އެއްވެސް ދަތިކަމާ ނުލައި އިލެކްޝަން މިހާރު ވަދެވޭ- ސަމީރު
އިލެކްޝަންސް ކޮމިޝަނަށް މީހުން ވަދެ ނިކުތުން ފުލުހުން ކޮންޓްރޯލް ކޮށްފައި އޮތް އޮތުން މިހާރު ދޫކޮށްލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގާ ހަވާލާ ދެއްވައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކޭ ބެހޭ ކޮމިޓީގެ މުގައްރިރު އަދި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ފޯނުން ދެއްވި އިންޓަވިއު އެއްގައި އޭނާ ވިދާޅުވީ ފުލުހުން އެކަން ދޫކުރައްވާފައިވަނީ އެކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމުމާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުގެ އެތެރެއަށް ވަދެ ނިކުތުން ފުލުހުން ކޮންޓްރޯލް ކޮށް އެތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނެސް ފައިވާކަން އެނގުމުން އެކޮމީޓިގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމެވި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ކުރިން އިލެކްޝަންސް ކޮމިޝަނަރ އަށް ގުޅުއްވައިގެން މައުލޫމާތު ހޯއްދެވި އިރު ފުލުހުން އެކަން ދޫކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ކަމުން އެކޮމިޓީގެ ބައްދަލުވުން މިވަގުތަށް މަޑުޖައްސާލައިފައިވާ ކަމަށެވެ. ނަމަވެސް ކޮމިޓީގެ މެންބަރުން "ސްޓޭންޑްބައިގައި" ތިއްބެވުމަށް މެންބަރުންނަށް އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ފުލުހުންގެ ފަރާތުން މިފަދަ އަމަލު ފެންނަ ކަމަށްވާނަމަ ވަގުތުން ކޮމިޓީގެ ބައްދަލުވުން ބާއްވައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
ސަމީރު ވިދާޅުވީ ވޯޓުލުމުގެ ހައްގަކީ 18 އަހަރުވެފައިވާ ކޮންމެ ދިވެހިރައްޔިތަކަށް ލިބިފައިވާ ގާނޫނީ ހައްގެއް ކަމަށެވެ. އެހެން ކަމުން ވޯޓުލުމަށް ބޭނުންވާ ހުރިހާ ސާމާނެއް ރައްކާތެރި ކަމާއެކު އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކޮމިޝަންގެ ރައީސްގެ އަރިހުން އެދި ވަޑައިގެންނެވި ކަމަށެވެ. އަދި ފުލުހުންނަށްވެސް އެއެއްޗެއްސާ ކުޅެ ހެދުމުގެ ފުރުސަތު ނުދީ ޑިއުޓީ ބަހައިގެން ފޯރިއަށް މީހުން ބައިތިއްބުމަށް ދެންނެވި ކަމަށެވެ. އެއާ ގުޅިގެން ކޮމިޝަނުގެ އިސްބޭފުޅުން ޑިޔުޓީއަށް ތިއްބަވާނެ ކަމަށް ފުވާދު ވިދާޅުވި ކަމަށް ސަމީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު