ގާސިމާއި ނަޝީދު ބައްދަލު ކުރައްވައިފި
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިރޭ ބައްދަލު ކުރައްވައިފިއެވެ.
މިދެބޭފުޅުން ބައްދަލު ކުރެއްވީ ގާސިމް ދިރިއުޅުއްވާ ގެ މ. މާފަންނުވިލާގައެވެ.
ހަވީރު އޮންލައިނުން ބުނެފައިވާ ގޮތުގައި މިބައްދަލު ވުމުގައި މިދެބޭފުޅުންވެސް ދައްކަވާފައިވަނީ "ގައުމުގެ އަމާންކަމާއި މަސްލަހަތުގެ ވާހަކަތައް" ކަމަށެވެ. އަދި އިންތިޚާބުގެ ދެވަނަބުރުގައި ރައީސް ނަޝީދަށް ތާއިދު ކުރައްވާނެ ކަމުގެ ވާހަކަތަކެއް މިބައްދަލު ވުމުގައި ނުދައްކަވާ ކަމަށް ކަމަށްވެސް ގާސިމާ ހަވާލާ ދެއްވައި ހަވީރުން ބުނެފައިވެއެވެ.
އިންތިހާބުގެ ކެންޕޭން ތެރޭގައިވެސް ގާސިމް ވިދާޅުވަމުން ގެންދެވީ އެއްވެސް މީހެއްގެ މައްޗަށް ރުޅުވެރި ކަމެއްނެތް ކަމަށެވެ. އަދި މިރޭގެ ބައްދަލުވުމަށްފަހުވެސް އެވާހަކަ ގާސިމް ވަނީ ތަކުރާރު ކުރައްވާފައެވެ. "އއަޅުގަނޑުމެންގެ ރުޅިވެރިކަމެއް އެއްވެސް މީހެއްގެ މައްޗަކަށް ނެތް،" ހަވީރުގައި ބުނެފައިވެއެވެ.
ރައީސް ނަޝީދު ހަވީރަށް ވިދާޅުވެފައިވަނީ ގާސިމަކީ ވަރަށް ކުރިއްސުރެން ފެށިގެން އެމަނިކުފާނުގެ "އާއިލީރަހުމަތްތެރިއެއް" ކަމަށެވެ. އެހެންކަމުން ކުޑައިރުއްސުރެ ފަށައިގެން ވަރަށް ރަނގަޅު އިރުޝާދު ގާސިމް ނަޝީދަށް ދެއްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނުވެސް ކަންކަމާ ގާސިމާ ވާހަކަ ދައްކަވާ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު ދެކޭ ގޮތުގައި މި ދަނޑިވަޅަކީ ރާއްޖޭގެ ކަންތައްތައް ވަރަށް ނުކިއްސަރު ގޮތަކަށް އުޅޭ ދަނޑިވަޅެއް. އެހެންވެ ގާސިމާ ވާހަކަ ދައްކާލަން އައީ،" ނަޝީދާ ހަވާލާ ދެއްވައި ހަވީރުގައި ބުނެފައިވެއެވެ.
މިހާތަނަށް އެއްވެސް ކަމެއް ނިންމެވުމުގައި ރައީސް ނަޝީދު ދެރަވާ ގޮތަށް ގާސިމް ކަމެއް ނިންމަވާފައި ނުވާކަމަށްވެސް އެމަނުކުފާނު ހަވީރަށް ވިދާޅުވެފައިވެއެވެ. އިންތިހާބު ދެވަނަ ބުރުގައި ގާސިމް ގޮތެއް ނިންމަވާނީ ސްޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލަ ނިމުމުން ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
މިދެބޭފުޅުންނަކީވެސް ސިޔާސީ ޕޯޑިއަމްތަކުގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ސިޔާސީ ގޮތުން ބަހުގެ "އަލިފާނުގެ ހަމަލާ" ދެއްވި ދެބޭފުޅުންނެވެ. ނަމަވެސް މިހާރު ރައީސް ނަޝީދު ގެންދަވަނީ ގާސިމަށް ތައުރީފް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު