ދެހާސް ފަނަރަ: އެންމެ ހޫނު އަހަރު

image

ދުނިޔޭގެ ފިނިހޫނުމިނުގެ ރެކޯޑް ބަލަހައްޓަން ފަށައިފައިވަނީ 1880 ގެ އަހަރު ތަކުގައެވެ.

އެފަހުން މިހާތަނަށް އެންމެ ހޫނު އަހަރުގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 2015 ވަނަ އަހަރެވެ. އެކަން ކަށަވަރު ކޮށްދީފައިވަނީ ނާސާއިންނާއި، އެމެރިކާގެ "ނެޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން" (ނޯއާ) އިން ނެވެ.

ނާސާ އާއި ނޯއާއިން ވަކިވަކިން ހެދި ދިރާސާ އިން ދައްކާގޮތުގައި 2014 ވަނަ އަހަރަށްވުރެ 2015 ވަނަ އަހަރު ހޫނުމިން ވަނީ 0.13 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފައެވެ. މިހާތަނަށް އެންމެ ހޫނުގަދަ ސޯޅަ އަހަރުވަނީ ރެކޯޑި ކުރެވިފައެވެ. މިއަހަރު ތަކުގެ ތެރެއިން 2015 ވަނަ އަހަރަކީ 2001 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހޫނު ގަދަވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ 15ވަނަ އަހަރެވެ.

ނާސާގެ އެޑްމިނިސްޓްރޭޓަރ ޗާލްސް ބޯޑެން ވިދާޅުވެފައި ވަނީ، މިކަމުން ދައްކުވައި ދެނީ ނާސާގެ ދުނިޔެ ބަލައި ދިރާސާ ކުރުމުގެ ޕްރޮގްރާމް ގެ މުހިންމު ކަން އެކަނި ނޫން ކަމަށެވެ. މިކަމުން މޫސުމައް އަންނަ ބަދަލުތަކާ މެދު ކަމާ ބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅު ތަކެއް ވެސް އަޅަން ޖެހިފައި ވާކަން ދައްކުވައިދޭ ކަމަށެވެ.

ނާސާގެ ދިރާސާތަކަށް މައުލޫމާތު ފޯރުކޮއްދެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ވެފައިވާ މޫސުމާ ބެހޭ ހަހާސް ތިންސަތޭކަ، އިދާރާ އަކުންނެވެ. މީގެ އިތުރަށް ގިނަ އަދަދެއްގެ ކަނޑު އުޅަނދުފަަހަރުންނާއި ކަނޑުގެ އެކި ސަރަހައްދު ތަކުގައި ބެހެއްޓިފައިވާ ބޮއި ތަކުން ނަގަމުންދާ ކަނޑުގެ ފިނި ހޫނުމިނާއި، މީގެ އިތުރުން އެންޓާޓިކާގެ ރިސާޗް ސްޓޭޝަން ތަކުންނެވެ. 2014 ވަނަ އަހަރު ދުނިޔޭގެ ހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމަށް ފަހު މިދިޔަ އަހަރުވެސް، މިއަށްވުރެ މައްޗަށް ހޫނުމިން ދިއުމަކީ ދުނިޔެ ހޫނުވުން، ނުވަތަ "ގްލޯބަލް ވާމިންގް" ގެ ހެއްކެއް ކަމަށް ސައެންސްވެރިން ޤަބޫލް ކުރެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔެ ހޫނު ނުވާނަމަ މިގޮތަށް ޖެހިޖެހިގެން ދެއަހަރު ރެކޯޑް މިންވަރަކައް ހޫނުވުމަކީ ކޮންމެ 1500 އަހަރަކުން ވުން ކައިރި ކަމެކެވެ. ނަމަވެސް މިހާރު މިއަދަދު އޮތީ ކޮންމެ 10 އަހަރަކަށް ބަދަލް ވެފައެވެ.

މިގޮތަށް މިކަން ދިމާވާ ސަބަބު ތަކެއްވެސް އެބަ ހުއްޓެވެ. "އެލް ނިނޯ"ގެ ނަން ދެވިފައިވާ މޫސުމީ އާދަޔާ ޚިލާފް ގުދުރަތީ ހާދިސާ އަކީ 2015 ވަނަ އަހަރު މިވަރަށް ހޫނު މިން މައްޗައް ދިއުމުގައި މުހިންމު ދައުރެއް އަދާ ކުރި ސަބަބެކެވެ. މިކަމުގެ ސަބަބުން 2016 ގައިވެސް ހޫނު މިން އިތުރުވެދާނެއެވެ. އެލްނީނޯ އަކީ އިކުއޭޓަރ ސަރަހައްދުގައި ހުޅަނގު ޕެސިފިކް ކަނޑު ސައުތު އެމެރިކާގެ އިރުމައްޗަށް އާދަޔާ ޚިލާފަށް ހޫނު ވުމުން ކިޔާ ނަމެކެވެ. ނަމަވެސް ނާސާއިން ބުނާ ގޮތުގައި އާދަޔާ ޚިލާފް ރިކޯޑް މިންވަރަކަށް މައްޗަށް ދިއުމަކީ ދިގު މުއްދަތެއްގައި ހޫނުމިން އިތުރުވުމުގެ ސަބަބުން ވާ ކަމެއް ކަމުގައިއެވެ.

ކުރިއަށް އޮއްތަނުގައިވެސް ނާސާ އިން ދުނިޔޭގެ ފިނިހޫނުމިން އިތުރުވާނެ ކަމަށް ލަފާ ކޮށްފައިވާއިރު، ޖެހިޖެހިގެން 3 އަހަރު މިހާ ބޮޑަށް އިތުރުވުން އެއީ ދުވަހަކުވެސް ފެނިފައި ނުވާކަމެއް ކަމުގައި ނާސާ އިން ބުނެއެވެ. ކުރިއަށް އޮތް ތަނުގައި ހޫނުމިން އިތުރު ވުމަކީ އަޅުގަނޑުމެން ދިވެހިންނަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް