ދެވަނަ ބުރުގައި ޔާމީނަށް ތާއިދު ކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއިދު ކުރުމަށް އަދާލަތުޕާޓީން މިއަދު ނިންމައިފިއެވެ.
އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ ޔާމީނަށް ތާއިދު ކުރައްވަން ނިންމެވީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާގުން ކަމަށެވެ.
އިމްރާން ވިދާޅުވީ ޔާމީނަށް ތާއީދު ކުރައްވަން ނިންމެވީ އެއްވެސް ޝަރުތަކާ ނުލައި ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތަކީ "ޝަރުތު ތަކާއި ޑިމާންޑް" ތަކަށް އިސްކަން ދޭންވީ ވަގުތެއް ނޫންކަމަށެވެ. މިވަގުތަކީ ގައުމު ސަލާމަތް ކުރުމުގެ ވަގުތު ކަމަށެވެ. އިމްރާން ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު އެންމެ މަސްލަހަތު އޮތްގޮތަކީ ގައުމާއި، އިސްލާމް ދީނަށްޓަކައި ޔާމީނަށް ތާއިދު ކުރެއްވުމެވެ.
އިމްރާން ވިދާޅުވީ އެޕާޓީން އެއްވެސް ޑިމާންޑެއް ނުކުރި ކަމަށްވިޔަސް ޕީޕީއެމްގެ ސަރުކާރެއްގައި ދެ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަދާލަތުޕާޓީއަށް ދެއްވާފައިވާ ކަމަށެވެ. އެއްކަމަކީ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓު ދިވެހި ދައުލަތުގެ ބާރެއް ނުހިނގާ ގޮތަށް ބޭރުގެ އެއްވެސް ފަރާތަކަށް ނުދިނުމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަކި ވުޒާރާތަކެއް ގާއިމް ކުރެއްވުން ކަމަށެވެ. މިދެކަމުގެ އިތުރަށް ސަރުކާރު ހިއްސާ ކުރުމުގެ ތަފުސީލީ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިހާރުވަނީ ޖުމްހޫރީކޯލިޝަން ހެދި މަގުސަދު ނިމިފައި ކަމަށެވެ. އެކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ކުރިން ނިންމާފައިވަނީ ދެވަނަ ބުރަށް ޔާމީން ގޮސްފި ކަމަށްވާނަމަ ޔާމީނަށް ތާއިދު ކުރުމަށް ކަމަށެވެ. އެހެންވެ އެހެން ކުރިންވެސް ނިންމާފައިވާ ގޮތުގެ މަތިން ޔާމީނަށް ތާއިދު ކުރައްވަން ނިންމެވީ ކަމަށެވެ.
އަދާލަތުޕާޓީގެ އިސްތަރުޖަމާނު އަދި ކައުންސިލް މެންބަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގައި އަދާލަތުންވެސް ގަބޫލު ކުރާ ވަރަށް ރަނގަޅު ކަންކަން ހިމެނޭކަމަށެވެ. އެކަންކަން އަދާލަތު ޕާޓީން ބަލައިގަންނަ ކަމަށެވެ. ދެޕާޓީގެ މެދުގައި ޚިޔާލު ތަފާތުވުމެއް އޮތް ކަމަށްވާނަމަ އެކަންކަމަކީ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަންކަން ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ މިއަދުން ފެށިގެން ޕީޕީއެމްއާއެކު ކެންޕޭން ފެށުމަށް އަދާލަތުވަނީ ތައްޔާރުވެފައި ކަމަށެވެ. ޝަހީމް ވިދާޅުވީ ވަރަށްގިނަ ކަންކަމުގައި ޕީޕީއެމްއާއި އަދާލަތުގެ ޚިޔާލު އެއްގޮތް ކަމަށެވެ. ރާއްޖޭގެ މިހާރުގެ ހާލަތާ މެދު ވަރަށް ގިނަ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވާފައި ވާކަން އެނގިވަޑައިގަނަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ބޭފުޅުންގެ ބައިވެރިވުމަށްވެސް ޝަހީމް ގޮވައިލެއްވިއެވެ. އަދާލަތު ޕާޓީން ޖުމްހޫރީޕާޓީއަށް ތާއިދު ކުރަން ފަށާފައިވަނީ އެޕާޓީން 25 މިލިއަން ރުފިޔާދީގެން ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާ ކަމަށާއި އެކަންކަމާމެދު ވިދާޅުވަނީ ކީކޭތޯ ނޫސްވެރިއަކުން ދެންނެވުމުން ޝަހީމް ވިދާޅުވީ މާޒީގެ ވާހަކަ ދައްކަން ބޭނުންފުޅުނުވާ ކަމަށެވެ. މިހާރު ފަށާފައިވަނީ މުޅިން އާސަފުހާއެއް ކަމަށެވެ.
މިބައްދަލުވުމުގައި އަދާލަތުޕާޓީގެ ނާއިބު ރައީސް ޑރ. މައުރޫފު ހުސައިން ވިދާޅުވީ ރާއްޖެއަށް މިހާރު ދިމާވެފައިވަނީ ވަރަށް ޚުތޫރަތްތެރި ދަނޑިވަޅެއް ކަމަށެވެ. "އަޅުގަނޑުމެންނަށް ސިފަ ކުރެވެނީ ބާރުގެ ބާރުތަކާ އަދި މިތާހުރި އެމީހުންގެ އެޖެންޓަކާ ގުޅިގެން ދިވެހިރާއްޖެ ހިސާރުކޮށް ދިވެހިރާއްޖޭގެ މައްޗަށް ވެރިވެގަންނަން އުޅޭ ދަނޑިވަޅެއްމީ،" އޭނާ ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ ރާއްޖޭގެ އެއްލައްކަ ފަންސާސް ހާސް މީހުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. މިވަގުތު އެންމެން ސާބިތުކަމާއެކު ދީނާއި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ފެށުމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުވެ މަގާމުގެ ހުވައިކުރައްވައި ހަމައަކަށް އެޅެންދެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު، ސްޕްރީމްކޯޓުގެ ހުކުމާ އެއްގޮތަށް ވެރިކަމުގައި ހުންނަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު