އޭޓީއެމްއިން ފައިސާ ނެގުމުގެ ޚިދުމަތް ހިލޭދޭން ފަށައިފި

image ބީއެމްއެލްގެ އޭޓީއެމް މެޝިނަކުން މީހަކު ފައިސާ ނަގަނީ

އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަށް މިއަދުން ފެށިގެން ހިލޭ ލިބޭގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

އެބޭންކުން މިއަދު ހާމަކުރައްވާފައިވާ ގޮތުގައި މިޚިދުމަތް ދޭންފެށުމުން ބީއެމްއެލްގެ އޭޓީއެމް މެޝިންތަކުން ފައިސާ ނަގާ ކޮންމެ ފަހަރަކު ކުރިން ނަގަމުންދިޔަ 2 ރުފިޔާ ނުނަގާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މރ. އެންޑްރޫ ހީލީ ވިދާޅުވީ އޭޓީއެމް އިން ފައިސާ ނަގާ ކޮންމެފަހަރަކު 2 ރުފިޔާ ނަގާތީ ކަސްޓަމަރުންގެ ހިތްހަމަނުޖެހުންތައް ކުރިމަތިވާ ކަމަށެވެ.

ބޭންކުން މިހާރު ގެންދަނި އޭޓީއެމް އާއި އޮންލައިން ޚިދުމަތްތައް ފުޅާކުރަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިޚިދުމަތް ފުޅާކުރުމުން ބޭންކުތަކަށް ގޮސް ކިޔުގައި ތިބެންޖެހޭ ޖެހުމަށްވުރެ ފަސޭހަވާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި އޮންލައިން ޚިދުމަތް ބޭނުންކުރާ މިހުންގެ ޚިދުމަތް އިތުރުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ބީއެމްއެލް އޭޓީއެމް އިން ވިސާ ކްލެސިކް އަދި އެމެރިކަން އެކްޕްރެސް ގްރީން ޑެބިޓް ކާޑް ބޭނުންކޮށްގެން ދުވާލަކު 10000 ރުފިޔާ މިހާރުވެސް ނެގޭނެއެވެ. އަދި އެމެރިކަން އެކްސްޕްރެސް ގޯލްޑް ޑެބިޓް ކާރޑް ބޭނުންކޮށްގެން ދުވާލަކު 15000 ރުފިޔާ ހަމަޔަށް ފައިސާ ނެގޭނެއެވެ.

(ބީއެމްއެލް ގެ ޚިދުމަތް ފުޅާކުރުމަށް އެތަނުންވަނީ ބިޒްނަސް ބޭންކިންގ ޔުނިޓެއް އުފެއްދުމަށް ނިންމާފައެވެ. އެއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބޭނުންތަކަށް އަމާޒުކޮށް ބޭންކުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އަލަށްފަށާ ޚިދުމަތެއް ކަމަށް އެބޭންކުންވަނީ ހާމަކުރައްވައިފިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ވިޔަފާރިތަކަށް ފަސޭހަގޮތެއްގައި ޚިިދުމަތް ދިނުމަށް ބިޒްނަސް ބޭންކިންގ މެނޭޖަރުން ކަނޑައެޅިގެންދާނެއެވެ. އެއީ އެ ވިޔަފާރި ކަސްޓަމަރެއް ބޭނުންވާ އެންމެހާ ބޭންކިންގ މުޢާމަލާތްކުރުމަށް ޙާއްސަކުރެވޭ ބައެއްކަމުގައިވެސް ބޭންކުން ހާމަކުރައްވާފައިވެއެވެ.

މިޔުނިޓުތައް އުފައްދައި ޖޫންމަހު މަސައްކަތް ފެށުމަށް ބޭންކުން އަންނަނީ ތައްޔާރުވަމުންނެވެ.

ރައްޔިތުންނަށް ފަސޭހަކުރުމަށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކޮށް އަވަސް ކުރުމަށް ބޭންކުންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބޭންކުންވަނީ ބޭންކު ގެރެންޓީ ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް