ ޑެބިޓް ކާޑު ބޭނުން ކޮށްގެން ދުވާލަކު 10000 ރުފިޔާ އޭޓީއެމް އިން ނެގޭނެއެވެ. އަދި ބޭރުގެ އޭޓީއެމްތަކުން ދުވާލަކަށް 200 ޑޮލަރަށްވާ ފައިސާ ނޭގޭނެއެވެ. އަދި ޕީއެސްއޯ މެދުވެރިކޮށް ދުވާލަކު 400 ޑޮލަރުގެ ޓްރާންސެކްޝަން ހެދޭނެ ކަމަށްވެސް ބޭންކުންވަނީ ހާމަ ކުރައްވާފައެވެ.
ކަސްޓަމަރުންނަށް ދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ކޮށްދިނުމުގެ ގޮތުން ބޭންކުންވަނީ މެއިން ބުރާންޗާއި، މަޖީދީމަގު ބްރާންޗުވެސް ކާޑާއި ޕިން އަދި އިންޓަނެޓް ބޭންކިން ޕާސްވޯޑް އާއި ޓޯކަން ޚިދުމަތް ދޭން ފަށައިފައެވެ.
ކިޔުންތެރިންގެ ހިޔާލު