އަނބިމީހާ އުފާކޮށް ދިނުމަށް ކަންކަން ތަފާތު ކުރަންޖެހޭ

image

ތިބާގެ އަނބިމީހާ އުފާ ކުރުމަށްޓަކައި އަބަދުވެސް އައުކަމެއް ކުރެވޭތޯ ބަލާށެވެ.

އަނބި މީހާ އުފަލުގައި ބެއިންދުމުގެ ކުރިން ދެމަފިރިން ވަރަށް އިސްކަންދޭން ޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ދެމަފިރިންގެ ގުޅުން ރަނގަޅު ކުރުމެވެ. އިތުބާރު އުފެއްދުމެވެ. ޝައްކާއި ވަހުމްތަކާ ދުރުވެގަތުމެވެ.

އެހިސާބުން ދެމަފިރިންގެ ހަޔާތް އުފާވެރި ކުރުމުގެ މަސައްކަތް ފަށާށެވެ. އަނބި މީހާ އުފަލުގައި ގެންގުޅުމަކީ ތިމާއަށް ބަދަލުގައި އެތައް އުފާވެރިކަމެއް ލިއްބައި ދޭނެ ކަމެކެވެ.

އަންހެނުން އުފާކޮށްދިނުމުގެ ރަނގަޅު ނިޔަތަކާއެކު ފިރިމީހާ ކޮށްދޭ ކޮންމެ ކަމެއް އަނބިމީހާއަށް ކަމުދާނެއެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އުފާ ކޮށްދިނުމުގެ ގޮތުން ދޭ ހަދިޔާ ނުވަތަ ކޮށްދޭ ކަމަކީ އަނބިމީހާ އެންމެ ކަމުދާ އެއްޗަކަށް ނުވަތަ ކަމަކަށް ނުވިޔަސް އެކަމެއް އޭނާ ބަލައި ގަންނާނެއެވެ.

އަނބި މީހާ އުފަަލުގައި ބެއިންދުމަށްޓަކައި ކުރެވިދާނެ ކަންކަން ގިނައެވެ. އެ ގޮތުން އޭނާއަށް ގަބޫލު ކުރަން ދަތި ކަންކަން ކޮށްދޭށެވެ. އޭނާގެ މަސައްކަތުގައި ބައިވެރިވާށެވެ. ހިތްވަރު ދޭށެވެ.

ކޮންމެ ދުވަހަކީވެސް އައު އިހުސާސްތަކެއް އޭނާއަށްވާނެ ދުވަހަކަށް ހެދުމަށް ދުވަހުގެ ތާވަލް ރާވާލާށެވެ. ކިތަންމެ އަވަދިނެތި އުޅެގެން ހަދާ ތާވަލުގައިވެސް އަނބިމިހާއަށް ދޭނެ ވަގުތާއި ދޭނެގޮތް ކަނޑައަޅައި ނިންމާށެވެ. މިކަންކުރާނީ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިންނެވެ.

އަނބިމީހާ އެންމެ ގަޔާވާނީ އެހެން ފިރިހެނުން އާންމުކޮށް ނުކޮށްދޭ ކަންކަން ކޮށްދިނުމުންނެވެ. މިސާލަކަށް ހެނދުނު ހޭލާއިރު ކޮފީތައްޓެއް ދިނުމަކީ އާންމުކޮށް ފިރިހެނުން ކޮށްއުޅޭ ކަމެއް ނޫނެވެ. މިއަދު ކޮފީ ތައްޓެއް ދީފިނަމަ ޖެހިގެން އަންނަ ދުވަހު ތަފާތު އެހެން އެއްޗެއް ދޭށެވެ. އަންހެނުން އެންމެ އުފާވާނެ ކަންމުގެ ތެރޭގައި އޭނާ ކުރާ ރަނގަޅު ކަންކަން ފާހަގަ ކުރުން ހިމެނެއެވެ. އެކަން ފާހަގަކޮށް އެކަމުގައި ދެމިހުރުމަށް ހިތްވަރު ދޭށެވެ. އެކަމުން އުފާވާ ވާހަކަ ބުނާށެވެ.

އަބަދުވެސް އަނބި މީހާއަށް އެހީތެރިވާ ފިރިއަކަށްވާށެވެ. އޭނާއަށް ކުރެވޭ ނޭދެވޭ ކަންކަން ރަނގަޅު ކޮށްދިނުމަށް އެހީވެދޭށެވެ. އަބަދުވެސް ހެޔޮމަގު ދައްކާ ފިރިއަކަށްވުމަށް މަސައްކަތް ކުރާށެވެ. އަންހެނުންގެ ތަބީއަތަކީ މަޑުމައިތިރި ކަމެވެ. އެހެން ކަމުން މަޑުމައިތިރި ކަމާއެކު ކުރާ މުއާމަލާތް އެމީހުން ގަބޫލު ކުރާނެއެވެ. އެކަމަކު އެކަން ގަބޫލު ކުރާކަން ވަގުތުން ތިބާއަށް ނޭނގިދާނެއެވެ. އެހެންވީމާ އޭނާއަށް ވަގުތު ދޭށެވެ. ކަންކަން ރަނގަޅު ކުރަން ބުނެދޭނީ ރަނގަޅު ވަގުތުގައެވެ. ރަނގަޅު މޫޑުގައި ހުރެގެންނެވެ. އަދި އެހާމެ މަޑުމައިތިރި ކަމާއެކުގައެވެ. ދެންއޮތީ އަޖައިބު ކުރުވަނިވި ވާހަކައަކަށް ވެދާނެއެވެ. އަންހެނުން ބޭނުންވާ ކަންކަން އެމީހުން ނުބުނަނީސް ދެނެގަންނަ ފިރިންދެކެ އަނބިން ވަރަށް ލޯބިވާނެއެވެ. އެހެން ކަމުން ތިބާވާ ވާންވާނީ އަނބި މީހާގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދަންނަ ފިރިއަކަށެވެ. އޭނާގެ ސިކުނޑިއަށް އަރާ އެއްޗެއް ނުވަތަ އޭނާ ބޭނުންވާ ކަމެއް ދެނެގަންނާށެވެ. އެކަން ކުރަން ދަސްވާނީ ގިނަ ވަގުތު އަނބިމީހާއާ އެކު ހޭދަކޮށްގެންނެވެ. ކުރުކޮށް ބުނާ ކަމަށްވާނަމަ އަންހެނުންގެ ހިތުގައި އޮތް އެއްޗެއްވެސް ފިރިމީހާއަށް އެނގެންޖެހެއެވެ. މިއީ ގިނަ އަންހެނުންގެ ވިސްނުން ހުންނަ ގޮތެވެ.

ހަދިޔާ ދިނުން

ހަދިޔާދީ އުޅެންވީ ކޮންމެހެން ވަކި ދުވަހެއް ފާޖަގަ ކުރަންވީމައެއް ނޫނެވެ. ދޭތެރެއަކުން ވަރަށް އާދައިގެ އެއްޗެއް ދީގެންވެސް ގުޅުން ބަދަހި ކުރެވިދާނެއެވެ. ގިނަ އަންހެނުންނަކީ "ސަޕްރައިޒް" ކަންކަމަށް ވަރު ހުންނަ ބައެކެވެ. އެހެން ކަމުން ތިބާގެ ބައިވެރިޔާ އުފާވާނެ ފަދަ ސަޕްރައިޒް ދެވިދާނެއެވެ.

ދުވަސްތައް ފާހަގަކުރާއިރު އާންމުކޮށް ހާދިޔާގެ ގޮތުގައި ދީ އުޅެނީ މަލެވެ. ޗޮކްލެޓެވެ. ކާޑެކެވެ. އެހެންނޫނީ ސެންޓް ފުޅިއެކެވެ. އޭގެ ބަދަލުގައި ކިތަންމެ އަގުހެޔޮ އެއްޗެއްވެސް އޭނާއަށް މުހިންމު ވެދާނެއެވެ. ގަޔާވެދާނެއެވެ. އެހެން ކަމުން އާންމުކޮށް ހަދިޔާގެ ގޮތުގައި އެހެން މީހުން ނުދޭ އެއްޗެއް ތިބާގެ ބައިވެރިޔާއަށް ދެވޭތޯ ބަލާށެވެ.

މިވަރަކުން އަދި ފަރުނުޖެއްސޭނެއެވެ. މި ޒަމާނުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ވަރަށްގިނަ ވަގުތު ދެމީހުން ވަކިން އުޅެން ޖެހެއެވެ. ދެ މީހުން ވާޒީފާގައެވެ. ނުވަތަ ކޮންމެވެސް އެކަކު ވަޒީފާ ގައެވެ. އެހެން ވުމުން އެކުގައި ހޭދަކޮށްލާނެ ވަގުތު ހިތްހަމަޖެހޭ ވަރަށް ނުލިބިދާނެއެވެ. އެހެން ކަމުން އުފާވާ ޒާތުގެ އެސްއެމްއެސް އެއް ކޮށްލާށެވެ. މިކަން ކުރާނީ ފޫހިނުވާ ވަރަށް ދޭތެރެ ދުރުކޮށްނެއެވެ. ބޭނުމަކީ އޭނާގެ މަތިން ހަނދާންވާކަން އަންގައި ދިނުމެވެ. ލޯބިވާ މިންވަރު ނުވަތަ "ކެއަރ" ކުރާ މިންވަރު ބުނެދިނުމެވެ.

އަނބި މިހާ އުފާ ކުރުމަށް އެންމެ ކަމެއް ދެ ކަމެއް ރަނގަޅަށް ކޮށްގެން ކާމިޔާބެއް ނުވާނެއެވެ. ހުރިހާ ކަމެއްވެސް އޭނާ އުފާވާ ގޮތަށް ކޮށްދެވޭތޯ ބަލާށެވެ. އޭނާއަށް އިހުތިރާމް ކުރާށެވެ. ރައްޓެހިންނާއި އާއިލާގެ މީހުންގެ ކުރިމަތީގާއި އޭނާއަށް ތައުރީފް ކުރާށެވެ. އެކަމަކު ހައްގުނުވާ ތައުރީފެއް ކޮށްގެން ނުވާނެއެވެ.

އަންހެނުންނަކީ ހުރިހާ ގޮތަކުންވެސް ނާޒުކު ބައެކެވެ. އެ މީހުންކުރާ ކުދިކުދި ކަންކަމަށް މާފު ކުރުމަކީ އުފަލަކަށް ހަދާށެވެ. އެހެންނަމަވެސް މާފު ކުރުމުގެ ކުރިން އޭނާއަށް ނަސޭހަތް ދޭށެވެ. ނަސޭހަތް ދިނުމުގައި މަޑުމައިތިރި ކަމާއި އޯގާތެރިކަން އިސްކުރާށެވެ. ވަގުތާއި ހާލަތާ ނުބައްދަލު ގޮތަކަށް އަނބިމީހާއާ މުހާތަބު ނުކުރާށެވެ.

އަނބިމީހާއާ އެކު ބޭރުގައި އުޅޭއިރު އިޖުތިމާއީ މިންގަޑުން ބޭރު ނުވާށެވެ. އެއީ އެ މިންގަނޑުން ބޭރުނުވިޔަސް އެއީ ދެމަފިރިންކަމަށް އެދެމީހުންނަށް އެނގޭނެތީއެވެ. ދެމަފިންނަށް ވުމަކީ ކޮންމެތަނެއްގައި ބޭނުން ގޮތަށް އުޅުމަށް ދެވިފައިވާ ލައިސަންސެއް ކަމަށް ގަބޫލު ނުކުރާށެވެ.

އަނބި މީހާ އުފާކޮށްދިނުމަށް ފައިސާތަކެއް ހަރަދު ކުރާކަށް ނުޖެހެއެވެ. ވަރަށް ކުޑަ އެއްޗަކުން އެކަން ކުރެވިދާނެއެވެ. ބޭރުން އަންނައިރު އާދައިގެ އެއްޗެއް ގެނެސް ދިނަސް އޭނާއަށް އެއީ ވަރަށް އަގުބޮޑު އެއްޗަކަށްވާނެއެވެ. މުހިންމު އެއްޗަކަށްވާނެއެވެ.

އޭނާއަށް ލިބޭ އުފާތަކުގައި ބައިވެރިވާށެވެ. ހިތާމަތަކުގައި ހިތްވަރު ދޭށެވެ. ލޯބިވާ މިންވަރު ބުނެދޭށެވެ. ބައިވަރު އަންހެނުންގެ ތެރެއިން އޭނާ އިހްތިޔާރުކުރި ސަބަބު ބުނެދޭށެވެ. މިއިން އެއްވެސް ކަމެއް އޭނާ ފޫހިވާ ހިސާބަށް ނުގެންދާށެވެ. އެކަން ކުރަން ޖެހޭނެ މިންގަނޑެއް ވެއެވެ. އެއީ އަބަދުވެސް އެ ކަންކަމަށް އޭނާ ބޭނުން ވެފައި ހުންނާނެ މިންގަނޑެވެ.

ދިމާވާ ކަންކަމުގައި ދެ މީހުން ދެމީހުންނަށް މާފުކުރާށެވެ. ޒުވާބު ކުރުމުގެ ބަދަލުގައި ވާހަކަ ދައްކާށެވެ. އަކަމެއް ދިމާވި ސަބަބު ހޯދާށެވެ. އެފަހުން އަވަހަށް އެ ސަބަބު ނައްތާލާށެވެ. އެކަކު ނުރުހޭ ކަންކަން ކުރުން އަނެކަކު ހުއްޓާލާށެވެ.

ދެމަފިރިންގެ ގުޅުން ބަދަހިކޮށް އުޖާލާ ކުރުމަށް އާދައިގެ ކަންކަން އަތްމަތީގައި އެބަހުއްޓެވެ. އެކަންކަން ދެމީހުންވެސް ދެނެގަންނާށެވެ. އަނބިމީހާ އުފާކޮށްދިނުމަށް ފިރިމީހާ މަސައްކަތްކުރާ ބީދައިން އަނބިމީހާވެސް ފިރިމީހާ އުފާކޮށްދީ ހިތްހަމަ ޖައްސައި ދިނުމަށް މަސައްކަތް ކުރަންވާނެއެވެ. ދެ މީހުންނަށްވެސް އުފާލިބޭނީ އިތުބާރެއް ގާއިމް ކުރެވިގެންނެވެ. އެކަކު އަނެކެއްގެ އިހުސާސް ދަސްކޮށްގެން އެއަށް އަމަލު ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް