ހުނަރުވެރި މަސައްކަތްތެރިން ލިބުން ވަރަށް ދަތި: މަސީ

ރާއްޖޭގެ ކޮންސްޓްރަކްޝަންސް ދާއިރާއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ލިބުން މިހާރު ވަރަށްދަތި ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިމާރާތް ކުރުމުގެ ދާއިރާއަށް ބިދޭން ގެނައުމުގައި އިމިގްރޭޝަން ދާއިރާއިން ދިމާވާ މައްސަލަތަކާ ބެހޭގޮތުން ޑިފެންސް މިނިސްޓަރ ކާނަލް (ރޓ) މުޙައްމަދު ނާޒިމާ މިއަދު ބައްދަލު ކުރެއްވުމަށްފަހު "ދުވަސް" އަށް މައުލޫމާތު ދެއްވަމުންނެވެ.

އޭނާ ވިދާޅުވީ ބަންޑާރަކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މަސީން އެދުނު ކަންކަން ކޮށްދެއްވާނެ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވި ކަމަށެވެ. އެގޮތުން މިހާރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކުންފުނިތަކާ ގުޅި ކުންފުންޏެއްގައި އަލުން ރަޖިސްޓްރީވެ ހަމަޖެހުމަށް 2 މަސްދުވަސް ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސީގެ ރައީސް ވިދާޅުވީ ދެމަސް ދުވަހަކީ ޝައުގުވެރިކަން ހުރި ބަޔަކު ތިބި ކަމަށްވާނަމަ ކުންފުނިތަކުގައި ރަޖިސްޓްރީކޮށް ކޯޓާއާކޮށް ގަވާއިދުން ކުރަންޖެހޭ އެހެން ކަންކަން ކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ކަމަށެވެ. ނަމަވެސް އެމުއްދަތުގައި އެކަން ނުވެއްޖެ ކަމަށްވާނަމަ އިތުރު މުއްދަތަކަށް އެދުމުގެ ފުރުސަތު މަސީއަށް އޮންނާނެ ކަމަށެވެ. ދެ މަސްތެރޭގައި އެއްވެސް ކުންފުންޏެއްގައި ރަޖިސްޓްރީވާން ބޭނުން ނުވާ މީހުން ޖެހޭނީ ފުރައިގެންދާން ކަމަށްވެސް މިނިސްޓަރާ ހަވާލާދީ މަސީގެ ރައީސް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ހުނަރުވެރި މަސައްކަތްތެރިން ހޯދުމަށް މިހާރު ވަރަށްދަތި ކަމަށެވެ. ނަމަވެސް ގަވާއިދާ ޚިލާފަށް މިހާރު ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރޭގައި ތަޖުރިބާއާއި، މަސައްކަތުގެ ހުނަރުހުރި މީހުން އެބަތިބި ކަމަށެވެ. "އަލަށް ބަޔަކު ގެނެސްގެން ތަމްރީން ކުރުމަށްވުރެ މިހާރުތިބި މީހުން ކުންފުނިތަކުގައި ރަޖިސްޓްރީވެ ގަވާއިދާ އެއްގޮތަށް އުޅެން ފަށައިފިއްޔާ އޭގެ ފައިދާ ދެކޮޅަށްވެސް މާބޮޑުވާނެ،" އޭނާ ވިދާޅުވިއެވެ.

ކޯޓާ އިތުރަށް ދޫނުކޮށް ހިފެއްހެއްޓުމުގެ ބަދަލުގައި އިމަޖެންސީ ކޯޓާއެއް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ނާޒިމަށް ދެންނެވި ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. "އެކަމަށް ވިސްނަވާ ވަޑައިގަންނަވާނެ ކަމަށް މިނިސްޓަރުވިދާޅުވި،"

ސަރުކާރުންވެސް ބޭނުންވަނީ އެންމެންނަށް ފުރުސަތު ދެއްވައިގެން ކަންކަން ރަނގަޅު ކުރުމަށްކަން ގަބޫލު ކުރައްވާ ކަމަށްވެސް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މަސީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި، އެޖަމިއްޔާގެ ރައީސް އަބްދުﷲ މުހައްމަދާއި، ނާއިބު ރައީސްގެ އިތުރަށް އެޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ބައިވެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް