"ރާޒުވާ ކުޅުމަކީ ހަރާމްކަމެއް"

image

ރާޒުވާ ކުޅުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް ބުނެ ސައުދީއަރަބިއްޔާގެ އެންމެ އިސް މުފްތީ ފަތުވާއެއް ނެރުއްވައިފިއެވެ.

ޝައިޚް އަބްދުލް އަޒީޒް އަލް ޝެއިޚް، މިގޮތަށް ފަތުވާ ނެރުއްވީ އާންމު މީހުންގެ ސުވާލް ތަކަށް ޖަވާބް ދޭ ޓީވީ ޕްރޮގްރާމެއްގައި، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝޭޚް ވިދާޅުވި ގޮތުގައި ރާޒުވާ ހިމެނެނީ ޖުވާކުޅުމުގެ ތެރޭގައި ކަމަށާއި އެއީ ލާރި އަދި ވަގުތު ބޭކާރު ކުރުމުގެ އިތުރުން ދެ ކުޅުންތެރިން ދެމެދު ރުޅިވެރިކަން އުފައްދާ އެއްޗެއް ކަމަށެވެ. ޝޭޚް މިކަމުގައި ޤުރުއާނަށް ރިއާޔަތްކޮށް ވިދާޅުވެފައިވަނީ "ޖުވާ ކުޅުމާއި މަސްތުވުމާއި ބުދަށް އަޅުކަން ކުރުމާއި ކުރިމަގުގައި ވާކަން ބެލުމަކީ ހަރާމް ކަމެއް ކަމުގައެވެ.

މީގެ ކުރިން އިރާޤްގެ ޝީޢީ ލީޑަރު އާޔަތުﷲ އަލީ އަލް-ސިސްތާނީ ވެސް ވަނީ ހަމަ މިގޮތަށް ފަތުވާއެއް ނެރުއްވާފައެވެ. 1979 ގެ އިސްލާމީ އިންޤިލާބަށް ފަހު އިރާނުގައިވެސް ރާޒުވާ ކުޅުން މަނާ ކޮށް ހަރާމް ކަމެއް ކަމުގައި އޭރުގެ އިސްކޮށް ތިބި ދީނީ އިލްމުވެރިން ނިންމެވިއެވެ. ނަމެވެސް މިކަން 1988ވަނަ އަހަރު އޭރު އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ރޫހުﷲ ޚުމައިނީ ވަނީ ބަދަލުކޮށް އެއީ ޖުވާ ކުޅުން އެކުނުލެވޭނަމަ ހުއްދަ ކުޅިވަރެއް ކަމައް ކަނޑައަޅާފައެވެ. އިރާނުން މިހާރު ދަނީ ޤައުމުން ބޭރުގެ ރާޒުވާ މުބާރާތް ތަކުގައި ބައިވެރި ވަމުންނެވެ.

17 ވަނަ ޤަރުނުގައި މުސްލިމުން ފާރިސީން ބަލިކުރުމަށްފަހު މި ކުޅިވަރު ހުޅަނގުގައި މަޝްހޫރު ކުރުވީ މުސްލިމުން ކަމުގައި ބެލެއެވެ. ދީނީ އިލްމްވެރިން ރާޒުވާ ހިމަނާފައިވަނީ ހުނަރުގެ ކުޅިވަރެއް ގޮތުގައި އާއި ދިނާ ޚިލާފް ނުވެ، ދީނީ ވާޖިބް ތަކަށް ހުރަސް ނޭޅެހާ ހިންދަކު ހުއްދަ އެެއްޗެއްގެ ގޮތުގައެވެ.

ޢާޔަތުﷲ ޚުމެއިނީގެ ނިންމެވުމަށް އޝާރާތް ކުރައްވަމުން (ބީ.ބީ.ސީ) އަށް ދެއްވި އިންޓަވިއެއްގައި މަޝްހޫރު އިނގިރޭސި ކުލުންތެރިޔާ، ނައިޖެލް ޝޯޓް ބުނެފައިވަނީ ރާޒުވާ އަކީ އެއްވެސް ގޮތަކަށް މުޖްތަމައަށް ގެއްލުން ދޭއެެއްޗެއް ނޫން ކަމަށާއި އިރާނުގެ ރޫހީ ލީޑަރަށް މިކަން ފެނި ޤަބޫލް ކުރެވޭތީ ކަމައް އެބޭފުޅާގެ އަމިއްލަ ނިންމުމެއް ބަދަލް ކުރެއްވީ ކަމުގައި ބުނެފައިވެއެވެ.

މުފްތީގެ މި ފަތުވާ އަށް އަމަލްކޮށް މިކަން ބަލާ ފިޔަވަޅު އެޅުން ދުރު ކަމުގައި ގިނަބަޔަކު ދެކެއެވެ. އެއީ މިހެން ވިދާޅުވެފައި ވަނީ އަމިއްލަ ރައުޔަށް ކަމަށް ވުމާއެކު މިއީ ދެއްވި ނަސޭހަތެއް ކަމައް ގިނަ މީހުން ޤަބޫލް ކުރެއެވެ. އިސްލާމް ދީނުގައި ރާޒުވާއާ ގުޅިގެން ގިނަ އިލްމުވެރިންގެ ރައުޔަކީ، އިސްލާމްދީނާ ފުށުނާރާހާ ހިނދަކު އަދި ދީނީ އެއްވެސް ރުކުނަކަށް ހުރަސް ނޭޅޭހާ ހިނދަކު ހުއްދަ ކުޅިވަރެއް ކަމުގައިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް